Roadha Mihaaru
ނިއުކާސަލް ކަޓައިފި، ޗެލްސީ އާއި ލެސްޓާ ކުރިޔަށް

ކޭމްބްރިޖުން ނިއުކާސަލް ކަޓުވާލައިފި، ޗެލްސީ އާއި ލެސްޓާ ކުރިޔަށް

09 ޖެނުއަރީ 2022

ލަންޑަން (ޖެނުއަރީ 9) - އިނގިރޭސި އެފްއޭކަޕުގެ އެންމެ ފަހުގެ ފައިނަލުގައި ވާދަކުރި ލެސްޓާ ސިޓީ އާއި ޗެލްސީން ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހަތަރުވަނަ ބުރަށް ދަތުރުކުރިއިރު، ތިންވަނަ ޑިވިޝަނުގެ ކޭމްބްރިޖް ޔުނައިޓެޑުން ސައުދީ ވެރިންގެ ނިއުކާސަލް ޔުނައިޓެޑް ކަޓުވާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 9) - އިނގިރޭސި އެފްއޭކަޕުގެ އެންމެ ފަހުގެ ފައިނަލުގައި ވާދަކުރި ލެސްޓާ ސިޓީ އާއި ޗެލްސީން ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހަތަރުވަނަ ބުރަށް ދަތުރުކުރިއިރު، ތިންވަނަ ޑިވިޝަނުގެ ކޭމްބްރިޖް ޔުނައިޓެޑުން ސައުދީ ވެރިންގެ ނިއުކާސަލް ޔުނައިޓެޑް ކަޓުވާލައިފި އެވެ.

އިނގިރޭސި ލީގު 1 ގައި ކުޅެމުން އަންނަ ކޭމްބްރިޖް ޔުނައިޓެޑުން ހަތަރުވަނަ ބުރުން ޖާގަ ހޯދީ، ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު ތިންވަނަ ބުރުގެ މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. އެޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ދެވަނަ ހާފުގައި ޖީ އަޔަންސައިޑެވެ.

ޓްރިޕިއާ ރޭގެ މެޗަށް ފަހު: ރޭގެ މެޗަކީ އޭނާ ނިއުކާސަލް އަށް ކުޅެދިން ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ޓްރިޕިއާ ރޭގެ މެޗަށް ފަހު: ރޭގެ މެޗަކީ އޭނާ ނިއުކާސަލް އަށް ކުޅެދިން ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ސީޒަނުގެ ބާކީ ބައިގައި ޓީމު ވަރުގަދަ ކުރަން އަމާޒު ހިފާފައި އޮތް ނިއުކާސަލް އަށް އެތުލެޓިކޯ މެޑްރިޑުން ގެނައި އިނގިރޭސި ޑިފެންޑަރު ކީރަން ޓްރިޕިއާ ވެސް ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. ނިއުކާސަލްގެ އެންމެ މުހިއްމު ފޯވާޑް ކެލަމް ވިލްސަން އަށް އަނިޔާވެގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައި ވާއިރު، އެޓީމަށް ވަނީ ގޯލު ޖެހުމުގައި އުނދަގޫތައް ކުރިމަތިވެފަ އެވެ. ނިއުކާސަލް އިން ރޭގެ މެޗުގައި ފޮނުވާލި 23 ހަމަލާއިން ނުވަ ހަމަލާއެއް ވަނީ ގޯލާ އަމާޒުކޮށްފަ އެވެ.

މެޗަށް ފަހު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ، މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގައި ވިލްސަން އަށް ލިބުނު އަނިޔާއިން ރަނގަޅުވާން އޭނާ ހަފްތާއަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށެވެ.

ލެސްޓާގެ ފުރަތަމަ ލަނޑަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭޕީ

ލެސްޓާގެ ފުރަތަމަ ލަނޑަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭޕީ

މިދިޔަ އަހަރުގެ ޗެމްޕިއަން ލެސްޓާ ސިޓީން ވަނީ ރޭ ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ކާމިޔާބު ކޮށްފަ އެވެ. ލެސްޓާގެ ފުރަތަމަ ލަނޑު ހަތްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޔޫރީ ޓީލަމަންސް ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު ޖަހައިދިނީ ޖޭމްސް މެޑިސަން އެވެ. އޭގެ ފަހުން ވަޓްފޯޑުގެ ޔާއޯ ޕެޑްރޯ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް ދެވަނަ ހާފުގައި ލެސްޓާގެ ހާވީ ބާންސް އާއި މާކް އަލްބްރައިޓަން ވަނީ އިތުރު ދެ ލަނޑު ޖަހައިދީފަ އެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ރޭ މޮޅުވީ އިނގިރޭސި ފަސްވަނަ ޑިވިޝަނުގައި ކުޅޭ ޗެސްޓަފީލްޑް އަތުން 5-1 އިންނެވެ. ޗެލްސީން ފުރަތަމަ ހާފު ނިންމާލީ ޓިމޯ ވާނާ އާއި ކެލަމް ހަޑްސަން-އޮޑޯއި އަދި ރޮމެލޫ ލުކާކޫ އާއި އަންޑްރެސް ކްރިސްޓިއަންސަން ގެ ގޯލުތަކުންނެވެ. ދެވަނަ ހާފުގައި ޗެލްސީގެ ފަސްވަނަ ލަނޑު ޖަހައިދިނީ ހަކީމް ޒިޔެޝް އެވެ. ޗެސްޓަފީލްޑުގެ ހަމައެކަނި ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ އަކްވާސީ އަސަންޓޭ އެވެ.

ޗެލްސީގެ ޒިޔެޝް ޗެސްޓަފީލްޑުގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ.. ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ޒިޔެޝް ޗެސްޓަފީލްޑުގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ.. ފޮޓޯ: އޭއެފްޕީ

ޕްރިމިއާ ލީގު ކުލަބްތަކުގެ ތެރެއިން އެފްއޭކަޕް ތިންވަނަ ބުރުގައި ރޭ ކުޅުނު ކްރިސްޓަލް ޕެލަސް އާއި ބްރެންޓްފޯޑާއި ބްރައިޓަންގެ އިތުރުން އެވަޓަން އާއި ސައުތެމްޓަން ވެސް ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.

ނިއުކާސަލް ޔުނައިޓެޑާއި ވަޓްފޯޑުގެ އިތުރުން ރޭ އެފްއޭކަޕުން ކެޓި ޕްރިމިއާ ލީގުގެ ދެވަނަ ކުލަބަކީ ބާންލީ އެވެ. އަމިއްލަ ދަނޑުގައި ޗެމްޕިއަންޝިޕް ކްލަބް ހަޑާސްފީލްޑް ޓައުންއާ ވާދަކޮށް ބާންލީ ބަލިވީ 2-1 އިންނެވެ.