Roadha Mihaaru
ފެހެންދޫ ދަރިވަރުންގެ ދަތުރު 14 އަހަރަށްފަހު ނިމިއްޖެ

ފެހެންދޫގެ ދަރިވަރުންގެ ދަތުރު 14 އަހަރަށް ފަހު ނިމުމަކަށް

16 ޖެނުއަރީ 2022

ބ. ފެހެންދު އާއި ވ. ތިނަދޫގައި ސަރުކާރުން ގާއިމުކުރި ސެޓެލައިޓް ސްކޫލުގައި މިއަދު ކިޔަވައިދޭން ފެށިއިރު، އެންމެ އުފަލުން ތިބީ ފެހެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނެވެ. އާބާދީ މަދުވުމުން ސްކޫލް ބަންދުކުރަން ޖެހި، ކައިރީގައި ގޮއިދޫ ސްކޫލަށް ޑިންގީގައި ދަތުރުކުރާތާ 14 އަހަރުވީ އެވެ. އެކަމަކު މިއަދު އެ ދަތުރު ނިމުނީ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބ. ފެހެންދު އާއި ވ. ތިނަދޫގައި ސަރުކާރުން ގާއިމުކުރި ސެޓެލައިޓް ސްކޫލުގައި މިއަދު ކިޔަވައިދޭން ފެށިއިރު، އެންމެ އުފަލުން ތިބީ ފެހެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނެވެ. އާބާދީ މަދުވުމުން ސްކޫލް ބަންދުކުރަން ޖެހި، ކައިރީގައި ގޮއިދޫ ސްކޫލަށް ޑިންގީގައި ދަތުރުކުރާތާ 14 އަހަރުވީ އެވެ. އެކަމަކު މިއަދު އެ ދަތުރު ނިމުނީ އެވެ.

"ސެޓެލައިޓް ސްކޫލް" އަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭގައި ފެށި ނަމަވެސް ރަކީދޫގެ ސެޓެލައިޓް ސްކޫލު ހިންގާ އިމާރާތް އަދިވެސް ނުނިމޭތީ އެތަން އަދި ނުހުޅުވަ އެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައިދޭން ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ. އެ ދަރިވަރުންނަށް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ. ސެޓެލައިޓް ސްކޫލްގެ މައި ހަބެއްގެ ގޮތުގައި މިހާރު ބޭނުންކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ.

ދިހަ އަހަރު ފަހުން ފެހެންދޫ ސްކޫލު ހުޅުވުން--

ދިހަ އަހަރު ފަހުން ފެހެންދޫ ސްކޫލު ހުޅުވުން--

އާބާދީ މަދުވުމުގެ ސަބަބުން ފެހެންދޫ ސްކޫލު ބަންދުކުރީ 2008 ވަނަ އަހަރު އެވެ. ރަށުގައި އޭރު ބަނދަރެއް ނެތުމުގެ ސަބަބުން އަރައިފޭބުން ކިތަންމެ ދަތި ނަމަވެސް ސްކޫލު ބަންދުކުރުމާ އެކު މޫސުން ކިތަންމެ ގޯހަސް ދަރިވަރުން ސްކޫލަށް ދާން ޖެހެނީ ކުދިކުދި ޑިންގީތަކުގައި، ޖެހިގެން އޮންނަ ގޮއިދޫއަށެވެ.

މިގޮތަށް ދަތުރުކުރާތާ އެތައް އަހަރެއް ފަހުން ސްކޫލް ކުދިންނަށް ހާއްސަކޮށް ލޯންޗެއް ހަދިޔާކުރި އެވެ. އެކަމަކު ސެޓެލައިޓް ސްކޫލާ އެކު ދެން އެއްވެސް ދަތުރެއް ކުރާކަށް ނުޖެހޭނެ އެވެ.

ޕްރީސްކޫލް ދަރިވަރުން ހިމެނޭ ގޮތަށް 27 ދަރިވަރަކު ކިޔަވާ ފެހެންދޫ ސްކޫލްގެ ބެލެނިވެރިއަކު "މިހާރު" އަށް ބުނީ ކުރިން އެންމެ ދަތިވަނީ އެހެން ރަށަކަށް ކުދިން ސްކޫލަށް ގެންދިއުމާއި ގެނައުމުގައި ކަމަށެވެ.

"އެ ހުރިހާ ތަކުލީފަކަށް މި ނިމުމެއް އައީ. ދަރިފުޅު ސްކޫލަށް ލާފައި ގެއަށް ގޮސްފައި އަނެއްކާ ވެސް ރަށު ސްކޫލު ދޮށަށް ބަލާދިއުމުގެ ފުރުސަތު މި ލިބުނީ،" މިދިޔަ ތިން އަހަރު ޑިންގީގައި ދަރިފުޅު އުފުލި ބެލެނިވެރިއަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުދިންގެ މޫނުމަތިން ވެސް މިއަދު ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

"މިއަދު ފުރަތަމަ ދުވަސްވީމާ ކިޔެވުމަށް ވުރެ ކުދިންނަށް ލެޕްޓޮޕަށް ކުޅޭނެ ގޮތާއި އޭގެ ފީޗާތަކަށް ކުދިން އަހުލުވެރިކުރުން ކުރިއަށް ގެންދިޔައީ،" އޭނާ ކިޔައިދިނެވެ.

ސެޓެލައިޓް ސްކޫލުގެ ކިޔެވުން މިއަދު ފެށި ދެވަނަ ރަށަކީ ވ. ތިނަދޫ އެވެ.

އެރަށު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ޒަރީރު ވިދާޅުވި ގޮތުގައި އެ ރަށުގައި ސެޓެލައިޓް ސްކޫލު ފެށީ ފަސް ކުދިންނާ އެކު އެވެ. ރަށުގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަންމިތަނުގައި މިރަށު ކުދިން މީގެ ކުރިން ކިޔަވަމުން އައީ. އަތޮޅުގެ އެކި ރަށްރަށާއި މާލެއަށް ވެސް އާއިލާތައް ބަދަލުވި ކިޔަވައިދޭން. އެކަމަކު ކޮވިޑާ އެކު އާއިލާތައް ރަށަށް ބަދަލުވީމާ މިވަގުތު ފަސް ކުދިންނާ އެކު ކިޔަވައިދެމުން އެ ދަނީ،" ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެޓެލައިޓް ސްކޫލު ފެށި ނަމަވެސް ބައެއް ކަހަލަ ޓެކްނިކަލް މައްސަލަތައް ވެސް މިއަދު ދިމާވެ ކިޔެވުން މެދުކެނޑުނު ކަމަށެވެ. އެކަމަކު ދިރާގާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އަތޮޅު ރަކީދޫގައި ދެވަނަ ޓާމުގެ ކިޔެވުމާ އެކު ސެޓްލައިޓް ސްކޫލު ހުޅުވާ ގޮތަށް ކުރިން އޮތް ނަމަވެސް އެތަނުގައި ކިޔަވައިދޭން ފެށޭނެ އިރެއް އަދި ނޭނގެ އެވެ. ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ކުރިން އެ މަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުނިން އެއްގޮތަކަށް ވެސް މަސައްކަތް ކުރިއަށް ނުގެންދާތީ މިހާރު މަސައްކަތް ކުރަނީ އެހެން ކުންފުންޏަކާ އެ މަސަައްކަތް ހަވާލުކުރާށެވެ.

"އެހެން ކުންފުންޏަކަށް ހަވާލުކުރީމާ އެ ކުންފުނީގެ މަސައްކަތްދާ ގޮތެއް ބަލާފައި އެނގޭނީ ކޮން ތާރީހެއްގައި ކަމެއް މަސައްކަތް ނިމި ކިޔަވައިދެވޭނީ،" މިވަގުތު ރަކީދޫގެ ދަރިވަރުން ކިޔަވަނީ އެކި ސްކޫލުތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.