Roadha Mihaaru
އުމުރު ދުވަހަށް ރަސްކަމުގައި ދެމިހުންނާނަން: ޗާލްސް

އުމުރު ދުވަހަށް ރަސްކަމުގައި ދެމިހުންނާނަން: ޗާލްސް

11 ސެޕްޓެމްބަރ 2022

މަންމާފުޅު އަދި އަވަހާރަވެފައިވާ، އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ފަރާތުން ވާރުތަވެފައިވާ ރަސްކަމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރެއްވުމުގައި އުމުރު ދުވަހަށް ދެމިހުންނަވާނެ ކަމަށް، އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ދޭއް އިއްޔެ ވިދާޅުވެއްޖެ އެވެ.

މަންމާފުޅު އަދި އަވަހާރަވެފައިވާ، އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ފަރާތުން ވާރުތަވެފައިވާ ރަސްކަމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރެއްވުމުގައި އުމުރު ދުވަހަށް ދެމިހުންނަވާނެ ކަމަށް، އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ދޭއް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަސްގެފާނު ޗާލްސް އިއްޔެ ވިދާޅުވީ މަންމާފުޅު ރާނީ އަވަހާރަވުމަކީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. އަދި ރާނީ އިނގިރޭސި ވިލާތުގައި ރަނިކަން ކުރެއްވި މުއްދަތާއި ޚިދުމަތަށް ބެހެއްޓެވި ވަފާތެރިކަމާއި ފަރުވާތެރިކަމަށް ބެއްޔަސް، އެފަދަ ދެވަނައެއް ފެންނަން ނެތް ކަމަށް ވެސް ރަސްގެފާނު ވިދާޅުވި އެވެ.

އިނގިރޭސި ރަސްކަމުގެ ޒިންމާތަކާއި ވާޖިބުތަކާ ހަވާލުވެވަޑައިގަންނަވަނީ، އެ ކަމުގެ ބުރަކަން ރަނގަޅަށް ދެނެވަޑައިގެން ހުންނަވައި ކަމަށާއި، އިނގިރޭސި ވިލާތުގެ ދުސްތޫރު ނެގެހެއްޓުމުގައި މަންމާފުޅުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ނަމޫނާއާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް ވެސް ރަސްގެފާނު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް، މިމަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާ އެކު، އެ ގައުމުގެ ރަސްކަން ވާރުތަވެފައިވާ، އެކަމަނާގެ ދޮށީ ފިރިހެން ދަރިކަލުން ޗާލްސް، ރަސްމީކޮށް އިނގިރޭސި ވިލާތުގެ ރަސްކަމާ އިއްޔެ ހަވާލުވެވަޑައިގަތީ، އެ ގައުމުގެ ގާނޫނުއަސާސީ އާއި ޝާހީ އާދަކާދައިގެ މަތިން، އެ ގައުމުގެ އެކްސެޝަން ކައުންސިލްގެ ފަރާތުން، އިނގިރޭސި ރަސްކަމަށް ޗާލްސް އައްޔަންކުރުމާ ގުޅިގެންނެވެ. އެކްސެޝަން ކައުންސިލަކީ، އިނގިރޭސި ދައުލަތުގެ މަޝްވަރާ މަޖިލީހާއި ކަމުވޮށިގެންވާ ބޭކަލުންގެ މަޖިލީހާއި ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އާއި ލަންޑަންގެ މޭޔަރާއި އިތުރު ބައެއް އެހެން ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހެކެވެ.

ސެޕްޓެމްބަރ 10، 2022؛ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި، އަރިހުގައި އަނބިކަނބަލުން ކެމީލާ (މ) އާއި ދަރިކަލުން އަދި ވަލީ އަހުދު އަމީރު ވިލިއަމް

ސެޕްޓެމްބަރ 10، 2022؛ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި، އަރިހުގައި އަނބިކަނބަލުން ކެމީލާ (މ) އާއި ދަރިކަލުން އަދި ވަލީ އަހުދު އަމީރު ވިލިއަމް

ސެއިންޓް ޖޭމްސް ގަނޑުވަރުގައި އިއްޔެ އޮތް އެކްސެޝަން ކައުންސިލްގެ ބައްދަލުވުމުގައި، އިނގިރޭސި ރަސްކަމަށް ޗާލްސް ތިނެއް އައްޔަންކުރެއްވީ، ޗާލްސް އެ ބައްދަލުވުމަށް ހާޒިރު ނުކޮށެވެ. ކައުންސިލްގެ މެންބަރުންގެ އިއްތިފާގުން، ޗާލްސްގެ ރަސްކަމުގެ ނަމާއި ލަގަބު ކަނޑައެޅުމަށް ފަހު، ޗާލްސް އެ ބައްދަލުވުމަށް ހާޒިރުކޮށް، ކައުންސިލްގެ ނިންމުން ޗާލްސް އަށް އިއްވި އެވެ.

އެއަށް ފަހު، އެ ކައުންސިލްގެ ނިންމުން އެ ގަނޑުވަރުގެ ބޭރުގައި ޖަމާވެފައި ތިބި އާންމުންނަށް އިއްވުމަށްޓަކައި، ގަނޑުވަރުގެ ބެލްކަނީގައި ހުންނަވައި، އިނގިރޭސި ދައުލަތުގެ މަޝްވަރާ މަޖިލީހުގެ އެންމެ އިސް ވެރިޔާ އެޑްވަޑް ފިޓްޒަލަން-ހޮވާޑް، ހަރުއަޑުން އެ ނިންމުން ވިދާޅުވި އެވެ.

އެކްސެޝަން ކައުންސިލްގެ ނިންމުން އާންމުކުރުމާ އެކު، 62 ބަޑީގެ ސަލާމެއް ދިނުން އޮތެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކްސެޝަން ކައުންސިލްގެ ނިންމުން، ސްކޮޓްލޭންޑާއި އުތުރު އަޔަލޭންޑްގެ އިތުރުން ވޭލްސްގައި އާންމުކޮށް އިއުލާންކުރުން ވެސް އޮންނާނެ އެވެ.

ކައުންސިލްގެ ނިންމުން އިއްވައިދެއްވުމުން، އެކްސެޝަން ކައުންސިލްގެ މެމްބަރުންގެ ކުރިމަތީގައި ޗާލްސް، ރަސްކަމުގެ ހުވައި ކުރައްވައި ހުވައިގެ ލިޔުމުގައި ސޮއިކުރެއްވި އެވެ. އެންމެ އިސް ހެކިވެރިންގެ ގޮތުގައި، ހުވައިގެ ލިޔުމުގައި ސޮއިކުރެއްވީ މިހާރުގެ ވަލީ އަހުދު އަމީރު ވިލިއަމް އާއި ރަސްގެފާނުގެ އަނބިކަނބަލުން ކެމީލާ އެވެ. އެއަށް ފަހު، އެކްސެޝަން ކައުންސިލަށް ހާޒިރުވި 300 މެމްބަރުން ވެސް ހުވައިގެ ލިޔުމުގައި ސޮއި ކުރެއްވި އެވެ.

ރަސްކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ނެރުއްވި ޝާހީ އަމުރުފުޅުތަކުގެ ތެރޭގައި، ރާނީ އެލިޒަބަތު ފަސްދާނުލާ ދުވަހަކީ، އެ ގައުމުގެ ބޭންކުތައް ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވައި ނެރުއްވި އަމުރުފުޅު ހިމެނެ އެވެ.