ޕީޕީއެމްގެ އާއްމު މެމްބަރުންގެ އޮތީ އެންމެ އުއްމީދެކެވެ؛ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވުމެވެ. މި ނޫން އުއްމީދެއް އޮންނާކަށް އަދި އެހެން މަންޒަރެއް ސިޔާސީ މަސްރަހުން ދައްކާކަށް ޕާޓީގެ ލީޑަޝިޕުން ބޭނުމެއް ނުވެ އެވެ.
29 ނޮވެމްބަރ 2022
ޕީޕީއެމްގެ އާއްމު މެމްބަރުންގެ އޮތީ އެންމެ އުއްމީދެކެވެ؛ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވުމެވެ. މި ނޫން އުއްމީދެއް އޮންނާކަށް އަދި އެހެން މަންޒަރެއް ސިޔާސީ މަސްރަހުން ދައްކާކަށް ޕާޓީގެ ލީޑަޝިޕުން ބޭނުމެއް ނުވެ އެވެ.
އެކަމަކު މި ހަގީގަތް ވެސް ފެންނަން އެބައޮތެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އުފުލާފައިވާ ދައުވާއިން ރިޔާސީ އިންތިހާބުގެ އުއްމީދަށް އޮތީ ހިޔަނި އެޅިފަ އެވެ. ޓޫރިޒަމަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ދައުލަތުން އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އޮތީ ފަހު މަރުހަލާގަ އެވެ. މި ހަފުތާގައި ޚުލާސާ ބަޔާން އިއްވުމުގެ އަޑު އެހުމަށް ފަހު އޮންނާނީ ހުކުމެވެ.
އެއީ, ޕްރައިމަރީއަކާ ނުލައި ޕާޓީގެ ސެނެޓުން އެރުވި ރިޔާސީ ޓިކެޓުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެތޯ ޔަގީންވާނެ ހުކުމުވެ. ޔާމީންގެ ސިޔާސީ ހަޔާތްޕުޅާއި ރިޔާސީ އިންތިހާބަށް ޕީޕީއެމް އޮންނާނެ ގޮތް ވެސް ސާފުވާނީ އެ ހުކުމަށް ފަހު އެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން މި ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ފަދަ ހާލަތެއް މެދުވެރިވެދާނެ އެވެ. ނުވަތަ ސިޔާސީ ދައުވާއެއް ކަމާއި މައުސޫމްކަން ސާބިތުކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ހެއްކާއި ހެކިންގެ ހެކިބަހާ އެއްކޮޅަށް ބުރަވެ އެމަނިކުފާނު މިނިވަން ވެސް ވެދާނެ އެވެ.
ކޮންމެ ގޮތަކަށް ހުކުމް އަޔަސް, ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، "ޕްލޭން ބީއެއް" ވުޖޫދެއް ނުވާނެ އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ އެމަނިކުފާނެވެ. އެ ނިންމުން ބަދަލެއް ނުވާނެ އެވެ.
ރިޔާސީ ޓިކެޓާ އެކު 2023ގެ ކެމްޕޭނަށް ޔާމީން ކުރެއްވި ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރި ދަތުރުތަކަކަށް ފަހު ޕީޕީއެމަށް މިދުވަސްކޮޅު ވެރިވެފައި އޮތީ އަނެއްކާވެސް ހިމޭން ކަމެވެ. މިއީ، އެމަނިކުފާނާއި ޕާޓީއަށް ވެދާނެ ގޮތަކާ ދޭތެރޭގައި އޮތް ސުވާލެކެވެ!
ހުކުމާ ހެދި އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވިދާނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައީސް ޔާމީން ޗޮއިސްއަކީ ކޮބައި ހެއްޔެވެ؟
ވަރުގަދަ ކޯލިޝަނެއްގެ ގޮތުގައި އިދިކޮޅު އަތުރާލާފައި އޮތްއިރު، ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ކުރީ ސަފުގައި ގާބިލް ބޭފުޅުންތަކެއް އެބަތިއްބެވި އެވެ. ޒުވާން، ހިންގުންތެރި ލީޑަރުން ވެސް ފެނެ އެވެ. އެކަމަކު ޕާޓީއަށް ކުރިމަތިވެދާނެ ދަތި ހާލަތެއްގައި އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ އެކު ޕާޓީގެ ހުންގާނުގައި ހުންނަވާނެ، ބޭފުޅަކު ނުދައްކަވަ އެވެ.
އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީންއާ އެކު ޕާޓީގެ އިސްބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕާޓީގެ ކުރީ ގޮނޑިބަރީގައި ތިއްބެވީ ގާބިލް ބޭފުޅުންތަކެއް ކަމަށް ބައެއް ޖަލްސާތަކުގައި ވިދާޅުވި ނަމަވެސް އޭގެތެރެއިން ބޭފުޅަކު ރިޔާސީ ކެންޑިޑޭޓަކަށް ވެދާނެތޯ އެއީ ޕާޓީ ތެރޭގައި ހިޔާލުފާޅުކުރަން ހުޅުވިފައި އޮތް މައުޟޫއެއް ނޫނެވެ. ޔާމީނަށް ނުހުންނެވިދާނެ ހާލަތެއްގައި ދެން ޕާޓީން ހަދާނެ ގޮތަކާ މެދު ސެނެޓުގައި މާބޮޑު މަޝްވަރާއެއް ނުކުރެ އެވެ.
ވަކިވަކި ސެނެޓަރުންގެ ތެރޭގައި އެ ވާހަކަ ދެކެވެނީ ހަގީގަތަކަށް ވެދާނެ ސިއްރެއްގެ ގޮތުގަ އެވެ.
ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންގެ ޖަވާބު ކުރުވެފައި ޔަގީންކަން ބޮޑެވެ. އެފަދަ "އެއްވެސް ބަދަލެއް ޕާޓީއަކުން ނުފެންނާނެ" އެވެ.
"ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. މި ނޫން ހާލަތަކަށް ވިސްނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ," ޕާޓީއަށް ވެދާނެ ގޮތަކާ ދޭތެރޭ އުފައްދާ ސުވާލަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގައި ޕްލޭން ބީއެއް ނޯންނާނެ އެވެ. މުޅި ޕާޓީ އޮތީ ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި ރިޔާސީ ޓިކެޓު ބޭނުންވާ ހަމައެކަކު ވެސް ޕާޓީ ތެރޭގައި ނެތް ކަމަށް ވަރަށް ސާބިތުކަމާ އެކު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕްލޭން އޭ އެކަނި އޮތުމަކީ ގައުމާއި ޕީޕީއެމަށް ފައިދާވާނެ ގޮތަކީ. މި ގައުމު ހަމަ މަގަށް އެޅުވުމުގެ ތަޖުރިބާ އާއި އެކަން ކުރެއްވޭނެ ބޭފުޅަކީ ރައީސް ޔާމީން. އެގޮތުގައި އަޅުގަނޑުމެން މިތިބީ."
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ޔާމީނަށް އަރުވަނީ: އެމަނިކުފާނު ނޫން ބޭފުޅަކު ކެންޑިޑޭޓުގެ ގޮތުގައި ނުފެންނާނެ ކަމަށް ޕާޓީގެ ލީޑަޝިޕުން ވިދާޅުވޭ. --ފޮޓޯ | ޕީޕީއެމް
މިއީ އަދުރޭ ފާޅުކުރެއްވި ޕާޓީން އެއްބަސްވެވިފައި އޮތް ރަސްމީ ޖަވާބަށް ވި ނަމަވެސް މަސްލަހަތަށްޓަކައި ނަން ހާމަނުކޮށް ޕީޕީއެމުން ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ ހައި ކޯޓާއި ސުޕްރީމް ކޯޓާ ހިސާބުން އިސްތިއުނާފް ނިންމައިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވަން ފުރުސަތު ހޯދަން ވަގުތެއް ނޯންނާނެ އެވެ.
ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވަން ޖެހޭ މަޖުބޫރީ ހާލަތު މެދުވެރިވާނީ އެ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ޔާމީންގެ ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް ވިދާޅުވެ އެ ތަފްސީލަށް ވަޑައިނުގެން އޭނާ ވިދާޅުވީ ހުކުމް ދެކޮޅަށް އަތުވެއްޖެ ނަމަ ޕާޓީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
ޕީޕީއެމްގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުކަން ބޭނުންވާ ބޭފުޅުން ނެތް ކަމަށް, އެ ޝައުގުވެރިކަން އޮވެދާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ލަފާކުރައްވާ ބޭފުޅުން ވެސް ހިމެނޭހެން ވިދާޅުވެ އެވެ. އާއްމުކޮށް ހުޅުވާނުލައި ރިޔާސީ ޓިކެޓް ޔާމީނަށް އެރުވުމުން އެ ވާދަވެރިކަމުގެ މަގު ބަންދުވެ ރުހިގެން ތިބުން ފިޔަވައި ގޮތެއް ނެތީ އެވެ.
މަނީ ލޯންޑްރިންގައި އިއްވި ފުރަތަމަ ހުކުމް ތަންފީޒުކުރެއްވިއިރު، ގެކޮޅުގެ ކުޑަދޮރުން ބޯދިއްކުރައްވައި ސަޕޯޓަރުންނަށް ޔާމީން އިޝާރާތުން ގޮވާލައްވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު އެތެރޭގެ ފެކްޝަންތަކާއި ބޭރުން ޕާޓީއާ ގުޅިފައިވާ ކޯލިޝަންތައް ޕްރައިމަރީއަކަށް ހުޅުވާލައިފި ނަމަ ފެންނާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"ރައީސްއާ ދެކޮޅަށް ހުކުމް އަތުވެއްޖެ ނަމަ, އޮންނާނެ ހަމައެކަނި ގޮތަކީ ޕްރައިމަރީއަކަށް ދިއުން. ރިޔާސީ އިންތިހާބަށް ބޭނުންހާ ދުވަހަކަށް މަޑުކުރެވޭކަށް ނޯންނާނެ. ޕާޓީއަކީ އެންމެ ބޭފުޅެއް ނޫން, އެތައް މެމްބަރުންގެ ހައްގެއް," ޕާޓީގެ އެތެރޭގެ ބައެއް ވިސްނުންތައް ވިދާޅުވި ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޕްރައިމަރީއަކުން ނޫން ގޮތަކަށް ޕާޓީގެ ޓިކެޓް ދިނުމާ ގިނަ މެމްބަރުން ތިއްބެވީ ފާޅުގައި ދެކޮޅު ހައްދަވާ ގޮތަށެވެ. ޕާޓީތެރޭގައި ފެކްޝަންތައް ހަދައިގެން އުޅޭ ސަބަބަކީ ވެސް, އޭނާ ވިދާޅުވި ގޮތުގައި, ރައީސް ޔާމީން ނެތް ހާލަތެއްގައި ވާދަކުރަން ތައްޔާރަށް ތިއްބެވުމެވެ.
މިހެން އޭނާ ވިދާޅުވިޔަސް ޕާޓީގެ ރަސްމީ ޖަވާބެއްގެ ގޮތުގައި ތަކުރާރުކޮށް ބުނަމުން އަންނަނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ. އެންމެންގެ ވެސް މިސްރާބަކީ ޔާމީންއާ އެކު އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް, މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޔާމީންގެ މައްޗަށް އިއްވާ ހުކުމަކުން ޕީޕީއެމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދުވަސްވަރު ސިޔާސީ މަސައްކަތްތަކަކަށް ވުރެން ބޮޑަށް މިކުރަނީ އިދާރީ މަސައްކަތްތަކެއް. އިތުރު އެއްވެސް ބަދަލެއް އަޅުގަނޑުމެންނަކަށް ނާންނާނެ. ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ދާނީ," އޭނާ ވިދާޅުވި އެވެ.
ކެމްޕޭން ދަތުރެއްގައި މި ފަހުން އައްޑުއަށް ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާ ޔާމީން ސަލާމްކުރައްވަނީ. -- ފޮޓޯ | ޕީޕީއެމް
"އަޅުގަނޑުމެން އޮތީ ރިޔާސީ ކެންޑިޑޭޓެއް ނިންމާފައި. އެއީ ޕްލޭނަކީ، އިތުރު އެއްވެސް ޕްލޭނެއް އެއްވެސް ބޭފުޅަކު ނުގެންގުޅޭނެ. ވާނީ އެއްގޮތެއް. ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."
އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށް އުފުލާފައިވާ ދައުވާގައި ކަން ހިނގާފައިވާ ގޮތް ވަރަށް ސާފެވެ. މިނިވަންވާނެ ކަމުގެ ޔަގީންކަން އޮތީ ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންވެވަޑައިގަތް ގޮތާއި ފަހުން އުފުލި ދައުވާގައި ވެސް ތުހުމަތުތައް އުފައްދާފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
މި ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުކުރަން ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެއަށް ވުރެން ސަރުކާރު އޮތީ ބަލިކަށިކޮށް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރު ނިމެނީ, ސިޔާސީ ނުފޫޒަކުން ކަމެއް ކުރާވަރަށް ވުރެން މާބޮޑަށް ބަލިކަށި. ސަރުކާރުން ދައްކާ ބިރަށް ހެއްލިގެން އިންސާފުން ބޭރުގައި ކަން ކުރާނެ ފަނޑިޔާރަކު ނުހުންނާނެ މިހާރަކު," ޝިޔާމް ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ދައުވާ އިން ސުޕްރީމް ކޯޓާ ހިސާބުން ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި އާއްމު މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގައި ޕްރައިމަރީއަކާ ހިސާބަށް ދާންޖެހޭނެ ހާލަތެއް މެދުވެރިނުވާނެ އެވެ. އެގޮތަށް އެދިއެދި ތިބި ބޭފުޅުން ޕާޓީގެ ތެރޭގައި ނުތިބޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޕާޓީގެ އުއްމީދަކީ ޔާމީން މިނިވަންވުމެވެ; މަނީ ލޯންޑްރިންގެ ފުރަތަމަ ދައުވާގައި އިއްވި ފަސް އަހަރުގެ ހުކުމާ އެކު ޕާޓީއަށް އައިފަދަ ލޮޅުމެއް ނައިސް އެމަނިކުފާނާ އެކު އިންތިހާބުގައި ކުރިއަށް ދިއުމެވެ. އެކަމަކު ޔާމީން ގާނޫނީ ގޮތުން ބަނދެވިފައިވާ ހުރަސްތަކުން މިނިވަންވެ، އިންތިހާބުގައި ކުރިއަށް ވަޑައިގަންނަވާނީތޯ ނުވަތަ ޕާޓީގެ ސިޔާސީ މަސައްކަތް އެމަނިކުފާ ނުލައި އަލުން ތަރުތީބުކުރަން ޖެހޭނީތޯ ބިނާވެފައި އޮތީ ހުކުމަށެވެ.
ޕީޕީއެމްގެ އިސް ބޭފުޅުން ދެއްވަނީ މި ހާލަތު ނާންނާނެ ކަމުގެ ޔަގީން ކަމެކެވެ.
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
ޔާމީންގެ އާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން
ޔާމީންގެ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް
ޔާމީނަށް ވާދަކުރެވޭނެތޯ އީސީން މިއަދު ނިންމަނީ
ޔާމީންގެ ފޯމުގައި ސޮއިކުރެވޭ ގޮތް ހަދަން އެދިއްޖެ
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
ކާމިޔާބުން އެނގުނީ ޔާމީނަށް ދެމުންދާ އަނިޔާ: އަދުރޭ
"ސިޔާސީ މައިދާނަށް މި ނުކުތީ ޑިމޮކްރަސީ ނެތިގެންދާތީ"
ސަފުތައް ރުކުރުވާލައި ޕީޕީއެމް އެކުގައި ނުކުންނަނީ
"ޔާމީންގެ ފަރާތުން ދޮގުހެކި ހުށަހަޅާފައެއް ނުވާނެ"