Roadha Mihaaru
ހިޔާގެ ލިފްޓެއްގައި މީހަކު ތާށިވެ ދެ ގަޑިއިރު

ހިޔާގެ ލިފްޓެއްގައި މީހަކު ތާށިވެ ދެ ގަޑިއިރު

05 ޖެނުއަރީ 2022

ހިޔާ ފްލެޓްތަކުގެ ޓަވަރެއްގެ ލިފްޓްގައި މީހަކު އިއްޔެ ތާށިވެފައި ދެ ގަޑިއިރު ހުންނަން ޖެހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގެ ޓަވަރެއްގެ ލިފްޓްގައި މީހަކު އިއްޔެ ތާށިވެފައި ދެ ގަޑިއިރު ހުންނަން ޖެހިއްޖެ އެވެ.

ހިޔާގެ ބައެއް ޓަވަރުތަކުގެ ލިފްޓުތަކުގައި ޓެކްނިކަލް މައްސަލަ ބޮޑުވެފައިވާ އިރު، އިއްޔެ އެ މައްސަލަ ދިމާވީ 15 ވަނަ ޓަވަރުގެ ލިފްޓެއްގަ އެވެ.

އެ ޓަވަރުގެ ހަ ވަނަ ފްލޯ އިން އަންހެނަކު ލިފްޓަށް އެރީ އޮފީހަށް ދާން އިއްޔެ ހެނދުނު 7:00 ހާއިރު އެވެ. ފަސް ވަނަ ފްލޯ އާއި ހަތަރު ވަނަ ފްލޯއާ ދެމެދު ތާށިވެފައި ހުރި އެ މީހާ ލިފްޓުން ނެރުނުއިރު 8:40 ވެދާނެ އެވެ.

އެ މީހާ ލިފްޓުން ނެރުނުއިރު އެތަނުގައި ހުރި މީހަކު، "މިހާރު" އަށް ކިޔައިދިން ގޮތުގައި ގާތްގަނޑަކަށް ހަތެއް ޖަހާކަން ހާއިރު ބަޔަކު ލިފްޓުގައި ތާށިވެގެން އުޅޭ ކަމަށް، އޭނާގެ ގެއަށް ދިޔަ ބަޔަކު ބުންޏެވެ.

"އަޅުގަނޑު ވެސް ލިފްޓް ކައިރިއަށް ދިޔައިރު މަތީ ފްލޯއަކުން ގޮވާ އަޑުއިވޭ ހާސް ނުވާށޭ. ގުޅައިފީމޭ. އޭރު ކިތައް މީހުން ކަމެއް ނޭނގެ ތާށިވީ. އަޅުގަނޑު ވެސް ވަނީ އަޅުގަނޑުމެން އެޕާޓްމަންޓަށް،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގެއަށް އައި މީހުން އަނބުރާ ދިއުމުން އޭނާ ވެސް ނިކުމެ ބެލިއިރު ލިފްޓުގައި ތަޅާ އަޑު އިވެ އެވެ.

"ލިފްޓުގައި ތަޅާތީ އަޅުގަނޑު ގޮސް އަދިވެސް ދޮރު ނުހުޅުވެނީހޭ ކިޔައިފަ އެތަނުގައި އިން އެހެން ނަމްބަރަކަށް ގުޅީމަ ބުނީ މި ދަނީއޭ [ޓެކްނީޝަނުން]، އޭރު 8:30 ވެދާނެ،"

އޭނާ ބުނީ ލިފްޓަށް ފޯނުގެ ރޭންޖު ނުލިބޭތީ ތާށިވެފައި ހުރި މީހާ ހުރީ އާއިލާ އަށް ވެސް އަންގާނެ ގޮތެއް ނެތިފައި ކަމަށެވެ. އެންމެ ފަހުން އޭނާ އުޅޭ އެޕާޓްމަންޓަށް އެރުމަށް ފަހު، އެކަން އާއިލާގެ މީހުންނަށް ވެސް އެންގީ އޭނާ އެވެ.

"އޭނާ އާއިލާ އަށް އަންގައިފައި ތިރިއަށް އައިއިރު ޓެކްނީޝަަން ކުއްޖަކު އަތުވެއްޖެ. ނިކުމެފައި އޭނާ ބުނީ އޮފީހަށް ދާންވެގެން އެރި ގޮތަށޭ ތާށިވީ،" އެ ޓަވަރުގައި މިހާރު ގިނަ ބަޔަކު އުޅެން ފަށާފައިވާއިރު ލިފްޓްގެ މައްސަލައަކީ އާންމު މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

ލިފްޓްތަކުގެ ސްޕީޑް އަވަސް ނަމަވެސް ލިފްޓުގައި މީހުން ވަރަށް ގިނައިން ތާށިވެ އެވެ. އެކަހަލަ މައްސަލަތައް ގިނަކަމުން، އެކަން ހައްލުކުރަން ކޮންޓެކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ މަހުގެ 23 ގަ އެވެ.

އެ ކުންފުންޏާ ހަވާލުކުރީ ލިފްޓްތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުމަށާއި މެއިންޓެނެންސް މަސައްކަތް ކުރުމަށެވެ. އެ ކުންފުނީގެ ހޮޓްލައިން 9672696 މެދުވެރިކޮށް ހިދުމަތާ ގުޅޭ މުއާމަލާތްތައް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.