Roadha Mihaaru

ތިން އަހަރުން އުފެއްދި ސިޔާސީ މަގާމުތައް މާ ގިނަ: ޔާމީން

ޕީޕީއެމްގެ ފަސް އަހަރުގެ ދައުރުގައި ސިޔާސީ މަގާމުތައް ގިނަ ކަމުން ފާޑުކިއުން އަމާޒުކުރިއިރު، މި ވެރިކަމުގައި މިވީ ތިން އަހަރުގެ ތެރޭގައި 1،000 އަށް ވުރެން ގިނަ ސިޔާސީ މަގާމު އުފައްދައިފި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

3 އަހަރުން އުފެއްދި ސިޔާސީ މަގާމު މާ ގިނަ: ޔާމީން
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

16 ޖެނުއަރީ 2022

ޕީޕީއެމްގެ ފަސް އަހަރުގެ ދައުރުގައި ސިޔާސީ މަގާމުތައް ގިނަ ކަމުން ފާޑުކިއުން އަމާޒުކުރިއިރު، މި ވެރިކަމުގައި މިވީ ތިން އަހަރުގެ ތެރޭގައި 1،000 އަށް ވުރެން ގިނަ ސިޔާސީ މަގާމު އުފައްދައިފި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ވަރަށް ބޮޑަށް އޭރު ފާޑުކިޔެވެ. މި ސަރުކާރުގެ ވައުދަކަށް ވީ ސިޔާސީ މަގާމުތަކުގެ އަދަދު ޔާމީންގެ ސަރުކާރަށް ވުރެ އިތުރު ނުކުރުމެވެ.

ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން އިންތިގާލީ މަރުހަލާގައި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން، މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުގެ އަމާޒަކަށް ވާނީ، ޔާމީންގެ ސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް މަދުކުރުމެވެ. ފެންނަން ހުރި އަދަދުތަކަށް ބަލާއިރު، ޕީޕީއެމްގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަވާނެ ކަމަށް ބެލެވޭ ކަމަށް މާރިޔާ އޭރު ވިދާޅުވި އެވެ.

އެ އަދަދު މަދުކޮށް، މި ސަރުކާރުގެ ނިންމުމަކަށް ވީ ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ ވެސް 16 ޕަސެންޓަށް ދަށްކުރުމެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވިކަން މި އަހަރަަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ވެސް ފެންނަން އެބައޮތެވެ.

މި ފަހަރުގެ ބަޖެޓުގައި ސިޔާސީ 1،045 މަގާމަކަށް މި އަހަރަށް 407،685،241 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ސިޔާސީ މަގާމުތައް މަދުކުރުމަށް މި ސަރުކާރުން ދެއްކި ވާހަކަތަކަށް ފާޑުވިދާޅުވަމުން ޔާމީން ށ. ފޯކައިދޫގައި ރޭ ވިދާޅުވީ މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ސިޔާސީ މަގާމުތައް އެ މަނިކުފާނުގެ ވެރިކަމަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި މި ވެރިކަމުގައި 1،029 ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ބުނާނެ ރައީސް ޔާމީން ސިޔާސީ މަގާމުތަކެއް އުފެއްދީއޭ. އަޅުގަނޑު ޖަވާބު ދޭނަން ތަފާސްހިސާބުން. އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ތެދުފުޅެއްމެ އަޅުގަނޑު އުފެއްދިން 689 ސިޔާސީ މަގާމު،" ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރު ތިން އަހަރު އަދި މިވީ. ފަސް އަހަރާ ހަމައަށްދާއިރު މިކަން އޮންނާނެ ގޮތް އަދި މި އިންތިހާބުގެ ތެރޭގައި ވަޒީފާތައް އުފެދިގެންދާ ގޮތް ވެސް ތިޔަބޭފުޅުންނަށް އެނގިގެންދާނެ."

ފޯކައިދޫގެ ޖަލްސާގައި ޔާމީން ރޭ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ޕީޕީއެމް

ފޯކައިދޫގެ ޖަލްސާގައި ޔާމީން ރޭ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ޕީޕީއެމް

ކޮންމެ ސިޔާސީ މަގާމަކީ ގާތްގަނޑަކަށް 28،000ރ. ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ސިޔާސީ މަގްސަދުތަކެއް ހާސިލްކުރަން މިހާ ގިނަ މަގާމުތައް އުފެއްދިއިރު ޒުވާނުންނަށް މި ސަރުކާރުން އުފެއްދި ވަޒީފާ ކޮބައިތޯ އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަށް މަގާމު ލިބެން ނުޖެހޭނެއޭ ނުބުނަން. އެކަމަކު ދެން އޮންނަ ސަރުކާރަށް ކުންފުނިތަކުން ލިބެން އޮތް ފުރުސަތު ބަންދުކުރުމަކީ އަޅުގަނޑު ކުށްވެރިކުރާ ކަމެއް. ކުންފުނިތައް ވިއްކާލުން އަޅުގަނޑު ކުށްވެރި ކުރަނީ އެހެންވެ،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ތިން އަހަރުގެ ތެރޭގައި މި ވެރިކަމުގައި އުފެއްދުނީ 6،000 ވަޒީފާ އެވެ. މިއީ ފަހުރުވެރިވާން ޖެހޭ އަދަދެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

މި ވެރިކަމުގައި 2019އާ ހަމަައަށް ސަރުކާރުން ވަނީ 785 މަގާމެއް އުފައްދައިފަ އެވެ. ދައުލަތުގެ ބަޖެޓުގައި މި 785 ސިޔާސީ މަގާމަށް އެ އަހަރު 331 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ބަޖެޓް ދިރާސާކުރިއިރު ހާމަވި މައުލޫމާތުގައިވާ ގޮތުން ނަމަ ސިޔާސީ މަގާމުތައް އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. އޭގެ އިތުރުން ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ މަގާމް އުފައްދާފައިވެ އެވެ.

ސިޔާސީ މަގާމުތައް އިތުރުނުކުރާނެ ވައުދާ އެކު މި ސަރުކާރު ކޯލިޝަންގައި، ކޮންމެ ޕާޓީއެއް ހިއްސާވާނެ ނިސްބަތް ވެސް ކަނޑައެޅި އެވެ. އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް ކަނޑައެޅީ 15 ޕަސެންޓެވެ.

މި ސަރުކާރުގައި މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ކަނޑައެޅުމުގައި ބަލާފައި ވަނީ މި ނިސްބަތަށެވެ. މި ފޯމިއުލާ އިން ބަލާ އިރު ޕާޓީތކަށް ކަނޑައެޅި ބައެއް ސްލޮޓްތަކަށް އަދިވެސް މީހުން ހަމަނުޖައްސާ ކަމަށް ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމުން ވެސް ބުނެ އެވެ.