އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
11 ޖެނުއަރީ 2022
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
ކުރިން އޮންނަ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ދުއްވުމުގެ އިމްތިހާނެއް ފުރިހަމަ ކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބޭނެ އެވެ. އަދި ޑްރައިވިން ސްކޫލްތަކުގައި ދުއްވަން ދަސް ކުރިޔަސް، ވަކި މުއްދަތެއް ވަންދެން ދަސްކުރަން ދުއްވުން ކުރިން ލާޒިމެއް ނޫނެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު، ޑްރައިވިން ސްކޫލް ހިންގުމުގެ ގަވާއިދުގައިވާ ގޮތުން ދުއްވަން ދަސް ކުރާއިރު ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން އުޅަނދު ދުއްވަން ދަސްކުރަން ޖެހޭނެ އެވެ. އަދި ދުއްވަން ދަސްކުރާ މީހުންގެ އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އާ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން، ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރާއިރު، އެކި ބާވަތުގެ އުޅަނދުތައް ދުއްވަންޖެހޭ މުއްދަތު ތަފާތެވެ. ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެ އެވެ. އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް އާ ގަވާއިދުގައިވެ އެވެ.
ދުއްވަން ދަސްކޮށްދޭން ޑްރައިވިން ސްކޫލްތަކަށް ވެސް އެންމެ ގިނަވެގެން ނެގޭނެ ފީގެ އަދަދުތައް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. ސައިކަލާއި ކާރު ފަދަ އުޅަނދުތައް ދުއްވަން ދަސްކޮށް ދޭން އެންމެ ގިނަވެގެން ނެގޭނީ ކޮންމެ ކެޓަގަރީއަކަށް 1،500ރ. އެވެ. އެ އުސޫލާ ޚިލާފުވާ ޑްރައިވިން ސްކޫލްތަކުގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށާއި އެފަދަ ތަންތަނުގެ ލައިސަންސް ބާތިލް ކުރާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
ގަވާއިދުގައިވާ ގޮތުން، ސައިކަލު ފިޔަވައި އެ ނޫން އުޅަނދުތައް ދުއްވަން ދަސް ކުރާއިރު، ދުއްވަން ދަސްކުރާ އުޅަނދުގެ އެތެރޭގައި ކެމެރާ ހަރުކޮށްފައި ހުންނަން ޖެހޭނެ އެވެ. ދުއްވަން ދަސްކޮށްދޭ ޑްރައިވިން ސްކޫލަކީ އެކަމަށް ލައިސަންސް ލިބިފައިވާ ތަނަކަށް ވުމުގެ އިތުރުން ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންނަކީ ވެސް ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު، އެކަމުގެ ލައިސަންސް ލިބިފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކުރެ އެވެ.
އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ދެ މީހަކު ސައިކަލް ދުއްވަން ދަސްކުރަނީ. --ފޮޓޯ: މިހާރު
އިންސްޓްރަކްޓަރުންނަކީ ވޭތުވެދިޔަ ފަސް އަހަރު މަދަނީ ނުވަތަ ޖިނާއީ ކުށެއްގައި ވިޔަސް، އެއްވެސް ހުކުމެއް އައިސްފައިވާ ބަޔަކަށް ނުވުމާއި ދުއްވުމުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރުމުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއްގައި މަދުވެގެން ހަ ގަޑިއިރު ފުރިހަމަ ކޮށްފައިވާ ބަޔަކަށްވާން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އުސޫލުތަކާ ޚިލާފުވާ ނަމަ އިންސްޓްރަކްޓަރުންގެ ލައިސަންސް ބާތިލް ކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
ލައިސަންސް ނުހެދި ޖޫރިމަނާކުރާތީ ހިތްހަމަނުޖެހިއްޖެ
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ލައިސަންސް އިމްތިހާނުގެ މުއްދަތު އަންނަ އަހަރާ ހަމައަށް
ވަކި ގައުމުތަކެއްގެލައިސަންސް އޮންނަ ދިވެހިންނަށް ލުޔެއް
ޖޫރިމަނާ ފައިސާ ނުދެއްކިޔަސް މިހާރު ލައިސަންސް ނެގޭނެ
ގޯސްކޮށް ޕާކްކުރުމުން ލައިސަންސް ބާތިލްވާ ގޮތް ހަދައިފި
ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް ދޭން އަލުން ފަށަނީ
ލައިސަންސްގެ މުއްދަތު ހަމަވިޔަސް ގަބޫލުކުރާނެ
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ
ލައިސަންސްގެ ތިއަރީ އިމްތިހާނު ހެދުން މިނިސްޓްރީގައި