Roadha Mihaaru

މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!

އިންތިހާބުތަކުގައި ސިޔާސީ ވާދަވެރިކަމާއި ކެމްޕޭނުގެ ފޯރި އަބަދުވެސް މި ރަށުގައި ގަދަ އެވެ. އެކަމަކު މިވަރުގެ ކަމެއް މި ރަށަކު މިހާތަނަށް ނުހިނގަ އެވެ.

މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
ފަޒީނާ އަހުމަދު
ކޮމަންޑޫން ފަޒީނާ އަހުމަދު

03 ފެބުރުއަރީ 2022

އިންތިހާބުތަކުގައި ސިޔާސީ ވާދަވެރިކަމާއި ކެމްޕޭނުގެ ފޯރި އަބަދުވެސް މި ރަށުގައި ގަދަ އެވެ. އެކަމަކު މިވަރުގެ ކަމެއް މި ރަށަކު މިހާތަނަށް ނުހިނގަ އެވެ.

ހޮނިހިރުދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ގުޅޭ ގޮތުން އެހުމުން ގިނަ ބަޔަކު ވާހަކަ ފަށަނީ ބަނދަރުން ފެށިގެން މުޅި ކޮމަންޑޫގައި ދަމާފައިވާ ކުލަކުލައިގެ ފޮތިތައް ދައްކަމުންނެވެ. އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރެފައިވާ ބައި އިލެކްޝަނަށް މުޅި ރަށް އޮތީ ކުލަކޮށްލައިފަ އެވެ.

ޖަގަހަތައް ހަރަކާތްތެރި އެވެ. ޖަލްސާތަކާއި ބައްދަލުވުންތަކާއި ދޮރުންދޮރަށް ހިނގުން ގިނަ އެވެ.

"ރާއްޖޭގެ އެއްވެސް ކެމްޕޭނެއްގައި މި ވަރަކަށް ފޯރިއެއް ނޯންނާނެ،" ކޮމަންޑޫ ހަސަންފުޅު ބުންޏެވެ.

އެމްއެންޕީގެ ކެމްޕޭން ޓީމެއް ކޮމަންޑޫގެ މަގެއްގެ މަތީގައި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްއެންޕީގެ ކެމްޕޭން ޓީމެއް ކޮމަންޑޫގެ މަގެއްގެ މަތީގައި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ރާއްޖޭގެ ރައީސުންނާއި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން މި ތިބީ މި ތަނުގައި، ގައުމު މިހާރު މި ހިންގަނީ ކޮމަންޑޫގައި،" އޭނާ ބުންޏެވެ.

މި ރަށުގެ ބައެއް މީހުން ސިފަކުރި ގޮތުގައި، ރިޔާސީ އިންތިހާބަކަށް ވުރެ ވެސް މި ފަހަރުގެ ވާދަވެރިކަން ބޮޑެވެ.

ތިން ޕާޓީ އަށް ވެސް ގޮނޑި "ކަށަވަރު"

މުޅި ރާއްޖޭގެ އަމާޒު ވެސް ހުއްޓިފައި އޮތީ މި ދާއިރާގެ އިންތިހާބު ކާމިޔާބުކުރާނެ ބަޔަކަށެވެ. މި ރަށުގެ ކެމްޕޭން ޓީމުތަކަށް ނަތީޖާ ސާފެވެ.

ކޮންމެ ޕާޓީއެއްގެ ވެސް ކެމްޕޭން ޓީމުން ޔަގީންކަން ދޭ ގޮތުގައި އެ ޕާޓީއަކަށް އޮތީ ގާތްގަނޑަކަށް ގޮނޑި ކަށަވަރު ވެފަ އެވެ.

ކޮމަންޑޫގައި ބަހައްޓާފައި ހުރި ޕާޓީތަކުގެ ދިދަތަކެއްގެ ކައިރީގައި މީހަކު ފޯނުން ވާހަކަ ދައްކަން މަޑުކޮށްލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކޮމަންޑޫގައި ބަހައްޓާފައި ހުރި ޕާޓީތަކުގެ ދިދަތަކެއްގެ ކައިރީގައި މީހަކު ފޯނުން ވާހަކަ ދައްކަން މަޑުކޮށްލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޑީޕީގެ ސަޕޯޓަރުން ބުނާ ގޮތުގައި ގޮނޑި އެ މީހުން ދިފާއުކުރާނެ އެވެ. އިދިކޮޅު ޕީޕީއެމުން ދެކޭ ގޮތުގައި ކޮމަންޑު އާއި ފޯކައިދު އާއި މަރޮށިން 15 އަހަރަށް ފަހު އެ ގޮނޑި އެ ޕާޓީ އަށް ދީ، އެ ދިގު ތާރީހު މި ފަހަރުބަދަލުކޮށްލާނެ އެވެ. އެމްއެންޕީގެ ސަޕޯޓަރުން ބުނަނީ އެއީ އެ ޕާޓީ އަށް ކަށަވަރު ކަމާ އެކު ނެގޭނެ ގޮނޑިއެއް ކަމަށެވެ.

ޕީޕީއެމްގެ ސަޕޯޓަރު އިސްމާއިލް އިބްރާހިމް ބުނީ ސަރުކާރަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މި ފަހަރު އާދަޔާ ޚިލާފަށް ހާއްސަވެގެން އުޅޭ ސަބަބެއް ނޭނގޭ ކަމަށެވެ. ވޭތުވެދިޔަ 15 އަހަރުގެ ތާރީހު ބަދަލުކޮށްލައި ޕީޕީއެމުން މި ފަހަރު ގޮނޑި ނަގާނީ ބޮޑު ތަފާތަކުން ކަމަށް އޭނާ ބުންޏެވެ.

"އެ ޔަގީންކަން އެބައޮތް. މި ކެމްޕޭންގައި އަޅުގަނޑުމެންނަށް ހީވަނީ މިއީ ކޮމަންޑު އަށް އައި އީދެއްހެން،" އޭނާ ބުންޏެވެ.

"ރައްޔިތުން ކުރާ މަސައްކަތާއި އޮޑިފަހަރުތައް ވެސް ދޫކޮށްލާފައި މި އިންތިހާބަށް ތައްޔާރުވަމުން އަންނަތާ ދެ މަސްވެއްޖެ،"

އެމްޑީޕީގެ ޒުވާން ސަޕޯޓަރު އަލީ ޝަހީމް ބުނީ، ވޭތުވެދިޔަ 15 އަހަރުގެ ވެސް ދާއިރާގެ މީހުންގެ އިތުބާރު އޮތީ އެމްޑީޕީއަށް ކަމަށެވެ. އެ އިތުބާރުގެ މަތީގައި ހުސައިން ވަހީދު ގިނަ ކަންކަން ފެއްޓެވި ކަމަށް އޭނާ ބުންޏެވެ. ސަރުކާރަށް ގޮނޑި މުހިއްމު ވަނީ އޭނާ ދެކޭ ގޮތުގައި އެ ކަންކަން ނުހުއްޓި ކުރިއަށް ގެންދިއުމަށެވެ.

"ދައުރުގެ މެދުތެރެއިން ބާއްވާ އިންތިހާބެއް ވީމަ ވެސް މުހިއްމު. ސަރުކާރުގެ ތާއީދު އޮތް ކަން އެބަޖެހޭ ހާމަކޮށްދޭން. ދުނިޔޭގެ އެކި ހިސާބުތަކުން ވެސް މި އިންތިހާބަށް ސަމާލުކަން ހުއްޓިފައި އޮތީ،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް އޮތް ޔަގީން ކަމަކީ ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބުކުރެވޭނެކަން."

ކޮމަންޑޫގެ މަގެއްގައި ދެ އަންހެނަކު ހިނގާފައި ދަނީ: މި ރަށުގައި ކެމްޕޭން ފޯރިގަދަ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކޮމަންޑޫގެ މަގެއްގައި ދެ އަންހެނަކު ހިނގާފައި ދަނީ: މި ރަށުގައި ކެމްޕޭން ފޯރިގަދަ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްއެންޕީގެ ސަޕޯޓަރުންނަށް އޮތް ޔަގީން ކަމަކީ ހަންނާނަށް ދާއިރާ އިން ކުރާ އިތުބާރެވެ.

ސަރުކާރަށް ކޮމަންޑޫ ދާއިރާ މިހާ މުހިއްމުވި އިންތިހާބެއް މިހާތަނަށް ނާންނަ ކަމަށް ގިނަ ބަޔަކު ބުނަނީ ކުއްލިއަކަށް މަޝްރޫއުތަކުގެ ސްޕީޑް އަވަސްކޮށް، ބަޖެޓް ނުކުރިއަސް ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުން ފަދަ މަޝްރޫއުތައް ދައްކަމުންނެވެ. ވޯޓާ ގުޅުވައި ފެށިއަސް އެއީ ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮންމެ ސަރުކާރެއް އޮތަސް އެ ރަށަށް ކޮށްދޭން ޖެހޭނެ ކަންކަމެވެ.

"ވަރަށް ބޮޑެތި ހޭދަތަކެއް މަޝްރޫއުތަކުން ސަރުކާރުން މި ދާއިރާ އަށް ކުރަމުން އަންނަތަން ވެސް އެބަފެނޭ. އެކަމަކު ވޯޓުގައި މި ރަށު މީހުން އެ ކަމަކަށް ނުބަލާނެ،" އެކަކު ބުންޏެވެ.

"މަސްލަަހަތެއް ނުގެއްލޭނެ"

މިހާ ވާދަވެރިކަން އޮތަސް ކޮމަންޑޫގައި ޕާޓީތަކުން ހިފަހައްޓާ އުސޫލްތަކެއް ހުރެ އެވެ. ކެމްޕޭން ހަރަކާތަކުން ރަށުގެ މަސްލަހަތު ގެއްލިގެން ނުވާނެ އެވެ. ޕީޕީއެމްގެ ދިދައަކާ ޖެހިގެން އެމްޑީޕީގެ ދިދައެއް ދަމާފައި ހުރީ އެ ހަމައަށް ސިޔާސީ ކަންކަމުގައި އިސްވެ މި ރަށުގައި އުޅޭ މީހުންނަށް އެއްބަސްވެވިގެންނެވެ.

ކޮމަންޑޫ: މި ރަށުގެ ކެމްޕޭން ހަރާކާތްތަކުގެ ފޯރިގަދަޔަސް މަސްލަހަތު ނުގެއްލޭނެ ކަމަށް ގިނަ ބަޔަކު ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކޮމަންޑޫ: މި ރަށުގެ ކެމްޕޭން ހަރާކާތްތަކުގެ ފޯރިގަދަޔަސް މަސްލަހަތު ނުގެއްލޭނެ ކަމަށް ގިނަ ބަޔަކު ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ފޯރި ކިތަންމެ އެރިޔަސް އެއް ބަޔަކު އަނެއް ބަޔަކު ގަޔަށް އަތްލާ ހިސާބަކަށް ނުދާނެ. އެއީ ކުރީއްސުރެ ފެށިގެން ވެސް އޮންނަ ގޮތް،" ކުރިން ވާހަކަ ދެއްކި އިސްމާއިލް ބުންޏެވެ.

"އިންތިހާބު ނިންމާލާނީ އަމާންކަމާއެކު."