Roadha Mihaaru
އިންޑިއާ-އިނގިރޭސިން މިނިވަން ވިޔަފާރީގެ މަޝްވަރާކުރަނީ

އިންޑިއާ-އިނގިރޭސިން މިނިވަން ވިޔަފާރީގެ ވާހަކަތައް ފަށަނީ

13 ޖެނުއަރީ 2022

ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރުމާ ބެހޭ ގޮތުން، އިންޑިއާ އާއި އިނގިރޭސި ވިލާތާ ދެމެދު ބާއްވާ ރަސްމީ ވާހަކަތައް މިއަދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފަށާނެ އެވެ.

ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރުމާ ބެހޭ ގޮތުން، އިންޑިއާ އާއި އިނގިރޭސި ވިލާތާ ދެމެދު ބާއްވާ ރަސްމީ ވާހަކަތައް މިއަދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފަށާނެ އެވެ.

އިންޑިއާ އާއި އިނގިރޭސި ވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ބޭނުމަކީ، ދެ ގައުމުގެ މެދުގައި މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓް ކުރުމުގައި، ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމެވެ. އެ ގުޅުން ގާއިމުކުރުމުން އެއް ގައުމެއްގެ ރައްޔިތުން އަނެއް ގައުމަށް ދަތުރުކޮށް އުޅުމުގައި ވެސް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ އެވެ.

އިނގިރޭސި ވިލާތާއި އިންޑިއާއާ ދެމެދު މިހާރު ވެސް ވިޔަފާރީގެ ވަރަށް ވަރުގަދަ ގުޅުމެއް އޮންނަ އިރު، މިނިވަން ވިޔަފާރީގެ ދޮރު ހުޅުވުމުން، ކޮންމެ އަހަރަކު ދެ ގައުމުގެ ދެމެދުގައި އެތައް ބިލިއަން ޕައުންޑެއްގެ ވިޔަފާރި ކުރެވޭނެ އެވެ.

މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގައި އިންޑިއާ ސަރުކާރު ތަމްސީލުކުރާ ވަފުދުގެ ވެރިއަކަށް ހުންނަވާނީ އެ ގައުމުގެ ވިޔަފާރިއާ ބެހޭ ވަޒީރު ޕިޔުލް ގޯޝާލް އެވެ. އިނގިރޭސި ވިލާތުގެ ވަފުދުގެ ވެރިއަކަށް ހުންނަވާނީ އެ ގައުމުގެ ވިޔަފާރިއާ ބެހޭ ވަޒީރު އޭން-މެރީ ޓްރެވެލްޔަން އެވެ.

"އިންޑިއާގެ އިގްތިސާދު ވަރަށް ބާރަށް ކުރިއަރައިގެން އަންނަ އިރު، އިންޑިއާއާ އެކުގައި އެއްބަސްވުމެއް ގާއިމުކުރުމަކީ، އިންޑިއާގެ ވިޔަފާރީގެ ކިޔޫގެ ކުރީގައި އިނގިރޭސި ވިލާތް ބޭއްވުމަށް ލިބޭ ރަނުގެ ފުރުސަތެއް،" އިނގިރޭސި ވިލާތުގެ ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން ބުނި ގޮތުގައި އިންޑިއާއާ އެކުގައި މިނިވަން ވިޔަފާރީގެ ގުޅުމެއް ގާއިމުކުރުމުން، ދެ ގައުމުގެ ދެމެދުގައި މިހާރު ކުރަމުން އަންނަ ވިޔަފާރި ދެ ގުނައަށް އިތުރު ވެގެންދާނެ އެވެ. އަދި 2035 ވަނަ އަހަރު އަންނަ އިރު، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގު 28 ބިލިއަން ޕައުންޑަށް ވުރެ މަތިވާނެ އެވެ.

އިނގިރޭސި ވިލާތުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2019 ވަނަ އަހަރު ނިމުނު އިރު، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގު ހުރީ، އަހަރަކު 23 ބިލިއަން ޕައުންޑުގަ އެވެ. ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރުމުން، އިންޑިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ.