Roadha Mihaaru
ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އިސްތިއުފާ ދެއްވަނީ

ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ މަނިކު އިސްތިއުފާ ދެއްވަނީ

27 އޯގަސްޓް 2017

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯގެ މަގާމުގައި ހުންނެވި ހަސަން މަނިކު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯގެ މަގާމުގައި ހުންނެވި ހަސަން މަނިކު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި އެވެ.

ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެ ކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ކުންފުނީގެ ބޯޑަށް ފަންނީ ލަފާދެއްވުމުގައި މަނިކު ދެމިހުންނަވާނެ އެވެ. އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްޓޮކް އެކްސްޗޭންޖްގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ވެސް މަނިކު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

"މިހާރު" އަށް މައުލޫމާތު ދެއްވަމުން މަނިކު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ، އަމިއްލަ މަސައްކަތެއް ކުރެއްވުމަށް ކަމަށެވެ. އިސްތިއުފާ ދެއްވާނީ އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަނު ކުރުމުން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުގެ ކެރިއާގައި ލިބުނު އެންމެ މުހިންމު އެއް ފުރުސަތު. ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް މިއަދު މި އަންނަނީ އިތުރަށް ފުޅާވެ، ތަރައްގީވަމުން. ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތައް އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު ސްޓޮކް އެކްސްޗޭންގެ ދައުރު ވަރަށް ބޮޑު،" ހަ އަހަރަށް ފަހު މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވަމުން މަނިކު ވިދާޅުވި އެވެ.

"މި ދާއިރާ ހަރުދަނާ ކުރުމަށް އޮތް ޖާގަ ވެސް ބޮޑު. މާލީ ދާއިރާ އަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ބޭފުޅުންގެ ހުނަރާއި ކްރިއޭޓިވިޓީ އަދި ޓެކްނިކަލް ނޮލެޖް ތަންފީޒު ކުރުމަށް ސްޓޮކް އެކްސްޗޭންޖުން ލިބިގެންދާނެ."

ސްޓޮކް އެކްސްޗޭންޖްގެ ޗެއާމަން އަލާއު-- ފޮޓޯ: މިހާރު

ސްޓޮކް އެކްސްޗޭންޖްގެ ޗެއާމަން އަލާއު-- ފޮޓޯ: މިހާރު

ސްޓޮކް އެކްސްޗޭންޖްގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަލާއު އަލީ ވިދާޅުވީ، ދުވަހަކު ވެސް ދެކިފައި ނުވާ ވަރަށް މަނިކު ވަނީ އެ ކުންފުނީގެ މަސައްކަތްތައް ތަރައްގީކޮށް ދެއްވާފައި ކަމަށެވެ.

"މި ކުންފުންޏަށް މަނިކު ހިދުމަތްކޮށްދެއްވީ ޝައުގުވެރިކަމާއި ފަންނީ ހުނަރުވެރިކަމާ އެކު. މަނިކުގެ ލީޑާޝިޕްގެ ދަށުން ރާއްޖޭގެ ހިއްސާގެ މުއާމަލާތް ކުރުމަށް އޮންލައިން ޕޯޓަލްއެއް ތަރައްގީ ކުރެވުނު. މިއީ މި ދާއިރާ އަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް،" އަލާއު ވިދާޅުވި އެވެ.

އާ ސީއީއޯއެއް ހޯދުމަށް މިިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނިން ވަނީ އިއުލާނު ވެސް ކޮށްފަ އެވެ. އިއުލާނުގައި ބުނެފައިވަނީ ފައިނޭންސް، އެކައުންޓިން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީއަކާއި އެކު، ގުޅޭ ދާއިރާއަކުން އަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މި މަހުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސްޓޮކް އެކްސްޗޭންޖަކީ 2008 ވަނަ އަހަރު ޕްރައިވެޓް ސެކްޓާ ސްޓޮކް އެކްސްޗޭންގެ ގޮތުގައި، ސީއެމްޑީއޭ އިން ލައިސަންސް ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ދެފުށް ފެންނަ އުސޫލުން ކުންފުނިތަކަށާއި އާންމުންނަށް ހިއްސާގެ ބާޒާރު ހުޅުވާލަދިނުމެވެ.