Roadha Mihaaru
ކަލައިދޫ-ދަނބިދޫ ކޯޒްވޭ ނުހަދާތީ އިހުތިޖާޖުކޮށްފި

ތިން އަހަރުވީއިރު ވެސް ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ މަސައްކަތް ނުފަށާތީ އިހުތިޖާޖުކޮށްފި

14 ޖެނުއަރީ 2022

ލ. ކަލައިދޫ އާއި ދަނބިދޫ، ކޯޒްވޭއަކުން ގުޅުވާލާނެ ކަމަށް ވައުދުވި ފަހުން ތިން އަހަރުވީއިރު ވެސް އެ މަސައްކަތް ފަށާފައިނުވާތީ ކަލައިދޫ ރައްޔިތުން ނިކުމެ އިހުތިޖާޖުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލ. ކަލައިދޫ އާއި ދަނބިދޫ، ކޯޒްވޭއަކުން ގުޅުވާލާނެ ކަމަށް ވައުދުވި ފަހުން ތިން އަހަރުވީއިރު ވެސް އެ މަސައްކަތް ފަށާފައިނުވާތީ ކަލައިދޫ ރައްޔިތުން ނިކުމެ އިހުތިޖާޖުކޮށްފި އެވެ.

ކަލައިދޫ އާއި ދަނބިދޫ ގުޅުވާލުމުގެ ވައުދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ނަމަވެސް ދެ ރަށް ގުޅުވާލުމުގެ ވައުދު ނުފުއްދާ، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލާނެ ކަމަށް އިއުލާންކުރިތާ ހަފްތާއެއް ނުވަނީސް މަސައްކަތް ފެށުމުން އެކަމާ މެދު ރައްޔިތުން ހިތްހަމަނުޖެހުނީ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކުރިން ވެސް މި ދެ ރަށް ގުޅާލާނެ ކަމަށް އެހެން ސަރުކާރުތަކުން ވެސް ވައުދުވިއެވެ. އެކަމަކު މިހާތަނަށް އެ މަސައްކަތް އެއްގޮތަކަށް ވެސް ނުފަށަ އެވެ.

ކަލައިދޫ ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ބައި އިލެކްޝަނާ ދިމާކޮށް މިއަހަރުގެ ބަޖެޓުގައި ވެސް ނެތް ކަމެއްގެ މަސައްކަތްކުރުމަށް ނިންމި ނިންމުމާ އެކު ކަލައިދޫ އާއި ދަނބިދޫ، ކޯޒްވޭއަކުން ގުޅާލުމުގެ ވާހަކަ ގަދަވީ ކަމަށެވެ.

"ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލަން އުޅޭ ވާހަކައާ އެކީގަ އަނެއްކާ ވެސް މި ދެ ރަށް [ކަލައިދޫ-ދަނބިދޫ] ގެ ވާހަކަ ރައްޔިތުން މި ދައްކަން ފެށީ. އެކަމުގައި މިއަދު އިހުތިޖާޖު ކުރީ،" މެމްބަރު ވިދާޅުވި އެވެ.

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ގޮވާލައި ބޭއްވި އިހުތިޖާޖު--

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ގޮވާލައި ބޭއްވި އިހުތިޖާޖު--

އޭނާ ވިދާޅުވި ގޮތުގައި ކަލައިދޫ އާއި ދަނބިދޫ ގުޅާލާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ މަސައްކަތް ކުރުމަށް މިހާތަނަށް އެއްވެސް ކުންފުންޏަކާ ހަވާލެއް ނުކުރެ އެވެ. އެކަމަކު އެ މަސައްކަތުގެ ސާވޭ ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ކަންބޮޑުވުމަކީ އެ މަސައްކަތް ފަށާނެ ތާރީހެއް ވެސް ދީފައި ނުވާތީ،" އޭނާ ވިދާޅުވި އެވެ.

ކޯޒްވޭ އިން ދެ ރަށް ގުޅާލާނެ ކަމަށް ބުނާ ސަރަހައްދުގައި ރައްޔިތުން ނިކުމެ ޕޯސްޓަރުތަކާ އެކު, އަޑު އުފުލަމުން ބުނެފައި ވަނީ މި ދައުރު ނިމެން ގާތްވެފައިވާތީ ކޯޒްވޭގެ މަސައްކަތް ފަށާނެ ސީދާ ތާރީހެއް ބޭނުންވާ ކަމަށެވެ.

ކަލައިދޫ އާއި ދަނބިދޫއާ ދެމެދު އެއް ކިލޯ މީޓަރު ހުރެ އެވެ. މެމްބަރު ވިދާޅުވީ މިހާރު ވެސް އިސްދޫ އާއި ކަލައިދޫ އަކީ އެއް ފަސްކޮށްފައިވާ ރަށަކަށްވާތީ ދަނބިދު އާއި އެ ދެ ރަށް ގުޅުލުމުން އިގްތިސޯދީ ގޮތުން ވެސް އެ ސަރަހައްދަށް ކުރިއެރުން ލިބޭނެ ކަމަށެވެ.