Roadha Mihaaru
އެވަޓަން އަތުން ބަލިވެ އާސެނަލަށް ފުރުސަތު ގެއްލިއްޖެ

އެވަޓަން އަތުން ބަލިވެ އާސެނަލަށް ފުރުސަތު ގެއްލިއްޖެ

14 ޑިސެމްބަރ 2016

ލިވަޕޫލް (ޑިސެމްބަރު 14) – އެވަޓަން އަތުން 2-1 އިން ބަލިވުމުން، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް އަރަން ލިބުނު ފުރުސަތު އާސެނަލަށް ގެއްލިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލިވަޕޫލް (ޑިސެމްބަރު 14) – އެވަޓަން އަތުން 2-1 އިން ބަލިވުމުން، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް އަރަން ލިބުނު ފުރުސަތު އާސެނަލަށް ގެއްލިއްޖެ އެވެ.

އެވަޓަންއާ ވާދަވެރި ލިވަޕޫލް އަތުން ލީގުގެ ފުރަތަމަ މެޗުގައި އޮގަސްޓް މަހު ބަލިވި ފަހުން އާސެނަލް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ މެޗަކުން ރޭ ބަލިވިއިރު އެ ޓީމު އަދިވެސް އޮތީ 34 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެކަމަކު ތިން ވަނައިގައި 31 ޕޮއިންޓާ އެކު އޮތް ލިވަޕޫލް މިރޭ މިޑްލްސްބަރާ އަތުން ތިން ލަނޑުގެ ތަފާތަކުން މޮޅުވެއްޖެ ނަމަ އެ ޓީމު ދެ ވަނަ އަށް އަރައި އާސެނަލް ތިން ވަނަ އަށް ވެއްޓޭނެ އެވެ. އަދި އެއް ވަނައިގައި 37 ޕޮއިންޓާ އެކު ޗެލްސީ މިރޭ ސަންޑަލެންޑް އަތުން މޮޅުވެއްޖެ ނަމަ އެ ޓީމަށް އާސެނަލްގެ މައްޗަށް ހަ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.

އަނެއްކޮޅުން އޮކްޓޯބަރުގެ ފަހުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދި އެވަޓަން ވަނީ 23 ޕޮއިންޓާ އެކު ހަތް ވަނަ އަށް އަރައިފަ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލުން ރަނގަޅަށް ކުޅުނުއިރު ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މި ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒެވެ. ޑީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ އެވަޓަންގެ އޭޝްލީ ވިލިއަމްސްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

އެވަޓަން އިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ލެއިޓަން ބެއިންސް ހުރަސްކުރި ބޯޅަ ގޯލަށް ވައްދާލީ ސީމަސް ކޯމަން އެވެ. އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް އެވަޓަން މޮޅުކޮށްދިނީ އެ ޓީމު ކޮޅަށް ފުރަތަމަ ގޯލް ވަން އިރު ގޯސް ހެދި ވިލިއަމްސް އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ވިލިއަމްސް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. މެޗުގެ އިތުރު ވަގުތު އެވަޓަންގެ ކެޕްޓަން ފިލް ޖެގިއެލްކާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މެޗުން ބަލިވުން އެ ޓީމަށް ހައްގު ނޫން ކަމަށާއި ދެ ގޯލް ވަނީ ވެސް މަތިން އައި ބޯޅަތައް ރަނގަޅަށް ނުނެގިގެން ކަމަށެވެ.

"އަހަރެމެން އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ކޮންޓްރޯލްކުރިން. އެކަމަކު އެވަޓަންގެ ދެ ޑިފެންޑަރުން އަހަރެމެން ކޮޅަށް ގޯލް ޖެހީ. އެވަޓަން އިން ކުޅުނީ ކަޕް މެޗެއްގައި ކުޅޭ ގޮތަށް،" ވެންގާ ބުންޏެވެ. "އަހަރެމެންނަށް ފުރުސަތު ލިބުނު އެކަމަކު ސީދާ ގޯލަށް ވައްދާލެވޭ ފަދަ މަދު ފުރުސަތެއް ހޯދުނީ."