Roadha Mihaaru
ކޮމަންޑޫ ދާއިރާގެ ގޮނޑި މި ފަހަރު ވާދަވެރި!

ކޮމަންޑޫ ދާއިރާގެ ގޮނޑި މި ފަހަރު ވާދަވެރި!

26 ޑިސެމްބަރ 2021

އެމްޑީޕީ އާއި އިދިކޮޅު ޕީއެންސީން ވާދަކޮށް 2019 ގައި ހުސައިން ވަހީދު ގޮނޑި ކާމިޔާބުކުރެއްވި ކޮމަންޑޫ ދާއިރާ އިން ހުޅުވާލާފައިވާ ބައި އިލެކްޝަނުގައި ހަތަރު ޕާޓީއަކުން ކެންޑިޑޭޓުން ނެރެން ނިންމުމާއެކު، މި ފަހަރު ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީ އާއި އިދިކޮޅު ޕީއެންސީން ވާދަކޮށް 2019 ގައި ހުސައިން ވަހީދު ގޮނޑި ކާމިޔާބުކުރެއްވި ކޮމަންޑޫ ދާއިރާ އިން ހުޅުވާލާފައިވާ ބައި އިލެކްޝަނުގައި ހަތަރު ޕާޓީއަކުން ކެންޑިޑޭޓުން ނެރެން ނިންމުމާއެކު، މި ފަހަރު ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރެއްވި އެމްޑީޕީގެ މެމްބަރު ހުސައިން، ކެންސަރުގެ ބަލީގައި އަވަހާރަވުމުންނެވެ. މަޖިލީހުގެ 19 ވަނަ ދައުރަށް ހުސައިންއާ އެކު އޭރު ދެން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

ހުސައިން ގޮނޑި ކާމިޔާބު ކުރެއްވީ 332 ވޯޓުގެ ތަފާތުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބުރުއަރީ 5 ގައި ބާއްވަން އިއުލާންކުރުމާ އެކު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ކެންޑިޑޭޓުން ނެރެފަ އެވެ. މި އިންތިހާބުގައި އެމްޓީޑީން ވެސް ވާދަކުރާނެ ކަން އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓުން:

މުހައްމަދު ރާޝިދު (އެމްޑީޕީ)

މޫސާ ފަތުހީ (ޕީޕީއެމް)

އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ)

އެމްޑީޕީ އަށް މި ދާއިރާގެ ގޮނޑި މުހިއްމު ވަނީ ކުރިން ވެސް އެ ޕާޓީ އަށް ކާމިޔާބުވި އަދި ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ހުސައިން ފުރުއްވި ގޮނޑިއަކަށް ވުމުންނެވެ. އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ފުރަތަމަ ހުށަހެޅުއްވީ ފަސޭހަ އިން އެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ބޭފުޅަކު ވާދަކުރެއްވުމަށެވެ. ހުސައިންގެ ދަރިކަނބަލަކު ވާދަކުރަން އެދިވަޑައިގަތަސް އެކަން އޭނާ ގަބޫލު ނުކުރެއްވީ އެވެ.

ޕްރައިމަރީއަށް ވަގުތު ހަމަވިއިރު، ކުރިމަތިލެއްވީ ރާޝިދު އެކަންޏެވެ.

އިދިކޮޅުން މި އިންތިހާބަށް ނެރުނީ، ޕީޕީއެމްގެ ހަރަކާތްތަކުގެ އިސް ސަފުން ފެންނަ ކޮމަންޑު އަށް އުފަން މޫސާ ފަތުހީ އެވެ. އެ ޕާޓީން ގަބޫލުކުރާ ގޮތުގައި، އޭނާ އަކީ ޕީޕީއެމާއި ޕީއެންސީގެ ފިކުރުގެ ތާއީދު އެ ދާއިރާގައި ބޮޑު، އެހެން ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދެވޭނެ ބޭފުޅެކެވެ.

އެމްއެންޕީން ވާދަކުރާ ފުރަތަމަ ގައުމީ އިންތިހާބު ކާމިޔާބު ކުރުމުގެ ވާދަވެރިކަން އެ ޕާޓީގެ ތެރޭގައި ބޮޑެވެ. ކޮމަންޑު އަށް އުފަން ބޭފުޅަކު ދައްކައި، ކެންޑިޑޭޓު އިއުލާންކުރަން ރޭ ވަނީ ބޮޑު ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އެ ޕާޓީން ބުނި ގޮތުގައި ހަންނާނަށް ވުރެ ދާއިރާ ރަނގަޅަށް ދަންނަ، މަޖިލީހުގައި އަޑު އިއްވާނެ އެހެން ކެންޑިޑޭޓަކު ނުހުންނާނެ އެވެ. އެހެންވެ އެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ވަގުތީ ލިސްޓުގައިވާ ގޮތުން ފޯކައިދު އާއި މަރޮށި އަދި ކޮމަންޑޫން 3،316 މީހުންނަށް މި ދާއިރާ އަށް ވޯޓު ލުމުގެ ހައްގު ލިބިގެންނެވެ.

ދާއިރާ ތަމްސީލް ކުރެއްވި ކުރު މުއްދަތެއްގެ ތެރޭގައި ހުސައިން ވަނީ ތިން ރަށުން އެދުނު ގިނަ ކަންކަން މި ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވައި ގިނަ މަޝްރޫއުތައް ފަށައިފަ އެވެ. މި އިންތިހާބުގައި ހުރިހާ ޕާޓީތަކުގެ "ވައުދުތަކުން" ދައްކަނީ ރައްޔިތުން ބޭނުންވާނެ ކެންޑިޑޭޓެކެވެ.

ބައި އިލެކްޝަންގެ ވާދަވެރިކަން ބޮޑުވެފައި އޮތީ މި ގޮނޑިއަކީ ކޮންމެ ޕާޓީއެއްގެ ވެސް ސިޔާސީ ބުރަދަން މިނެކިރަން ލިބޭނެ ފުރުސަތަކަށް ވާތީ އެވެ.