Roadha Mihaaru
މަސައްކަތްތެރި މެމްބަރަކަށް ވާނަން: ހަންނާން

އެންމެ ގިނަ ވޯޓުން ހޮވައިދީ، މަސައްކަތްތެރި މެމްބަރަކަށް ވާނަން: ހަންނާން

07 ޖެނުއަރީ 2022

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެންމެ ގިނަ ވޯޓުން ހޮވައިދީފި ނަމަ، އެންމެ މަސައްކަތްތެރި މެމްބަރަށް ވާނެ ކަމަށް، އެމްއެންޕީގެ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވާ އަބްދުލް ހަންނާން ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެންމެ ގިނަ ވޯޓުން ހޮވައިދީފި ނަމަ، އެންމެ މަސައްކަތްތެރި މެމްބަރަށް ވާނެ ކަމަށް، އެމްއެންޕީގެ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވާ އަބްދުލް ހަންނާން ރޭ ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ދާއިރާގެ ތިން ރަށުގައި ގިނަ މައްސަލަތަކެއް ހުރި ނަމަވެސް އެކަމަށް ސަރުކާރުން އަޅައިނުލާ ކަމަށެވެ.

އެކަމަކު، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓާއެކު ގޮނޑި އަށް އޭނާ އިންތިހާބުކޮށްފި ނަމަ އެ ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ތައުލީމީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަންނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތައުލީމީ ދާއިރާގައި އެހާ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު، ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމުން އެކަމާ ގިނަ ބަޔަކު ސުވާލު އުފެއްދިޔަސް ބޭނުންވަނީ ގައުމަށް ހިދުމަތް ކުރައްވާށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވަން އުނދަގުލެއް ނުވާނެ ކަމަށް ހަންނާން ވިދާޅުވި އެވެ.

"އަޅުގަނޑު މި އައީ މިކަން ވަރަށް ކުރާ ހިތުން. މި ތިން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދިނުމަށްޓަކައި ވަރަށް ކުރާ ހިތުން މަސައްކަތް ކުރަން މި އައީ. މީގެ ކުރީގައި ވެސް އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ ސަރުކާރަށް ހިދުމަތް ކުރުމުގައޭ. މިހާރު ވެސް މި އައީ ގައުމަށް ހިދުމަތް ކުރުމުގައި،" އޭނާ ވިދާޅުވި އެވެ.

"އެންމެ ގިނަ ވޯޓާއެކު ހޮވައިދީފި ނަމަ ދުވަހަކު ވެސް ހީނުކުރާ ކަހަލަ މަސައްކަތްކުރާ މީހަކަށް ވާނަން،"

ހަންނާނު ވިދާޅުިގޮތުގައި، ބައެއް މެމްބަރުން ކުރައްވަނީ އަމިއްލަ އަށް އިޝްތިހާރު ވުމުގެ މަސައްކަތެވެ. ނަމަވެސް މެމްބަރުކަމަކީ ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހިފައިގެން މަޖިލީހުގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތް ކޮށްދިނުން ކަމަށާއި އެކަންކަން ކޮށްދޭ ނަމަ އެއީ ބަރާބަރު މެމްބަރެއް ކަމަށް ހަންނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހެން ޕާޓީތަކާ ގުޅިގެން ސިޔާސީ ދާއިރާ އިން ކުރިއަށް ވަޑައިގަތުމުގެ ފުރުސަތު އޮތަސް ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ބޭނުންވާ ގޮތަށް އެންމެ ފަސޭހައިން މަގްސަދު ހާސިލު ކުރެވޭނީ އެމްއެންޕީ އަށެވެ.

ކުރީގެ އިންތިހާބުގައި، ކޮމަންޑޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ވައުދުވި ނަމަވެސް، ތިން އަހަރު ފަހުން ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެއް ކަމަށް އޭނާ ރޭ ވިދާޅުވި އެވެ.

މި ސަރުކާރު ގެންނަން މަސައްކަތްކުރި އެންމެން ތިބީ ވަރަށް މާޔޫސްވެފައި ކަމަށާއި އެއާޕޯޓު ނާޅާނެ ކަމަށް އިއުލާން ކުރުމުން އެންމެން ކަރުނަ އަޅައި ރުއި ކަމަށް ވެސް ހަންނާން ވިދާޅުވި އެވެ.

އެކަންކަން ބަދަލުކުރަން، ހަންނާނަށް ވޯޓު ދިނުމަށް އޭނާ އެދިވަޑައިގަތެވެ. ކަންކަން ކުރެވޭނީ ސަރުކާރު މެމްބަރުން ތިބެގެން ކަމަށް މީހުން ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރުކަން ފުރުއްވަމުން ގެންދެވި އެމްޑީޕީގެ ހުސައިން ވަހީދު ކެންސަރު ބަލީގައި މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.