Roadha Mihaaru
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލަން ތައްޔާރުވެއްޖެ

ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

07 ޖެނުއަރީ 2022

ކޮމަންޑޫ ރައްޔިތުންގެ އެދުމާ އެއްގޮތަށް އެ ރަށާއި އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮމަންޑޫ ރައްޔިތުންގެ އެދުމާ އެއްގޮތަށް އެ ރަށާއި އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން އެ ރަށުގެ ރައްޔިތުންނަށް ވީ ވައުދެއް ކަމަށެވެ. މި ސަރުކާރުން އެ ވައުދު ފުއްދައިދޭނެ ކަމަށް ވިދާޅުވި އެވެ.

"މިހެން ވިދާޅުވީމަ ބައެއް މީހުން ބުނާނެ މިއީ މި އިންތިހާބާ ދިމާކޮށް އަޅުގަނޑު ބުނާ އެއްޗެކޭ. އެކަމަކު ކޮންމެ ގޮތަކަށް ކަންތައް ދިޔަސް މި ސަރުކާރުން ކޮމަންޑޫ ރައްޔިތުންނަށް މި ވައުދު ފުއްދައިދޭނެ،" ރައީސް ވިދާޅުވި އެވެ.

"މިއަކާ ކެމްޕޭނާ ގުޅުމެއް ނެތް. މިއީ ހަމަ ފުލް ސްޕީޑުގައި އަވަހަށް ކޮށް ނިންމާލަން ޖެހޭ ކަމެއް."

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗުކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗުކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި، އެ މަސައްކަތް ކުރުމުގެ ޕްލޭންތައް ވެސް މިހާރު ވަނީ ހަދައި ނިމިފަ އެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޕްލޭންތައް އާންމުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމަންޑޫގެ ހުޅަނގު ފަރާތުން އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތި ކޮމަންޑޫ ގުޅާލުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެކަން ކޮށްދިނުމަށް އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވެ އެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން މިރޭ ވެސް ވަނީ ރަށުގެ ބިން ފުރި 50 އަހަރުވެފައިވާ އިރު ވެސް ރައްޔިތުން ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވާ ކަމުގެ ކަންބޮޑުވުންތަކާ އެކު ރައްޔިތުން އެދޭ ގޮތަށް މަތި ކޮމަންޑޫ ގުޅާލުން ވީހާވެސް އަވަހަކަށް ކޮށްދެއްވަން ރައީސަށް ހުށަހަޅުއްވައިފަ އެވެ.

32 އަހަރު ފަހުން އާ އިންޖީނުގެއެއް

ކޮމަންޑު އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މިއަދު ވަނީ އެ ރަށުގެ އާ އިންޖީނުގެ ވެސް ހުޅުއްވައިދެއްވައިފަ އެވެ. މީގެ 32 އަހަރު ކުރިން އެޅި އެ ރަށުގެ ބާ އިންޖީނުގެ ބަންދުކޮށް، މި ސަރުކާރުން އެ ރަށުގައި އާ އިންޖީނުގެއެއް އިމާރާތްކުރީ ހަވާލުކުރީ ފެނަކައާ އެވެ.

"ރަށްރަށުގައި ހުރި މި ކަހަލަ އަސާސީ އެތައް ކަމަކަށް މި ސަރުކާރުން ހައްލު ގެނެސްދީފި. ދެން ވެސް މި ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވަންވީ އެހެންވެ."

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީހުން އުޅޭ ގެތަކާ ކައިރީގައި ހުރި ބާ އިންޖީނުގޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުން އައި ރައްޔިތުންނަށް ހަމަ ނިދި ނުލިބި ބޮޑު ތަކުލީފެއްގައި އެތައް އަހަރެއް ވަންދެން އުޅެމުންދިޔައިރު، އެ މައްސަލަ ވެސް ހައްލުކޮށްދެއްވުނީ މި ސަރުކާރަށް ކަމަށެވެ.

"ރަށްރަށުގައި ހުރި މި ކަހަލަ އަސާސީ އެތައް ކަމަކަށް މި ސަރުކާރުން ހައްލު ގެނެސްދީފި. ދެން ވެސް މި ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވަންވީ އެހެންވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި އިތުރު ބައެއް ކަންކަން

- ކޮމަންޑޫ ބަނދަރުގެ ބޭރު ތޮށީގައި ދޯނިފަހަރު އެޅޭނެ ގޮތް ހަދައިދިނުމާއި އެ ރަށުގައި އައިސް ޕްލާންޓެއް ހެދުން.

- ކޮމަންޑޫގެ ލޭންޑް ޔޫސް ޕޭލްން ނިމުމުން އެ ރަށުގެ ހިއްކި ބިމުން ގޯތިދޫކުރަން ފެށުން.

- ކޮމަންޑޫ ކައިރީގައި އޮންނަ ރަށްފަތީގައި ޓޫރިޒަމް ފެށުން.

- ފޯކައިދޫގެ ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށުން.

- ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި، އެ ތަނުން ގޯތިދޫކުރުން.

- އަންނަ ހަފުތާގައި މަރޮށީގެ ބަނދަރުގެ މަސައްކަތް ފެށުން.

އެމްޑީޕީ އާއި އިދިކޮޅު ޕީއެންސީން ވާދަކޮށް 2019 ގައި އެމްޑީޕީން ކާމިޔާބުކުރި ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ކާމިޔާބު ކުރެއްވި ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ 5 ގައި ބާއްވަން އިއުލާންކުރުމާ އެކު، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީން ވަނީ ކެންޑިޑޭޓުން ނެރެފަ އެވެ.

މި އިންތިހާބަށް ޕީޕީއެމުން ނެރެނީ އެ ޕާޓީގެ ހަރަކާތްތަކުގެ އިސް ސަފުން ފެންނަ ކޮމަންޑު އަށް އުފަން މޫސާ ފަތުހީ އެވެ. އެ ޕާޓީން ގަބޫލުކުރާ ގޮތުގައި، އޭނާ އަކީ ޕީޕީއެމާއި ޕީއެންސީގެ ފިކުރުގެ ތާއީދު އެ ދާއިރާގައި ބޮޑު، އެހެން ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދެވޭނެ ބޭފުޅެކެވެ.

އެމްއެންޕީން ވާދަކުރާ ފުރަތަމަ ގައުމީ އިންތިހާބު ކާމިޔާބު ކުރުމުގެ ވާދަވެރިކަން ޕާޓީގެ ތެރޭގައި ބޮޑުއިރު އެ ޕާޓީން ނެރެނީ ކޮމަންޑޫގެ ބޭފުޅެއް ކަމަށްވާ އަބްދުލް ހަންނާން އިދުރީސް އެވެ.

ތިން ޕާޓީން ވެސް ވަރަށް ފޯރީގައި ކޮމަންޑޫ ގޮނޑި ކާމިޔާބުކުރުމަށް ކެމްޕެއިން ކުރަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ވަގުތީ ލިސްޓުގައިވާ ގޮތުން ފޯކައިދު އާއި މަރޮށި އަދި ކޮމަންޑޫން 3،316 މީހުންނަށް މި ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.