Roadha Mihaaru
ރިލްވާންގެ ތަހުގީގުގައި މުއައްސަސާތަކުގެ އިހުމާލު ބަލަނީ

ރިލްވާން ވަގަށް ނެގި މައްސަލާގައި އެތައް ހައްގެއް ވަނީ ގެއްލިފައި، އެޗްއާރުސީއެމުން ތަހުގީގެއް!

04 ޖެނުއަރީ 2022

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގައި އެތައް ހައްގުތަކެއް ގެއްލިފައިވާތީ އެކަމުގައި މުއައްސަސާތަކުން އިހުމާލުވިތޯ ބެލުމުގެ ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގައި އެތައް ހައްގުތަކެއް ގެއްލިފައިވާތީ އެކަމުގައި މުއައްސަސާތަކުން އިހުމާލުވިތޯ ބެލުމުގެ ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފަށައިފި އެވެ.

އެޗްއާރުސީއެމުން މި ތަހުގީގު ކުރާކަން ހާމަކޮށްފައި އޮތީ އެ ކޮމިޝަނުން އިއްޔެ އާއްމުކުރި ރިޕޯޓުގަ އެވެ.

ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމެންޓުން އޮގަސްޓް، 2014 ގައި އޭނާ ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަ މައްސަލައިގެ ތަހުގީގުގައި އަށް އަހަރު ވެފައިވިޔަސް އިންސާފާ ހަމައަށް އަދި ވާސިލެއް ނުވެވެ އެވެ. މި މައްސަލަ ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައި ނުވާތީ މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން ވެސް މިކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަގެންދެ އެވެ.

އެކަމަކު މިހާތަނަށް ހޯދުނު ކަންކަމުގެ ތަފްސީލެއް އާއްމެއް ނުކުރެ އެވެ.

އެޗްއާރުސީއެމުން ނެރުނު ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ 2020 ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައި ވަނީ ކަމާ ގުޅޭ އިދާރާތަކުން މި މައްސަލައިގައި އަމަލުކުރަމުން ދިޔަ ގޮތް މޮނިޓަކުރި ކަމަށެވެ. މިހާތަނަށް އެނގެން އޮތް ގޮތުގައި މި މައްސަލައިގައި ވަރަށް ގިނަ އިންސާނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން.

އެހެންވެ ކޮމިޝަނުން ނިންމީ މި މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި އިހުމާލުވެފައިވޭތޯ ދެނެގަތުމަށް ތަހުގީގެއް ކުރުމަށެވެ. މި މައްސަލަ މޮނިޓަރިން އިން ތަހުގީގަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެ ވަޅި ބޭރަށް ފޮނުވައިގެން ވަނީ ތަހުލީލުތަކެއް ހަދައިފަ އެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.

މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ރިލްވާން ގެއްލުވާލުމުގެ ތުހުމަތުކުރާ އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިލްވާން ވަގަށް ނެގި ރޭ ހުޅުމާލޭގައި، އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

މި މައްސަލައިގައި އިންސާފު ލަސްވެފައި ވަނީ މައްސަލާގައި އާއިލާ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.