Roadha Mihaaru
ކައިވެންޏަށް ފަހު ވިކީ ކުޅުނު ފުރަތަމަ ފިލްމު ނިމިއްޖެ

ކައިވެންޏަށް ފަހު ވިކީ ކުޅުނު ފުރަތަމަ ފިލްމުގެ ޝޫޓިން ނިމިއްޖެ

29 ޖެނުއަރީ 2022

ބަތަލާ ކެޓްރީނާ ކައިފާ މިދިޔަ މަހު ކައިވެނިކުރި ފަހުން އެކްޓަރު ވިކީ ކޯޝަލް ކުޅުނު ފުރަތަމަ ފިލްމުގެ ޝޫޓިން ނިމިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކެޓްރީނާ ކައިފާ މިދިޔަ މަހު ކައިވެނިކުރި ފަހުން އެކްޓަރު ވިކީ ކޯޝަލް ކުޅުނު ފުރަތަމަ ފިލްމުގެ ޝޫޓިން ނިމިއްޖެ އެވެ.

އިންދޯރުގައި އެއްކޮށްހެން ޝޫޓްކުރި އެކަމަކު އަދި ނަން އިއުލާން ނުކުރާ ފިލްމުގެ ޝޫޓިން ނިންމާލި ވާހަކަ ފިލްމުގެ ބަތަލާ ސާރާ އަލީ ޚާނާއި ވިކީގެ އިންސްޓަގްރާމްގައި ވެސް ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކު ބުންޏެވެ. މި ފިލްމަކީ މިދިޔަ އަހަރު ކްރިތީ ސެނަންގެ "މިމީ" ގެނެސްދިން ލަކްޝްމަން އުޓޭކަރް ޑައިރެކްޝަނެކެވެ. ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާ އިރު، ސާރާ އާއި ވިކީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަކީ "ސްމޯލް ޓައުން" ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.

ސާރާގެ ޕޯސްޓްގައި ފިލްމަށް ކުރެވުނު ތަޖުރިބާ ވަރަށް ފުރިހަމަކަން ފާހަގަކޮށް ފިލްމުގެ މުޅި ޓީމަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ. މި ފިލްމަކީ 2020 ގައި ރިލީޒްކުރި އޭނާގެ "ލަވް އާޖް ކަލް" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ އެއްޗެކެވެ.

ވިކީ އާއި ސާރާ އަށް މި ފިލްމުގެ ކުރިން ވެސް އެކީގައި ކުޅެން އެހެން ފިލްމެއް ލިބުނެވެ. އެއީ ވިކީގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތިޔާ ދާރް ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" އެވެ. ބަޖެޓްގެ މައްސަލާގައި އެ ފިލްމު އޮތީ މަޑުޖައްސައިފަ އެވެ.

ސާރާއާ އެކު ކުޅުނު ފިލްމުގެ ޝޫޓިން ނިންމައިލުމާ އެކު ވިކީ ދެން މަސައްކަތް ފަށާނީ ޑައިރެކްޓަރު މެގްނާ ގުލްޒާރްގެ ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރު" ގެ މަސައްކަތެވެ. ސާނިއާ މަލްއުތުރާ އާއި ފާތިމާ ސަނާ ޝައިހް ބަތަލާއިންގެ ރޯލު ކުޅޭ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި އޮތީ މާޗް މަހުގެ ތެރޭގަ އެވެ.

މި އަހަރު ރިލީޒްކުރަން މިހާރު ތާރީހު އިއުލާންކޮށްފައި އޮތް ވިކީގެ ފިލްމަކީ ޖޫން 10 އަށް ތާވަލުކޮށްފައި އޮތް "ގޯވިންދާ މޭރާ ނާމް" އެވެ. ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ސަރުދާރު އުދަމް" އެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނިކުރީ މިދިޔަ މަހުގެ 9 ގަ އެވެ.