Roadha Mihaaru
އަކްޝޭ އަށް އާނަންދުގެ ތިން ވަނަ ފިލްމެއް

އަކްޝޭ އަށް އާނަންދުގެ ތިން ވަނަ ފިލްމެއް

16 އޮކްޓޯބަރ 2021

ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކު އަކްޝޭ ކުމާރު މަސައްކަތްކުރި ފުރަތަމަ ދެ ފިލްމު އަދި ރިލީޒް ވެސް ނުކުރަނީސް ދެ މީހުން ތިން ވަނަ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކު އަކްޝޭ ކުމާރު މަސައްކަތްކުރި ފުރަތަމަ ދެ ފިލްމު އަދި ރިލީޒް ވެސް ނުކުރަނީސް ދެ މީހުން ތިން ވަނަ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

މި ފަހަރުގެ ފިލްމަކީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރި ނުކުޅެދޭ ފުރަތަމަ އޮފިސަރު މޭޖާ ޖެނެރަލް އިއާން ކާޑޯޒޯ އަށް ބިނާކޮށް ހަދާ "ގޮރްކާ" އެވެ. މީގައި އަކްޝޭ ކުޅޭނީ ކާޑޯޒޯގެ ރޯލެވެ. އޭނާ އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި ކޯލްމައިނެއްގެ ތެރޭގައި ތާށިވެ ލިބުނު އަނިޔާތަކެއްގައި އެއްފައި ބުރިކޮށްލަން ޖެހުނު އަދި ޕާކިސްތާނުން ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި އަތުލައިގަތް މީހެކެވެ.

"ގޮރްކާ" އަށް ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމު ޑައިރެކްޓް ކުރާނީ އާނަންދެއް ނޫނެވެ. އޭނާ ޕްރޮޑިއުސަރެއްގެ ޒިންމާ ނަގާ ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ ކްރިޓިކުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު 2010 ގެ ފިލްމު "ލާހޯރް" ގެ ޑައިރެކްޓަރު ސަންޖޭ ޕުރާން ސިންގް ޗޯހަނެވެ. އޭނާ އަކީ 2019 ގެ "ބަހައްޓަރު ހޫރައިން" އިން މޮޅު ޑައިރެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ މީހެކެވެ.

"ގޮރްކާ" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

"ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އާނަންދު ޑައިރެކްޓްކުރި ފިލްމުތަކަށް އަކްޝޭގެ އަތުގައި ހުރީ މިދިޔަ އަހަރުން ފެށިގެން ރިލީޒް ކުރުން ފަސްކޮށްފައި އޮތް ލޯބީގެ ފިލްމު "އަތުރަންގީ ރޭ" އާއި މިދިޔަ ހަފުތާގެ ތެރޭގައި ޝޫޓިން ނިންމައިލި ފެމިލީ ޑްރާމާ "ރަކްޝާ ބަންދަން" އެވެ.

އަންނަ މަހު ރިލީޒްކުރާ "ސޫރިޔަވަންޝީ" ގެ ބަތަލުގެ އަތުގައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ސިންޑްރެއްލާ"، "ޕްރިތުވީރާޖް"، "ބައްޗަން ޕާންޑޭ"، "ރާމް ސެތޫ" އަދި އޯ މައި ގޯޑް (އޯއެމްޖީ) ހިމެނެ އެވެ.

އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި "ބެލް ބޮޓަމް" އެވެ.