Roadha Mihaaru

އަންހެން ކުދިންނަށް ތައުލީމް ދިނުމާބެހޭ ސަމިޓުގައި ތާލިބާނުން ބައިވެރިއެއް ނުވި

އިސްލާމީ ގައުމުތަކުގައި އަންހެން ކުދިންނަށް ތައުލީމް ދިނުމާ ބެހޭ ގޮތުން ޕާކިސްތާނުން ބާއްވާ ބައިނަލްއަގުވާމީ ސަމިޓުގައި ބައިވެރިވާން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ދިން ދައުވަތު ގަބޫލު ނުކުރި ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ތައުލީމް ދިނުމާގުޅޭ ސަމިޓްގައި ތާލިބާން ބައިވެރިއެއްނުވި

އިސްލާމީ ގައުމުތަކުގައި އަންހެން ކުދިންނަށް ތައުލީމް ދިނުމާ ބެހޭ ގޮތުން ޕާކިސްތާނުން ބާއްވާ ބައިނަލްއަގުވާމީ ސަމިޓުގައި ބައިވެރިވާން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ދިން ދައުވަތު ގަބޫލު ނުކުރި ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

"އަޅުގަނޑުމެން އަފްޣާނިސްތާނަށް ދައުވަތު ދިނިން. އެކަމަކު ސަމިޓުގައި އަފްޣާނިސްތާނު ސަރުކާރުގެ އެއްވެސް މީހަކު ބައިވެރިއެއް ނުވޭ،" ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓަރު ޚާލިދު މަގުބޫލް އޭއެފްޕީއަށް ވިދާޅުވި އެވެ.

"އެކަމަކު އަންހެން ކުދިންނަށް ތައުލީމު ދިނުމަށް މަސައްކަތްކުރާ އަފްޣާނިސްތާނުގެ އަމިއްލަ އެކި ޖަމާއަތްތަކުން ވަނީ ބައިވެރިވެފައި."

އދ. އިން ބުނެފައިވާ ގޮތުގައި ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމަށް ފަހު 1.4 މިލިއަން އަންހެންކުދިންނަށް ވަނީ އެކި ހުރަސްތައް ކުރިމަތިކޮށް ތައުލީމުން މަހުރޫމުކޮށްފަ އެވެ.

އަފްޣާނިސްތާނަކީ ސެކަންޑަރީ އަދި މަތީ ތައުލީމު އަންހެން ކުދިންނަށް ދިނުން މަނާކޮށްފައި އޮންނަ ހަމައެކަނި ގައުމަށް މިހާރު ވަނީ ވެފަ އެވެ.

ތާލިބާނުން 2021 ވަނަ އަހަރު އަލުން އަފްޣާނިސްތާނުގެ ވެރިކަން ހޯދުމަށް ފަހު ވަނީ ސްކޫލްތަކުގައި ގްރޭޑް 6 އިން މައްޗަށް އަންހެން ކުދިން ކިޔެވުން މަނާކޮށްފަ އެވެ. މިއީ ތާލިބާނުން ދީނީ ކަންކަން މާނަކުރާ ގޮތަށް ބަލާއިރު އިސްލާމް ދީނުގައި އެކަން އޮންނަން ޖެހޭ ގޮތް ކަމަށް ތާލިބާނުން ބުނެ އެވެ. ފިރިހެން ކުދިންނަށް މިކަމުގައި ހުރަހެއް ނޯވެ އެވެ.

ޔުނެސްކޯއިން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބެލި އިރު، އަފްޣާނިސްތާނުގައި ތައުލީމުން މަހުރޫމުވެފައިވާ އަންހެން ކުދިންގެ އަދަދަކީ 300،000 އެވެ. އެކަމަކު އުމުރުން 12 އަހަރު ފުރުނު ކުދިންގެ އަދަދު ގިނަވުމާ އެކު މި އަދަދު މިހާރު ވަނީ 1.4 މިލިއަނަށް އަރާފައި ކަމަށް ޔުނެސްކޯ އިން ބުންޏެވެ.

ފިރިހެން ކުދިންނަށް އަންހެން ޓީޗަރުން ކިޔަވައިދިނުން މަނާކޮށްފައި ވާއިރު ކުދިން ސްކޫލަށް ވަންނަ އަދަދު ވެސް ވަނީ މަދުވެފަ އެވެ. އަދި ބެލެނިވެރިން ވެސް ކުދިން ސްކޫލަށް ނުފޮނުވާ ވިސްނުމުގައި ތިބޭ ކަމަށް ބުންޏެވެ.

ތާލިބާނުން ޕާކިސްތާނުގައި 2012 ވަނަ އަހަރު ބަޑިޖެހުމުގެ ސަބަބުން މަރުގެ ތުންފަތްމައްޗަށް ދިޔަ މަލާލާ ޔޫސުފްޒާއީ ވަނީ އޭރު ފަރުވާއަށް ގައުމުން ބޭރަށް ގެންދިޔަ ފަހުން މި ސަމިޓުގައި ބައިވެރިވުމަށާ އެކު އެނބުރި ގައުމަށް ވެސް ގޮސްފަ އެވެ.