Roadha Mihaaru
ހެއްކަކަށް ވަޅި ހުށަހަޅަން އިހުމާލުވުމުން ފިޔަވަޅުނާޅާ!

ހެކީގެ ގޮތުގައި ވަޅި ހުށަނޭޅި މީހުންނާ މެދު ފިޔަވަޅު ނާޅާތީ ކަންބޮޑުވެއްޖެ

10 ފެބުރުއަރީ 2021

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގެ މުހިއްމު ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ވަޅި ޝަރީއަތަށް ހުށަނާޅައި އިހުމާލުވި މީހުންނާ މެދު މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަން އެނގެން ނެތް ކަމަށް ބުނެ އާއިލާ އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގެ މުހިއްމު ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ވަޅި ޝަރީއަތަށް ހުށަނާޅައި އިހުމާލުވި މީހުންނާ މެދު މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަން އެނގެން ނެތް ކަމަށް ބުނެ އާއިލާ އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން ރިލްވާން ވަގަށް ނެގި ރޭ، އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ފެނުނު ވަޅިއަކީ ތަހުގީގުގައި މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށް މަރު ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ވަޅި ބޭރަށް ފޮނުވައިގެން ވަނީ ފޮރެންސިކް ތަހުލީލްތަކެއް ހަދައިފަ އެވެ.

ރިލްވާންގެ އާއިލާގެ ފަރާތުން، ޑިމޮކްރަސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނީ ރިލްވާންގެ އެޕާޓްމެންޓް ކައިރިން ފެނުނު ވަޅި ބޭރަށް ފޮނުވައިގެން ހެދި ފޮރެންސިކް ތަހުލީލުތަކުން އިތުރު ހެކި ލިބިފައިވުމަކީ އުއްމީދެއް ކަމަށެވެ.

"އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި ގެއްލުވާލާފައިވާ މައްސަލައާ ގުޅޭ ގޮތުން އިތުރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނުމަކީ އާއިލާއަށް އިތުރު އުއްމީދެއް ލިބޭ ކަމެކެވެ. އަދި ކޮމިޝަނުގެ ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު ހުރިހާ ފަރާތްތަކަކުން ވެސް ލަސްނުކުރައްވާ މައުލޫމާތު ހިއްސާކުރަން އާއިލާ އިން އެދެ އެވެ،" އާއިލާގެ ބަޔާނުގައިވެ އެވެ.

ރިލްވާނަށް ބިރުދައްކައި ގަދަކަމުން ކާރަށް އެރުވުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ތަހުލީލަށް ބޭރަށް ފޮނުވުމާ ހަމައަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ވަޅި ބޭރަށް ގެންދިޔައީ ބޭރުގެ މާހިރަކު ރާއްޖެ އައިސް ރިލްވާންގެ މައްސަލައިގެ ތަހުގީގުގައި ކޮމިޝަނާ އެކު މަސައްކަތްތަކެއް ކުރި ފަހުންނެވެ.

މަރު ކޮމިޝަންގެ ތަހުގީގުގައި ވަޅިން އާ ހެކި ހޯދިއިރު ފުލުހުންގެ އަތުގައި އެ ވަޅި އޮވެ ޝަރީއަތަށް ހުށަނޭޅުން އާއިލާ އިން ކުށްވެރިކުރެ އެވެ. އެ ވަޅި ހެއްކެއްގެ ގޮތުގައި ހުށަނާޅާ ކަން ޝަރީއަތުން ވެސް ފާހަގަކުރި ކަމަށް ބަޔާނުގައިވެ އެވެ. އާއިލާގެ ކަންބޮޑުވުމަކީ ހެއްކެއްގެ ގޮތުގައި އެ ވަޅި ޝަރީއަތަށް ހުށަހަޅަން އިހުމާލުވި ފުލުހުންނާއި ދައުލަތުގެ ވަކީލުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމެވެ.

އާއިލާ އިން ބުނިގޮތުގައި ވަޅި ޝަރީއަތަށް ހުށަނޭޅި މީހުންނާ މެދު ފިޔަވަޅު އެޅިކަން އެނގެން ނެތުމަކީ މި މިފަދަ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތާ މެދު އާއިލާއަށް ސުވާލު އުފެދޭ ކަމެކެވެ.

ބަޔާނުގައި ބުނީ ކޮމިޝަން އުފެދުނު ފަހުން ތިން އަހަރު ވި އިރު، އެ ކޮމިޝަނުން ތަހުގީގުކުރާ 27 މައްސަލައިގައި އެއްވެސް ބައެއްގެ މައްޗަށް ޖިނާއީ ދައުވާކުރެވޭ ހިސާބަށް ގޮސްފައި ނެތުމުން ކަންބޮޑުވާ ކަމަށެވެ. ދެ އަހަރު ތެރޭގައި ނިންމަން ކޮމިޝަނުން ބުނެފައިވާ މައްސަލަތަކުގެ ތަހުގީގު ވެސް ދިގުލައިގެން ގޮސްފައިވާ ކަން އާއިލާ އިން ފާހަގަކޮށްފައިވެ އެވެ.

ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އެއްކޮށްފައިވާ މައުލޫމާތާއި ޝާއިއުކޮށްފައިވާ ލިއުންތައް ދިރާސާކޮށް ތަހުގީގުގައި ބޭނުންކުރަން އާއިލާ އިން ގޮވާލި އެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.