Roadha Mihaaru
އިނގިރޭސީން ތިބޭނީ ޔޫކްރޭންގެ ދިފާއުގައި: ރިޝީ

އިނގިރޭސީން ތިބޭނީ ޔޫކްރޭންގެ ދިފާއުގައި: ރިޝީ

26 އޮކްޓޯބަރ 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ފަށައިގެން އުޅޭ އުދުވާނުގެ މައްސަލައިގައި އިނގިރޭސި ވިލާތް މަސައްކަތް ކުރަމުން ދާނީ، ޔޫކްރޭން ރައްޔިތުންގެ ދިފާއުގައި އެމެރިކާއާ އެކުގައި ކަމަށް، އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނަކް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ފަށައިގެން އުޅޭ އުދުވާނުގެ މައްސަލައިގައި އިނގިރޭސި ވިލާތް މަސައްކަތް ކުރަމުން ދާނީ، ޔޫކްރޭން ރައްޔިތުންގެ ދިފާއުގައި އެމެރިކާއާ އެކުގައި ކަމަށް، އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނަކް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޝީ ސުނަކް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރޭ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކު ފޯނުން މަޝްވަރާ ކުރެއްވި ކަމަށެވެ. ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، ޔޫކްރޭން މައްސަލައިގެ އިތުރުން، ޗައިނާގެ އަސްކަރީ ކުރިއެރުންތަކާއި އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކާތައް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން، ބައިނަލްއަގުވާމީ މުޖްތަމައުގެ ސުލްހަ އާއި ކުރިއެރުމަށްޓަކައި، އެމެރިކާ އާއި އިނގިރޭސި ވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ. އަދި މިހާރު ޔޫކްރޭންގައި ހިންގަމުންދާ އުދުވާނުގެ މައްސަލައިގައި ރަޝިޔާ ޒިންމާދާރު ކުރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް، ޑައުނިން ސްޓްރީޓް 10 އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ދާއިރާތަކާ ގުޅޭ ގޮތުންނެވެ.

ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރިޝީ އެންމެ ފުރަތަމަ ގުޅުއްވައި މަޝްވަރާ ކުރެއްވީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެވެ. ޒެލެންސްކީއާ އެކުގައި ކުރެއްވި މަޝްވަރާތަކުގައި، ޔޫކްރޭންގެ ދިފާއުގައި އެ ގައުމުގެ ސިފައިން ކުރަމުންދާ ހަނގުރާމަ އަށް އިނގިރޭސި ވިލާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރިޝީ ވިދާޅުވި އެވެ.

ޒެލެންސްކީ ރޭގައި ކުރެއްވި ޓުވީޓެއްގައި، ދެ ބޭފުޅުން މަޝްވަރާތަކާ ބެހޭ ގޮތުން ވިދާޅުވީ، އެއީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމުގެ މުޅިން އާ ބާބެއް ފެށުމަށް އެއްބަސްވެވުނު ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި އުދުވާނުން އެ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާގެ އިތުރުން، ޔޫކްރޭނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަނީ އިނގިރޭސި ވިލާތުންނެވެ.