Roadha Mihaaru
އަގުހުރި ހިދުމަތްތެރިންތަކެއް ވަކިވި އަހަރެއް

އަގުހުރި ހިދުމަތްތެރިންތަކެއް ވަކިވި އަހަރެއް

01 ޖެނުއަރީ 2022

ސަރުކާރުގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ބޭފުޅުންނާއި ތައުލީމާއި ސިއްހިތާއި ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު ނަންތަކެއް، އަދި އަގުހުރި ހިދުމަތްތެރިކަންތަކެއް މިދިޔަ އަހަރު އަޅުގަނޑުމެންނާ ވަކިވި އެވެ. މިދިޔަ އަހަރު އަލްވަދާއު ކި، ރާއްޖެ އަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ޝަހުސިއްޔަތުންގެ ލިސްޓު ވަރަށް ދިގެވެ. ތަފުސީލުކޮށް މި ހިމަނާލަނީ އޭގެ ތެރެއިން ބައެއް ބޭފުޅުންނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ބޭފުޅުންނާއި ތައުލީމާއި ސިއްހިތާއި ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު ނަންތަކެއް، އަދި އަގުހުރި ހިދުމަތްތެރިކަންތަކެއް މިދިޔަ އަހަރު އަޅުގަނޑުމެންނާ ވަކިވި އެވެ. މިދިޔަ އަހަރު އަލްވަދާއު ކި، ރާއްޖެ އަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ޝަހުސިއްޔަތުންގެ ލިސްޓު ވަރަށް ދިގެވެ. ތަފުސީލުކޮށް މި ހިމަނާލަނީ އޭގެ ތެރެއިން ބައެއް ބޭފުޅުންނެވެ.

އުމަރު ޒާހިރު

އުމަރު ޒާހިރު ބައިވެރިވެވަޑައިގެންނެވި ރަމިއްޔާތެއްގެ ތެރެއިން.-- ފައިލް ފޮޓޯ

އުމަރު ޒާހިރު ބައިވެރިވެވަޑައިގެންނެވި ރަމިއްޔާތެއްގެ ތެރެއިން.-- ފައިލް ފޮޓޯ

ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، އަދި އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު، އުމުރުފުޅުން 85 އަހަރުގައި އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޑިސެމްބަރު 20، 2021 ގައި އެމަނިކުފާނު އަވަހާރަވީ ހާލުކޮޅު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އުމަރު ޒާހިރު ވަނީ 1983 އިން 2008ގެ ނޮވެމްބަރުގެ ނިޔަލަށް ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މިިނިސްޓަރުކަން ކުރައްވައިފަ އެވެ. މާލޭގެ މަގުތަކުގައި ގާއެތުރުމުގެ މަޝްރޫއު ފެށުމާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫއާއި ތިލަފުށި ހިއްކައި އެތަނުގައި ކުނި އަންދަން ފެށުމާއި މާލޭގެ އާޓިފިޝަލް ބީޗް ހެދުން ކަހަލަ ވަރަށް ބޮޑެތި މަޝްރޫއުތައް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ވަނީ ހިންގަވައިފަ އެވެ.

އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު)

ކަރަންކާ ރަޝީދު

ކަރަންކާ ރަޝީދު

ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވައި، ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި، ނިޝާން ޣާޒީ އިއްޒަތުގެ ވެރިޔާ، އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) ޖެނުއަރީ 31، 2021 ގައި، މާލޭގައި އަވަހާރަވި އެވެ. އުމުރުންފުޅުން 92 އަހަރުގައި އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވީ ފަހުންނެވެ. ކަރަންކާ ރަޝީދަކީ މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ސަރުކާރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަމުގެ އިތުރުން އެތައް މިނިސްޓްރީއެއްގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ނާއިލާ އިބްރާހިމްކަލޭފާނު

ނާއިލާ: ހިތްހެޔޮ ބޭފުޅެއް

ނާއިލާ: ހިތްހެޔޮ ބޭފުޅެއް

އަމީނިއްޔާ ސްކޫލްގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކުރައްވައި، އެތައް ހާސް ކުދިންނަކަށް ތައުލީމު އުނގައްނައިދެއްވި އަދި ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން، ނާއިލާ އިބްރާހިމްކަލޭފާނު އަވަހާރަވީ އެޕްރީލް 17، 2021 ގަ އެވެ. އަމީނިއްޔާގެ ދަރިވަރުންގެ މެދުގައި ނާއިލާ މަޝްހޫރުވީ "ނާއިލާ މިސް"ގެ ނަމުގަ އެވެ. ސްރީ ލަންކާ އާއި ނިއު ޒީލެންޑުން ކިޔަވައި ވިދާޅުވުމަށް ފަހު، ރާއްޖެ ވަޑައިގެން ތައުލީމީ ދާއިރާއާ ނާއިލާ ގުޅިވަޑައިގަތީ 1972 ހިސާބުގަ އެވެ.

އިސްމާއިލް ފަތުހީ

އިސްމާއިލް ފަތުހީ

އިސްމާއިލް ފަތުހީ

އެކައުންޓިން ދާއިރާ އަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ކުރީގެ އޮޑިޓަ ޖެނެރަލް އިސްމާއިލް ފަތުހީ ކޮވިޑް ބަލީގެ އާލާސްކަންފުޅުގައި، އުމުރުން 80 އަހަރުގައި އަވަހާރަވީ 23 މެއި، 2021 ގަ އެވެ. ނޮވެމްބަރު، 1993 އިން ޖެނުއަރީ 16، 2008 އަށް އޭނާ ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި އެކައުންޓިން ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި އެވެ. ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް ރާއްޖޭގައި ބުކްކީޕިން ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމާއި އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްކުރާ މީހުން މާލެ ގެނެސް ތަމްރީނުކުރުމުގައި އޭނާ އަގުހުރި މަސައްކަތްތަކެއް ކުރައްވައިފައިވެ އެވެ.

ހޮޅުދޫ އަބްދުﷲ

ހޮޅުދޫ އަބްދުﷲ ހަސަން.-- ފައިލް ފޮޓޯ: ޕީއެސްއެމް

ހޮޅުދޫ އަބްދުﷲ ހަސަން.-- ފައިލް ފޮޓޯ: ޕީއެސްއެމް

އުމުރުފުޅުން 83 އަހަރުގައި، ދިވެހި ލަވައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ، ރާއްޖޭގެ މިއުޒިކީ ލެޖެންޑު ހޮޅުދޫ އަބްދުﷲ ހަސަން އަވަހާރަވީ ނޮވެމްބަރު 19، 2021 ގަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަބްދުﷲ ހަސަން އަވަހާރަވީ އައިޖީއެމްއެޗްގަ އެވެ. ދިވެހިންގެ ހިތް އަތުލި "އޯވަޒަން" އާއި "ވަޑައިގަންނަވާށޭ.. ކުލާހަށް އަސާސީ..." ފަދަ މަޝްހޫރު ލަވަތައް ކިޔުއްވި ހޮޅުދޫ އަބްދުﷲ އަށް ލަވަ ކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ.

މިދިޔަ އަހަރު ވަކިވި އެހެން ޝަހުސިއްޔަތުން

- މީގެ ބައި ގަރުނެއްހާ ދުވަސް ކުރިން ރާއްޖޭގައި މަޝްހޫރުކަން ހޯދި ފިނިބުއިމެއް ކަމަށްވާ "ޑޮން ޑޮން" ގެ ބާނީ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު).

- ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާގެ ޑިޒައިންތައް ކުރެއްސެވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ).

- ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ޒާހިރު އާދަމް (ގައްދޫ ޒާހިރު).

- ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވިގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް.

- ރާއްޖޭގެ ކުރީގެ ރަދުން އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން އަދި 53 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވި މުހައްމަދު ނޫރައްދީން.

- ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ފާމުދޭރި އިބްރާހިމް ކިލޭގެފާނުގެ ދަރިކަނބަލުން ޖަމީލާ އިބްރާހިމް ދީދީ.

- ވެހިކަލް މަރާމާތުކޮށްދިނުމުގައި މާލޭގައި އެންމެ މަޝްހޫރު އެއް ގަރާޖު ކަމަށްވާ "ހަސަންފުޅު ގަރާޖު" ގެ ވެރިޔާ ހަސަން ގާސިމް (ހަސަންފުޅު).

- ދިވެހި އަދަބިއްޔާތަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކޮޕީ މުހައްމަދު ރަޝީދު.

- ދިވެހިންގެ ތެރެއިން ދެ ވަނަ އަށް އެމްބީބީއެސް ހާސިލްކުރެއްވި އަދި ރާއްޖޭގައި އެމްބީބީއެސް ޑޮކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތް ކުރެއްވި ޑރ. އަހުމަދު ލަތީފް.

- ކުޅިވަރާއި މިއުޒިކްގެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ތަރަބޫޒު އަހުމަދު ރިޒާ.

- ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ކުރެއްވި ހުސައިން ވަހީދު.

- ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ކޮއްޔަ ހަސަން މަނިކު.

- ފިލްމާއި ތަމްސީލު ކުޅުމުގައި ރާއްޖޭގެ އެންމެ މަތީ ސަފުގައި ގުނާލެވޭ، އަދި އެ ދާއިރާއިން ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ އިނާމް ހޯއްދަވާފައިވާ ހުނަރުވެރިޔާ ޗިޅިޔާ މޫސާ މަނިކު.