Roadha Mihaaru
އުމަރު ޒާހިރަކީ ލެޖެންޑެއް، ގައުމީ ހަޒާނާއެއް:މައުމޫން

އުމަރު ޒާހިރަކީ ލެޖެންޑެއް، ގައުމީ ހަޒާނާއެއް: މައުމޫން

20 ޑިސެމްބަރ 2021

ދިވެހި ދައުލަތަށާއި މުޅި ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ އުމަރު ޒާހިރަކީ ލެޖެންޑެއް އަދި ވަރުގަދަ "ގައުމީ ހަޒާނާ" އެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދިވެހި ދައުލަތަށާއި މުޅި ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ އުމަރު ޒާހިރަކީ ލެޖެންޑެއް އަދި ވަރުގަދަ "ގައުމީ ހަޒާނާ" އެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި އެންމެ އިސްކޮށް އުޅުއްވި އުމަރު ޒާހިރު އުމުރުން 85 އަހަރުގައި މިއަދު އަވަހާރަވުމާ ގުޅިގެން މައުމޫން "މިހާރު" އަށް ވިދާޅުވީ، އުމަރު ޒާހިރަކީ ވަރަށް އިހުލާސްތެރި، ވަފާތެރި ހިދުމަތްތެރިއެއް ކަމަށެވެ.

"އެފަދަ ދެވަނައެއް ނެތް ހިދުމަތްތެރިއެއް އެއީ. ގައުމީ ހަޒާނާއެއް، އެއީ ލެޖެންޑެއް އަޅުގަނޑުމެންނަށް،" މީގެ 38 އަހަރު ކުރިން ފެށިގެން ނޮވެމްބަރު 2008 އާ ހަމައަށް އެކި ވުޒާރާތައް ހިންގެވި އުމަރު ޒާހިރާ ގުޅޭ ގޮތުން މައުމޫން ވިދާޅުވި އެވެ.

"އުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް."

މައުމޫން ވިދާޅުވީ، ގައުމީ ތަރައްގީގައި އުމަރު ޒާހިރު އަމަލީ ގޮތުން ނޫޅުއްވާ ކަމެއް ނެތް ކަމަށާއި އެއީ "ވަރަށް ގަދައަށް މަސައްކަތް ކުރެއްވި" ބޭފުޅެއް ކަމަށެވެ.

"މިހެން ހުރެފައި ދަންނަވާކަށް ފަސޭހައެއް ނުވާނެ [އުމަރު ޒާހިރުގެ ހިދުމަތްތައް]،" އެ މަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭގެ ފަޅު ހިއްކުމުގެ މަޝްރޫއު އޮކްޓޫބަރު 16، 1997 ގައި އޭރުގެ ރައީސް މައުމޫން ފައްޓަވާއިރު، އެ މަނިކުފާނުގެ އަރިހުގައި އެ މަޝްރޫއުގެ އެއް މޭސްތިރިޔާ އުމަރު ޒާހިރު

ހުޅުމާލޭގެ ފަޅު ހިއްކުމުގެ މަޝްރޫއު އޮކްޓޫބަރު 16، 1997 ގައި އޭރުގެ ރައީސް މައުމޫން ފައްޓަވާއިރު، އެ މަނިކުފާނުގެ އަރިހުގައި އެ މަޝްރޫއުގެ އެއް މޭސްތިރިޔާ އުމަރު ޒާހިރު

މައުމޫން ވިދާޅުވީ، އުމަރު ޒާހިރުގެ ފަރާތްޕުޅުން ފެށުނީއްސުރެ ފެނިވަޑައިގަތީ އިހުލާސްތެރިކަން ކަމަށެވެ. އަވަރާވުމާ ހަަމައަށް ވެސް އެ ގުޅުން އެ މަނިކުފާނާއެކު ބޭއްވެވި ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެ އާލާސްކަންފުޅުގައި ހޮސްޕިޓަލަށް ގެންދަވަންދެން ކޮންމެ ދުވަހަކު ހެން އަޅުގަނޑު [އުމަރު ޒާހިރަށް] ގުޅައި ހާލުކޮޅު ބަލަމުން ގެންދިޔައީ. އޭރު ގަދަކޮށް ހުންނެވީ،" މައުމޫން ވިދާޅުވި އެވެ.

އަބަދުވެސް މައުމޫނާ ގާތް ގުޅުމެއް ބޭއްވެވި، އުމަރު ޒާހިރާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ، އެއީ ވެރިކަމުގައި "އެންމެ އިސް އެއް އެއް ބޭފުޅާ" ކަމަށެވެ.

"ސަރުކާރު ދިފާއު ކުރައްވައި، ސަރުކާރުގެ ހިދުމަތްތައް ތަރުތީބު ކުރައްވައި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އުމަރު ޒާހިރު. ހާއްސަކޮށް މާލޭގެ ކަންތައްތަކުގައި. އުމަރު ޒާހިރު ހާއްސަވެވަޑައިގެންފައި ހުންނެވީ މާލެ އާއި މާލެއާ ގުޅޭ ކަންތައްތަކުގައި،" މައުމޫން ވިދާޅުވި އެވެ.

އުމަރު ޒާހިރު އަވަހާރަވީ، އަމިއްލަ ހަރަދުގައި ފުވައްމުލަކުގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވުމަށް އެ ސިޓީ އަށް ކުރެއްވި ޒިޔާރަތަށް ފަހު، މާލެ ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދުގެ މެންދުރު އެވެ.