17 އޮކްޓޯބަރ 2024
ހަތަރު ވަނަ ދަރިފުޅަށް ބަލިވެ އިނދެ، ބަނޑަށް ހަތަރު މަހުގައި ފެން ދުލި ފަޅައިގެން ދިޔައީ އިތުރު ކުއްޖަކަށް ހިތް އެދިއެދި އޮއްވަ އެވެ. ލޯ ފިޔަވައި ހުރިހާ ގުނަވަނެއް ހުރީ ފުރިހަމަވެފަ އެވެ. އެކަމަކު، އެ ފަހަރު ހުރި ގޮތް ކަމަށް ގަބޫލުކޮށް އޭގެ އަހަރެއް ފަހުން އަނެއްކާ ވެސް މަރިޔަމް ޝައުނާ (އަސްލު ނަމެއް ނޫން) އިތުރު ކުއްޖަކަށް ބަލިވެ އިނެވެ.
ހަތަރު ވަނަ ދަރިފުޅަށް ބަލިވެ އިނދެ، ބަނޑަށް ހަތަރު މަހުގައި ފެން ދުލި ފަޅައިގެން ދިޔައީ އިތުރު ކުއްޖަކަށް ހިތް އެދިއެދި އޮއްވަ އެވެ. ލޯ ފިޔަވައި ހުރިހާ ގުނަވަނެއް ހުރީ ފުރިހަމަވެފަ އެވެ. އެކަމަކު، އެ ފަހަރު ހުރި ގޮތް ކަމަށް ގަބޫލުކޮށް އޭގެ އަހަރެއް ފަހުން އަނެއްކާ ވެސް މަރިޔަމް ޝައުނާ (އަސްލު ނަމެއް ނޫން) އިތުރު ކުއްޖަކަށް ބަލިވެ އިނެވެ.
ކުރީ ފަހަރާ ހިލާފަށް އިތުރު މައްސަލަތަކެއް މި ފަހަރު ދިމާވި އެވެ. އޭގެ އަހަރެއް ކުރިން ދަރިފުޅު މަރުވުމާއި ހެދި ސްކޭންގެ ނަތީޖާއަށް ބަލައި އެ ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ބެޑް ރެސްޓް ނެގުން ކަމަށް ޑޮކްޓަރުން އިރުޝާދު ދިނުމުން ފުރަތަމަ ތިން މަސް ވަންދެން އޮތީ އެވެ.
ޝައުނާ ބުނީ ފަހުން ހެދި ޓެސްޓުން ވެސް ބެޑް ރެސްޓު ނެގުމަކީ އެންމެ ރަނގަޅު ގޮތަށް ވާތީ އެއާ އެއްގޮތަށް އޭނާ އޮތީ ކަމަށެވެ. އެކަމަކު، ބަނޑަށް ފަސް މަސް މަހުގައި އެއް ރެއަކު ފަތިސް ނަމާދަށް ތެދުވެ އުޅެނިކޮށް ކުއްލިއަކަށް ފެންދުލި ފަޅައިގެން ދިޔައީ އެވެ.
"ހަމައެކަނި ފާހަނާއަށް ދާން އެކަނި ތެދުވަނީ. ކާން ވެސް އޮށޯވެގެން. ފަންސަވީސް ހަފްތާ ވި ތަނާ ބަނޑުގައި ރިއްސައިގަތީ ހަމަ. ފަތިސް ނަމާދުކުރަން ވުޟޫކުރަން ވަތްއިރު ވޯޓަބޭގް ފަޅައިގެން ދިޔައީ....އޭގެ އަނެއް ރޭ ވިއްސީ ހަމަ. ވިއްސުވަން ވެސް ބޭއްވީ ހަމަ. ވިހާފައި ވެސް އެ މީހުން ބުނި، ދުވަސް ނުފުރާ ވީމަ ޗާންސަސް ވަރަށް ކުޑައޭ، ކިހިނެއްހޭ ހަދަންވީ. އެންއައިސީޔޫއަށް ލާންވީހޭ ނޫނީ ބާވަންވީހޭ،" ޝައުނާ، 36، ބުންޏެވެ.
އޭނާ ބުނީ އެ ދަރިފުޅު ނެގިއިރު، ވިހެއުމާއެކު ރޯ އަޑު އިވުނު ކަމަށެވެ. ނޭވާ އަދި ވިންދު ވެސް ހުއްޓެވެ. އެހެންވެ، އެންއައިސީޔޫއަށް ބަދަލުކޮށް އިންޖެކްޝަންތަކާއި ފަރުވާތައް ދޭން ފެށި އެވެ. ކުޑަކުޑަކޮށް އޮތް ދަރިފުޅުގެ ރޫފަ ރަނގަޅުވެ، ބަރުދަން އިތުރުވަމުން ދިއުމުން އުއްމީދު އާވި އެވެ. ގޮހޮރު ނުބައި ދިމާލެއްގައި އިނުމުން ކުރި 50/50 ގެ އޮޕަރޭޝަނަށް ފަހު، އެ ތުއްތު ފިރިހެން ދަރިފުޅުގެ ހާލަތަށް ވެސް ހެޔޮ ބަދަލެއް އަންނަހެން ހީވި އެވެ.
"އޮޕަރޭޝަން ކުރިތާ ހަފުތާއެއް ފަހުން ބޭބީ ފިޓް ޖެހެނީ. ފީޑް ކުރަނީ ވެސް ހޮޅިން. އެއްފަހަރު ވެސް ބުނީ އަންނަ ހަފުތާގައި ރޫމަށް ބަދަލުކުރަންޖެހިދާނެ އޭ. އަނެއްކާ ފިޓް ޖެހެން ފެށީ. އެއް ދުވަހު ވަރަށް ގަދައަށް ފިޓްޖެހިފައި އުއްމީދު ކަނޑާލީ. އަނެއްކާ ބޮލަށް ވެސް ގެއްލުންވާނެއޭ ފިޓްޖެހިފައި. ރަނގަޅު ވެލާފައި، ފިޓްޖެހި ޖެހިފައި ނިޔާވީ ދެ މަސް ފަހުން،" ޝައުނާ ބުންޏެވެ.
ދެ މަހުގައި ފަސް ވަނަ ދަރިފުޅު 2021 ގައި މަރުވިއިރު ވެސް ޝިއުނާގެ ތިން ކުދިން ދުނިޔޭގައި ތިއްބެވެ. އޭޑީކޭގެ އެންއައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުން ދިޔައިރު ކޮންމެ ދުވަހަކު ޝިއުނާ ހޮސްޕިޓަލަށް ގޮސް ދަރިފުޅަށް ގާތުން ދީ އުޅުނެވެ. އެކަމަކު، ދުވަސް ނުފުރާ ނަގަން ޖެހުނު ދަރިފުޅު ވަކިވުމުން އޭނާއަށް ކުރި އަސަރަކީ، އެހެން މީހުންނަށް ނަގައިގަންނަން ފަސޭހަ ކަމަކަށް ނުވި އެވެ.
އަންހެނަކު، ކުޑަކުދިންތަކަކާއެކު ރަސްފަންނު ސަރަހައްދުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެއް ކުއްޖަކު މަރުވުމުން އަނެއްކާ ވެސް އިތުރު ދަރިއަކު ހޯދައިދިނުމަށް ވިސްނައިދޭން ފެށި އެވެ.
"އެންމެ ފަހު ބޭބީއަށް އެހެންވީމާ، ދެ މަސް ވަންދެން ފީޑުކޮށް ވަރަށް ދެރަވި. ކުރީ ފަހަރު ވެސް ހަތަރު މަސް ވަންދެން ހަމަ ބަނޑުގައި އޮތީ. އޮންނާނެ ކޮންމެ ވެސް ވަރަކަށް އުއްމީދެއް. ހަތަރު މަހުގައި ބޭބީ ނިޔާވީމަ ހަމަ ބޭނުންވީ އެހެން ބޭބީއެއް ހޯދަން. އަނެއްކާ ވެސް އެއް އަހަރު ނުވަނީސް ބޭބީއަކަށް ޓްރައިކުރީ،" އޭނާ ބުންޏެވެ.
"މީހުން ހުރި ބުނެފައި ތިން ކުދިން އެބަތިއްބޭ، ކޮން ކަމަކާ ހެއްޔޭ ދެރަވާންވީ. ހަމަ ދެރަވޭ. ބަނޑުން ވިހެއި ދެ ކުދިން އެއީ. މީހުންނަށް އަސްލު ފީލް އެއް ނުވާނެ އެ މީހުންގެ ދަރިންނެއް ނޫން ވީމަ،"
އުތުރުގެ ރަށަކަށް އުފަން 28 އަހަރުގެ ހައްވަގެ (ފުރިހަމަ ނަމެއް ނޫން)ގެ ވާހަކަތައް ކިޔައިދޭން ބޭނުންވީ ވެސް، ބަނޑަށް މަރުވުމާއި ޅަފަތުގައި ކުދިން މަރުވުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސް ފާހަގަކުރާތީ އެވެ.
އޭނާގެ ދެ ވަނަ ކައިވެންޏަށް ދެ ވަނަ އަހަރުވީ ދުވަހު ލިބުނު އެންމެ އުފާވެރި ހަބަރާއެކު، ދެން ޖެހުނީ ޝިއުނާއެކޭ އެއްގޮތަށް ބެޑް ރެސްޓް ނަގާށެވެ.
"ބަނޑަށް އުނދަގޫތަކެއް ވާތީ ޑޮކްޓަރަށް ދައްކަން ދިޔައީ. އޭރު ހިތަކަށް ވެސް ނާރާ ބަނޑުބޮޑުވާނެއޭ. އެ ދުވަހު ޓެސްޓު ނަތީޖާ ނަގަން ގޮސްފައި، މަ ނަން ޖަހާފައި އޮތް ޝީޓުގައި އެބައޮތް ޕޮޒިޓިވް. ހިތަށް އެރީ ކީއްވެހޭ ޕޮޒިޓިވް އަންނަންވީ، އެ ކުދިން ކައިރި މި އެހީ އަނެއްކާ މިއީ އަހަރެންގެ ޓެސްޓު ނަތީޖާ ހެއްޔޭ ގަބޫލު ނުކުރެވިގެން. ފުރަތަމަ ވެސް ޓެސްޓުގެ ނަތީޖާ ލިބުނީމަ ރޮވެން ފެށުނީ އުފަލުން."
"ދެ މަސް ވަންދެން ގާތްގަނޑަކަށް ބެޑް ރެސްޓުގައި އޮތީ. ހަތަރު ވަނަ މަހުގައި ކުޑަކުޑަ ކޮށް ތެދުވެލާ އުޅެން ފެށީ. ފަސް މަހުގައި ނޯމަލީ އުޅުނުއިރު ވެސް ޑޮކްޓަރު ނުބުނޭ ސާވިކްސް ހުޅުވިފައޭ އިނީ. އޭރު އާ ވީމަ ނޭނގޭ ވިހަންވާއިރަށް ރިހުން ނަގަނީ ކިހިނެއް ކަމެއް. އުނަގަނޑުގައި ވެސް ރިއްސާ ވަރަށް. އަނެއްކާ ޑޮކްޓަރަށް ދެއްކީމަ ބުނީ ބެޑް ރެސްޓު ކުރާށޭ،"
މާ ގަދައަށް ރިއްސާތީ ކޮޅަށް ވެސް އަދި ތަނެއްގައި ޖައްސާލައިގެން ވެސް ނުހުރެވޭތީ ޑޮކްޓަރަށް ދެއްކީމަ ބުނީ ސާވިކްސް ދެ ސެންޓި މީޓަރަށް ހުޅުވިފައި ހުރި ކަމަށެވެ. އޭރު ބަނޑަށް ހަ މަހުގައި ޖެހުނީ ދަރިފުޅު ވިއްސާށެވެ.
ހައްވަ ބުނީ ސްކޭނުން ބްރީޗް ބޭބީއެއްކަން އެނގުމުން ޖެހުނީ ވިއްސަން ކަމަށެވެ. އޭރު ނޭވާ ނުލިއަސް ވިންދު ހުރުމުން ސީޕީއާރު ދިނެވެ. ނޭވާލި ނަމަ މާލެ ފޮނުވާލާނެ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އޭނާ ބުންޏެވެ.
"ވިހައިގެން ހަމަ ދަރިފުޅު ނަގައިގެން ގެންދިޔައީ. ގަޑިއިރު ވަންދެން ވިންދު ހުރި. އެކަމަކު އޭރު ވެސް ނޭވާއެއް ނުލާ." އޭނާ ބުންޏެވެ.
"ބޭބީ ވިހެއި ގޮތަށް އަވަސްވީ ބޭބީއަށް ފަރުވާކުރަން. އެ މީހުން ނެތް އަހަރެން މަތިން ހަނދާނެއް. އަހަންނަކަށް ނޭނގޭ ވީގޮތެއް، ވިހެއި ގޮތަށް ސާފުކޮށްފައި ކަޅު ސައި ގެނެސްފައި އެ ނުދެވޭ ހަނދާން ނެތިގެން، ކުޑަކުޑަ ބޭބީއަކަށް ފުރަތަމަ ބޭނުންވާނީ ބޭބީތާ ސަވައިވްކުރަން."
އަލަތު ދަރިފުޅު ލިބޭތީ އުފަލުން ތިބި އެ ދެމަފިރިން ދިޔައީ ވިހަން ވާއިރަށް ހުރިހާ ކަމަކަށް މަޑުމަޑުން ތައްޔާރުވަމުންނެވެ. ދަރިފުޅަށް ބޭނުންވާ އެއްޗެހި ބޭރުން އޮންލައިންކޮށް އަދި ރަށުން ގަނެ ހަމަކުރަން ފެށި އެވެ. ނަމަވެސް، ޕްރީ-އޯޑަރު ޖެހި ދަރިފުޅުގެ އަންނައުނު ލިބެން ފެށީ އެ ކުއްޖާ މަރުވި ފަހުންނެވެ. އެއީ ހައްވައަށް އެންމެ އުނދަގޫވި އެއް ކަމެވެ.
"ބޭބީގެ ބެޑިން ސެޓާ އެއްޗިއްސަށް އޯޑަރު ދީ، ބޭބީގެ ކުދިކުދި އެތިކޮޅު ބޭރުން އޯޑަރު ޖެހިން ގިނަ ދުވަހުން އެއްޗެހި ލިބޭތީ. ވިހެއި ފަހުން އަތަށް އެއްޗެހި އަންނަން ފެށީމަ އަސްލު ވަރަށް ދެރަވި. ބޭނުން ނުވި އަތުގައި އެއްވެސް އެއްޗެހި ބަހައްޓާކަން. ބެޑިން ސެޓް ވެސް ޕްރީއޯޑާ ކޮށްފައި ރެޑީވީމަ މި ބުނީ ކޮއްކޮ ކައިރީގައި އަދި ބަހައްޓާށޭ، ބުނީމަ ފޮނުވަން."
ހައްވަ ބުނިގޮތުގައި، އޭނާއާ އެކު ދިރިހުރި ފުރާނައެއް ގެއަށް ގެންނަން ނުލިބުނަސް، މާބަނޑު އެހެން މީހުން އުފުލި ވޭން ހަމަ ތަހައްމަލުކުރި އެވެ. ތަފާތަކަށް ވީ، ތުއްތު ދަރިފުޅު އުރާލައިގެން ގެއަށް ގެންދަން ނުލިބުމެވެ.
"މީހުން ބުނޭ ކުޑަކުޑަ ފުރާނައެއް ވިހެއީމަ ނުވާނެ ނޫންހޭ އެހާ ވަރެއް. އެކަމަކު، ވިހެއުމަކީ ހާދަ ވޭން ހުރި ކަމެކޭ. އެ ވޭން ހަމަ އަހަރެން ވެސް އިހުސާސްކުރިން."
"ކައިރީގައި ނޫޅެ ދިޔަސް ވިހާފައި ނިޔާވުމަކީ އަސްލު ބުނާނަމަ މައިމީހާއަށް އޭގެ އަސަރު ބޮޑަށް އިންނާނީ. މައިމީހާ ބަނޑުގައި ދަރިފުޅު ގެންގުޅުނީ ހަ މަސް ވިޔަސް.."
އެ ހިތްދަތި ހާދިސާއަށް މިދިޔަ އޮގަސްޓް މަހު އަހަރެއް ވެއްޖެ އެވެ. ހައްވަ މިހާރު ހުރީ އިތުރު ކުއްޖެއް ހޯދަން ބިރުގަނެފަ އެވެ.
"ބައެއް މީހުން ހީކުރޭ ދިޔައީމަ ދިޔައީ. އަނެއްކާ އާ ފެށުމަކުން ފަށާނީއޭ. އެކަމަކު އެހާ ފަސޭހަ ކަމެއް ނޫން. ޖެހިލުންވޭ، މިހާރު ވެސް ވަރަށް ޖެހިލުންވޭ. ފިރިމީހާ ކައިރި ވެސް ބުނަން ޖެހިލުންވެއޭ ހަމަ ވިހަން. ބަނޑުބޮޑުވާން ޖެހިލުންވެއޭ. އެގޮތަށް ކަންތައް ދިމާވީމާ، އެކަކު ވެސް ބޭނުމެއް ނުވާނެ އެކަމެއް ދެން އަނެއްކާ ތަކުރާރުވާކަށް."
އެއީ ހިތްދަތި ކަމެކެވެ. ގިނަ މީހުން ބަނޑުބޮޑުވަނީ އެތައް މަސައްކަތަކުންނެވެ. ބަނޑުބޮނޑުވުމުން ވަރަށް ބޮޑެތި އުއްމީދުތަކެއް ކުރެ އެވެ. އެހެންވެ ބަނޑަށް ކުއްޖާ މަރުވިޔަސް، އަދި ޅަފަތުގައި މަރުވިޔަސް އެއީ ވޭންހުރި ކަމެކެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދެރަވާނީ، ވިހައި ބޮޑުކުރާ ފަހުން ކުއްޖާ މަރުވުމުން ކަމަށެވެ. ނަމަވެސް އުރާލާނެ ފުރުސަތެއް ނުލިބިވިޔަސް، މަރުވުމަކީ ވޭނެކެވެ. ބަނޑުގައި ދަރިފުޅު އެތައް ދުވަހަކު އުފުލައި، އެ ކުއްޖާ އަށް ދުނިޔޭގެ އަލިކަން ރަނގަޅަށް ނުފެންނަނީ މަރުވުމަކީ އަބަދަށް ސިކުނޑީގައި ހަރުލާފައި ހުންނާނެ ފަދަ ހިތާމައެކެވެ.
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ދަރިއަކު ނުލިބިގެން އުޅުނު ހާލު އަމްރިތާ ކިޔައިދީފި
ތިނަދޫގައި ވިހެއި އެއްމާބަނޑު ދެކުދިން ނިޔާވެއްޖެ
ޓްރީޓޮޕުން ވިއްސާއިރު ނޭވާގެ ޒަރީއާއިން ތަދުކަނޑުވަނީ
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވެއްޖެ
ބަނޑުބޮޑުކަން ނޭނގި ވިހެއުމަށް ފަހު ދަރިފުޅު މަރު
ފުރަތަމަ ޑޯޒަށްފަހު މާބަނޑުވެއްޖެނަމަ ދެން ދޭނީ ފައިޒާ