Roadha Mihaaru
ކައިވެނިކުރެވުނީ ބައްދަލުނުވާތާ 20 މަސް ފަހުން

ދުވަސްދީ ދެ ލޯބިވެރިންނަށް ކައިވެނިކުރެވުނީ ބައްދަލުނުވާތާ 20 މަސް ފަހުން

11 ޖެނުއަރީ 2022

ކޮވިޑާ ހެދި ގައުމުން ބޭރަށް ނުދެވި ލޯބިވެރިޔާއާ ބައްދަލުނުވެވި 20 މަސް ހޭދަކުރަން ޖެހުނު އޮސްޓްރޭލިއާގެ ދުވަސްވީ މީހަކު އޭނާގެ އިނގިރޭސި ލޯބިވެރިޔާއާ މިދިޔަ ހޮނިހިރު ދުވަހު ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑާ ހެދި ގައުމުން ބޭރަށް ނުދެވި ލޯބިވެރިޔާއާ ބައްދަލުނުވެވި 20 މަސް ހޭދަކުރަން ޖެހުނު އޮސްޓްރޭލިއާގެ ދުވަސްވީ މީހަކު އޭނާގެ އިނގިރޭސި ލޯބިވެރިޔާއާ މިދިޔަ ހޮނިހިރު ދުވަހު ކައިވެނިކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން ސްޕެއިނުން ދިމާވެ، ލޯބީގެ ގޮތުން ގުޅުނު އިނގިރޭސިވިލާތުގެ އެމާޝެމް އަށް ނިސްބަތްވާ ޕެނީ ސްޓީވެން، 69، ގާތުގައި ކްރިސް ކްއީލީ، 72، އިންނަން އެހީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގަ އެވެ.

އެއީ ޕެނީ އޮސްޓްރޭލިއާ އަށް ގޮސް، އެނބުރި އިނގިރޭސިވިލާތަށް ދިޔަ ތަނާ އެވެ. އެކަމަކު އެ ދަނޑިވަޅާ ދިމާކޮށް ކޮވިޑާ ކުރިމަތިވެ، އެ ދެ މީހުންނަށް ދިގު މުއްދަތެއް ހޭދަކުރަން ޖެހުނީ އެކަނު އަނެކަކާ ސީދާ ބައްދަލުނުވެވި އެވެ.

އޮސްޓްރޭލިއާ އިން އަޅާފައި ހުރި ފިޔަވަޅުތަކާ ހެދި ގައުމުން ބޭރަށް ނުދެވި އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހި، ކްރިސް އަށް އެންމެ ފަހުން އިނގިރޭސިވިލާތަށް ދާން ހުއްދަ ލިބުނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކުރިން ރޭވި ގޮތަށް ކައިވެނި ނުކުރެވި އެކަމަށް އެތައް ދުވަހަކަށް މަޑުކުރަން ޖެހުނަސް ދުވަސްވީ ދެބައިވެރިން މިހާރު ތިބީ ވަރަށް އުފަލުންނެވެ. އޮސްޓްރޭލިއާގައި ތިބި ކްރިސްގެ އާއިލާ މީހުންނަށް ކައިވެނިގެ ހަފުލާ ދެއްކީ ލައިވް-ސްޓްރީމްކޮށްގެންވެ.

"މި ކައިވެންޏާ ހަމައަށް ދެވުނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކު. އެކަމަކު ވެސް އެންމެ ފަހުން މިކަން ވީމަ ވަރަށް އުފަލުން މި ތިބީ." ޕެނީ ބުންޏެވެ.

"އެހާ ގިނަ ދުވަހު ސީދާކޮށް ބައްދަލުނުވެވުނަސް އަހަރެމެންގެ ގުޅުން ދިޔައީ އޮންލައިންކޮށް ވަރަށް ބޮޑަށް ބަދަހިވަމުން."

ދުވަސްވީ އުމުރުގައި އަލުން ކައިވެނިކުރި އިރު، ޕެނީ އަކީ ހަތަރު ކުދިންގެ މައެކެވެ. ކްރިސް އަކީ ކާފަދަރިން ވެސް ހުރި މީހެކެވެ.