Roadha Mihaaru
18 ފުރުމާއެކު ފްލެޓް ދިނުމަކީ ކުރާނެ ކަމެއް: ޔާމީން

2030 އާ ހަމައަށް 18 އަހަރު ފުރޭ އެންމެންނަށް ފްލެޓް ދިނުމަކީ އަދިވެސް ކުރާނެ ކަމެއް: ޔާމީން

16 ޖެނުއަރީ 2022

އުމުރުން 18 އަހަރު ފުރޭ އެންމެންނަށް 2030އާ ހަމައަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ހޯދައިދޭން އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ވެވަޑައިގަތް ވައުދު އަދިވެސް ދޫކޮށްނުލައްވާ ކަަމަށާއި ޕީޕީއެމަށް 2023 ގެ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެއީ އަދިވެސް ކުރާނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުމުރުން 18 އަހަރު ފުރޭ އެންމެންނަށް 2030އާ ހަމައަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ހޯދައިދޭން އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ވެވަޑައިގަތް ވައުދު އަދިވެސް ދޫކޮށްނުލައްވާ ކަަމަށާއި ޕީޕީއެމަށް 2023 ގެ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެއީ އަދިވެސް ކުރާނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ތާއީދު ހޯއްދެވުމަށް އެ އަތޮޅު ފޯކައިދު އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ، ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ އެ މަނިކުފާނު އިސްކަން ދެއްވި ކަމެއް ކަމަށެވެ. ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، 2030އާ ހަމައަށް 18 އަހަރު ފުރޭ އެންމެންނަށް ބޯހިޔާވަހިކަން ހޯދައިދޭނެކަން އޭރު އިއުލާން ކުރެއްވީ އެކަން ކުރެއްވުމުގެ އަޒުމް އޮތުމުން ކަމަށް ވިދާޅުވި އެވެ.

"އެއީކީ ފަސޭހަ ކަމެއް ނޫން, ކުޑަ ކަމެއް ނޫން. ބޮޑު ޒިންމާއެއް. ބޮޑު މަސްއޫލިއްޔަތެއް, ހޭދަ ބޮޑު ނިންމުމެއް. ނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ އަޒުމަކީ އެއީ. އަޅުގަނޑުމެން އިރާދަކުރެއްވިޔާ އެކަން ކުރީމުސް،" މިހާރުގެ އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި 2023ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމާ ވެރިކަން ހަވާލުކޮށްފި ނަމަ ބޯހިޔާވަހިކަމުގެ އެ ވައުދު އެ ޕާޓީން ކުރިއަށް ގެންދާނެ އެވެ. އުމުރުން 18 އަހަރު ފުރޭ އެންމެންނަށް މާލެ ސަރަހައްދުން ފްލެޓެއް، އެޕާޓްމަންޓެއް ނުވަތަ ގެދޮރުވެރިކަމުގެ ކޮންމެވެސް ގޮތެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަދިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ކަށަވަރުކޮށްދޭން ކުރެވެން އޮތް މަސައްކަތެއް ކުރާނަން،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބޭނުންވާ ހިދުމަތުގެ ލިސްޓު ދިގު ކަމަށެވެ. އެ ދާއިރާގެ ރައްޔިތުންނަށް ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމުގެ ވައުދަށް ޔަގީންކަން ދެއްވަމުން ވިދާޅުވީ، މަސްވެރިން ބޭނުންވާ ކަންކަމާއި ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. ތަރުތީބެއްގެ ތެރެއިން ޒުވާނުން ބޭނުންވާ ކަންކަން ޕީޕީއެމްގެ ވައުދެއްގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އިދިކޮޅު ޕީޕީއެމަށް ދޭން ޖެހޭ ސަބަބަކީ ދާއިރާގެ އަޑު މަޖިލީހުގައި އިއްވުން ކަމަށާއި އެ ފުރުސަތު ދެއްވަން ޔާމީން އެދިވަޑައިގަތެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގެ ބޮޑު ބައި ރޭ ވެސް ހޭދަކުރެއްވީ އިންޑިއާގެ ނުފޫޒަށް ސަރުކާރުން ބޯލަނބައި ގައުމުގެ މިނިވަންކަން ނިގުޅައިގެންފި ކަމުގެ ތުހުމަތާ އެކު ފާޑުވިދާޅުވުމަށެވެ.