Roadha Mihaaru
ލެސްޓާ ކެޓިއިރު ޗެލްސީ ކުއާޓާ އަށް

ލެސްޓާ ކެޓިއިރު ޗެލްސީ ކުއާޓާ އަށް

19 ފެބުރުއަރީ 2017

ލަންޑަން (ފެބްރުއަރީ 19) - އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ މިލްވޯލް އަތުން 1-0 އިން ބަލިވެ ލެސްޓާ ސިޓީ ކެޓިއިރު، ރަށުންބޭރުގައި ވުލްވްސް އަތުން 2-0 އިން މޮޅުވެ ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 19) - އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ މިލްވޯލް އަތުން 1-0 އިން ބަލިވެ ލެސްޓާ ސިޓީ ކެޓިއިރު، ރަށުންބޭރުގައި ވުލްވްސް އަތުން 2-0 އިން މޮޅުވެ ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ވުލްވްސް މުބާރާތުގެ ފަސް ވަނަ ބުރުން ޖާގަ ހޯދީ ލިވަޕޫލް ކަޓުވާލައިލުމަށް ފަހު އެވެ. ރޭގެ މެޗުގައި ޗެލްސީ އަށް ވެސް އެ ޓީމު ކައިރީގައި ކުޅެން އުނދަގޫވި އެވެ. ޗެލްސީން ޖެހި ދެ ލަނޑު ވެސް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފްގަ އެވެ.

ފުރަތަމަ ލަނޑު މެޗުގެ 65 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރޯ ރޮޑްރިގޭޒެވެ. އަނެއް ލަނޑު މެޗުގެ ފަހު މިނިޓްގައި ޖެހި ޑިއޭގޯ ކޮސްޓާ އެވެ. މިއީ މި ސީޒަނުގައި ކޮސްޓާ ޖެހި 16 ވަނަ ލަނޑެވެ.

ރަށުންބޭރުގައި ރޭ މިލްވޯލް ކޮޅަށް ލެސްޓާ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މިލްވޯލް އިން ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހު ވަގުތުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޝޯން ކަމިންސް އެވެ. މިލްވޯލް މި މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ އެ ޓީމުގެ ޖޭކް ކޫޕާ އަށް ދެ ވަނަ ހާފްގައި ރަތް ކާޑު ދެއްކުމުންނެވެ.

ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ވަނީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެއީ ރޭ އެ ޓީމު ކުޅުނު މެޗުން ހަޑްލްސްފީލްޑް ޓައުންއާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. މި ދެ ޓީމު ތެރެއިން ކުއާޓާ އަށް ދާ ޓީމެއް އެނގޭނީ ސިޓީ ދަނޑުގައި ކުޅޭ ރީޕްލޭ މެޗަށް ފަހު އެވެ.

ރޭ ބާންލީ ވަނީ އިނގިރޭސި އެންމެ ދަށް ޑިވިޝަންގެ ލިންކޮން ސިޓީ އަތުން 1-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. މިއީ 103 އަހަރަށް ފަހު އިނގިރޭސި ދަށް ޑިވިޝަންގެ ޓީމެއް މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.