Roadha Mihaaru
ބަނޑުބޮޑުކަން ނޭނގި ވިހެއުމަށް ފަހު ދަރިފުޅު މަރު

ދިވެއްސަކު ބަނޑުބޮޑުކަން ނޭނގި ވިހެއުމަށް ފަހު ދަރިފުޅު މަރުވެއްޖެ

11 ޖެނުއަރީ 2022

ބަނޑުގައި ރިއްސާތީ ސ. ހުޅުމީދޫ ސިއްހީ މަރުކަޒަށް ރޭ ފަތިހު ގެންދިޔަ މީހަކު ބަނޑު ބޮޑުކަން ނޭނގި ވިހައި ދަރިފުޅު މަރުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބަނޑުގައި ރިއްސާތީ ސ. ހުޅުމީދޫ ސިއްހީ މަރުކަޒަށް ރޭ ފަތިހު ގެންދިޔަ މީހަކު ބަނޑު ބޮޑުކަން ނޭނގި ވިހައި ދަރިފުޅު މަރުވެއްޖެ އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ދީދީ އެކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ ވިހޭ މީހާ ބަނޑުބޮޑުކަން ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

"މީހަކާ އިނދެގެން އުޅޭ ޒުވާން އަންހެން ކުއްޖެއް. ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާލަން އައި. ރޭ ވިހައިފި. އަދި ޕްރީ މެޗުއާ ކުއްޖާ މަރުވެ މިހާރު ވަނީ ވަޅުލާފައި،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންހެން މީހާ ވިހެއީ ބަނޑަށް 4-5 މަހުގައި ކަމަށް ބެލެވޭ ކަމަށެވެ.

އިބްރާހިމް ވިދާޅުވީ ބަނޑުބޮޑުއިރު ވެސް އަންހެން މީހާއަށް ނޭނގި ވިހެއުމަކީ ވަރަށް މަދުން ނަމަވެސް ދިމާވާ ހާލަތެއް ކަމެއް ކަން ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.

އެ ރަށުގައި މިދިޔަ އަހަރު ވެސް އަންހެނަކު ނުވަ މަސް ވީ އިރު ވެސް ބަނޑު ބޮޑުކަން ނޭނގި ހުރި ކަމަށާއި އެކަން އެނގުނީ ޑޮކްޓަރަށް ދެއްކުމުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އެ މީހާ އަށް ލިބުނު ދަރިފުޅު ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.

ބައެއް ޑޮކްޓަރުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ބަނޑުބޮޑުކަން ނޭނގި ގިނަ ދުވަސްތަކެއް ވަންދެން ހުރުމާއި އެކަން ނޭނގި ހުއްޓާ ވިހެއުމަކީ ވަރަށް ނާދިރު، އެކަމަކު ދިމާވާ ކަމެކެވެ. އާންމުކޮށް މިހެން ދިމާވަނީ މައްސަރު ކަންތައް ގަވައިދުން ދިމާނުވާ މީހުންނަށް ކަމަށާއި ބައެއް މީހުންނަކީ ބަލިވެ އިން ނަމަވެސް ބަނޑުން އެކަން އެހާ އަަވަހަށް ނޭނގޭ މީހުން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.