Roadha Mihaaru
މާދުވަން ބޭނުމީ ރިތިކް ކަހަލަ ހަށިގަނޑެއް

ކެޓްރީނާއާ އެކު ފިލްމެއް ކުޅެން މާދުވަން ބޭނުމީ ރިތިކް ކަހަލަ ހަށިގަނޑެއް

17 ޖެނުއަރީ 2022

ރިތިކް ރޯޝަންގެ ހުންނަ ކަހަލަ ފިޓް ހަށިގަނޑަކަށް އެދެވޭ ކަމަށާއި އޭރުން ބަތަލާ ކެޓްރީނާ ކައިފާ އެކު ވެސް ފިލްމެއް ކުޅެން ލިބިދާނެ ކަމަށް އެކްޓަރު އާރް މާދްވަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިތިކް ރޯޝަންގެ ހުންނަ ކަހަލަ ފިޓް ހަށިގަނޑަކަށް އެދެވޭ ކަމަށާއި އޭރުން ބަތަލާ ކެޓްރީނާ ކައިފާ އެކު ވެސް ފިލްމެއް ކުޅެން ލިބިދާނެ ކަމަށް އެކްޓަރު އާރް މާދްވަން ބުނެފި އެވެ.

އިންޑިއާގެ ދެކުނު ފިލްމުގެ އިތުރުން ބޮލީވުޑްގެ އުފެއްދުންތަކުން ވެސް ފެންނަ ހުނަރުވެރި އެކްޓަރު ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ރިތިކަކީ އަބަދު ވެސް ވަރަށް ކަމުދާ އެކްޓަރެއް ކަމަށާއި އޭނާ ކުޅޭ ކަހަލަ ފިލްމުތަކަށް އުންމީދު ވެސް ކުރެވޭ ކަމަށެވެ.

"އެއަށް ވުރެ ބޮޑަށް ރިތިކް ކަހަލަ ފިޓް އެކްޓަރަކަށް ވުމަށް ވަރަށް ބޮޑަށް އެދެވޭ. އެކަމަކު އަދި ރިތިކްގެ ހުންނަ ކަހަލަ ހަށިގަނޑަކަށް އެދެވުމަކުން ވެސް ނުފުދޭ. އެ ކަމަށް ޔަގީނުން ބުރަ މަސައްކަތެއް ވެސް ކުރަން ޖެހޭނެ. އޭރުން ގައިމު ވެސް ކެޓްރީނާއާ އެކު ވެސް ފިލްމެއް ކުޅެން ލިބިދާނެ،" ސަމާސާއަކަށް ހަދާފައި މާދުވަން، 51، ބުންޏެވެ.

މާދުވަން ބުނި ގޮތުގައި އޭނާ އާއި ރިތިކް ވެސް ފިލްމީ ކެރިއަރު ފެށީ ގާތްގަނޑަށް އެއް ދުވަސްވަރެއްގަ އެވެ. ކުރިއެކޭ އެއްގޮތަށް ރިތިކް މިހާރު ވެސް ވަރަށް ފިޓްކޮށް، ވަރަށް ފަސޭހަމާ އެކު އެކްޝަން ރޯލުތައް ކުޅޭ ކަން ފާހަގަކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ރިތިކް މި ވަގުތު ޝޫޓިން ފަށާފައި އޮތް ފިލްމަކީ މާދުވަންގެ 2017 ގެ ތަމަޅަ ފިލްމު އެކްޝަން ތުރިލާ "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކެކެވެ. އަދި އޭގައި މާދުވަން ކުޅުނު ފުލުސް ކެރެކްޓާ ވިކްރަމްގެ ރޯލު ސައިފް އަލީ ޚާން ކުޅޭއިރު، ރިތިކް ކުޅެނީ ކެޓްރީނާއާ އެކު މިހާރު "މެރީ ކްރިސްމަސް" ގެ މަސައްކަތްކުރަމުން އަންނަ ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ކުޅުނު ވޭދާގެ ރޯލެވެ.

"ރެހެނާ ހޭ ތޭރޭ ދިލް މޭ" އާއި "ރަންގް ދެ ބަސަންތީ" އާއި "3 އިޑިއަޓްސް" ފަދަ ކާމިޔާބު ބޮލީވުޑް ފިލްމުތައް ކުޅެފައިވާ މާދުވަން ބުނި ގޮތުގައި ރިތިކް ކަހަލަ އެކްޓަރަކަށް ވެވޭނެ ނަމައޭ ހިތަށް އެރިޔަސް، އަމިއްލަ ސިފައާ މެދު އެއް އިރެއްގައި ވެސް ކަންބޮޑެއް ނުވެ އެވެ. އަދި ފިލްމެއް އޭނާ އަށް އެންމެ ހާއްސަ ވަނީ އޭގެ ވާހަކަ އާއި ކުޅެން ލިބޭ ކެރެކްޓަރުން ކަމަށް ބުންޏެވެ.

"އެހެންވެ މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އަހަރެން އުފާވޭ ކެރިއަރުގެ މިސްރާބާ ދޭތެރޭ. އަހަރެން މަސައްކަތްކުރަނީ އަހަރެންގެ ސްޓްރެންތު އެނގިގެން،" މާދުވަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެންމެ ބޮޑު ކާމިޔާބީ އަކީ އެކްޓިންގެ އެއްވެސް ރަސްމީ ޓްރެއިނިންއެއް ނެތި އިންޑަސްޓްރީ އަށް ނުކުމެ މަސައްކަތުގެ ތަޖުރިބާ އިން ހޯދި ކުރިއެރުމެވެ. އަދި ފާހަގަކޮށްލެވޭ އެތައް ޑައިރެކްޓަރާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުމެވެ.

"އެއީ ކަންނޭނގޭ އާޓިސްޓަކަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކަށް ވެސް ވާނީ،" މިހާރު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ އެކްޓަރު ބުންޏެވެ.

މިދިޔަ މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި ސީރީޒް "ޑިކަލްޕްޑް" ގެ ބަތަލުގެ ކުރިއަށް އޮތް ފީޗާ ފިލްމަކީ އަމިއްލަ އަށް ޑައިރެކްޓްކުރި ބަޔޮގްރެފިކަލް ޑްރާމާ "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" އެވެ. މި ފިލްމަކީ އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގެ ކުރީގެ ސައިންޓިސްޓް ނަމްބީ ނާރަޔަންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭގައި ނަމްބީގެ ރޯލު ވެސް ކުޅުނީ މާދަވަނެވެ.

އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް އަދިތިޔާ ޗޯޕްރާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފުރަތަމަ ވެބް ސީރީޒް "ދަ ރެއިލްވޭ މެން" ހިމެނެ އެވެ.