Roadha Mihaaru
ސަފުތައް ރުކުރުވާލައި ޕީޕީއެމް އެކުގައި ނުކުންނަނީ

އިންތިހާބު ކާމިޔާބުކުރަން ޕީޕީއެމްގެ ސަފުތައް ރުކުރުވާލަނީ!

31 ޖެނުއަރީ 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް، އެ މަނިކުފާނާ އެކު މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެ ޕާޓީގެ ސަފުތައް އަލުން އެކުލަވާލައި ކެމްޕޭނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް، އެ މަނިކުފާނާ އެކު މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެ ޕާޓީގެ ސަފުތައް އަލުން އެކުލަވާލައި ކެމްޕޭނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް އެ ޕާޓީން ފަށަން ނިންމާފައި ވަނީ އަންނަ ބުރާސްފަތިދުވަހު ބާއްވާ "ހޯޕް ކޮންފަރެންސް" އަށް ފަހު އެވެ. އެ ކޮންފަރެންސްގައި، ޔާމީންގެ ކެމްޕޭންގެ ދަތުރުތައް އަލުން ފެށުމާއި ޕާޓީ އަލުން ތަރުތީބުކޮށް އެއްބައިވަންތަކަމާ އެކު ނުކުތުމުގެ މައްޗަށް ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.

މުޅި ރާއްޖެ އިން 1،200 މެމްބަރުންނާ އެކު ދަރުބާރުގޭގައި، ހޯޕް ކޮންފަރެންސް އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ޕީޕީއެމަށް ބަދަހިކަމާ އެކު މަސައްކަތް ކުރެވޭނެ ގޮތްތަކަކަށް އެ ކޮންފަރެންސްގައި މަޝްވަރާކުރުމުގެ ހާއްސަ ސެޝަނެއް ހޮނިހިރުދުވަހު ބާއްވަން ވަނީ ރާވައިފަ އެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމުން ހިނގާލަނީ: ޕީޕީއެމުން ބާއްވާ "ހޯޕް ކޮންފަރެންސް"ގައި ޕީޕީއެމާއި ޕީއެންސީން 1200 އަށް ވުރެން ގިނަ މެމްބަރުން ބައިވެރިވާނެ.-- ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމުން ހިނގާލަނީ: ޕީޕީއެމުން ބާއްވާ "ހޯޕް ކޮންފަރެންސް"ގައި ޕީޕީއެމާއި ޕީއެންސީން 1200 އަށް ވުރެން ގިނަ މެމްބަރުން ބައިވެރިވާނެ.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމާއި ޕީއެންސީގެ ގިނަ އަދަދެއްގެ މެމްބަރުން މާލޭގައި ތިބި ވަގުތާ ދިމާކޮށް، އެ މީހުންގެ ބައިވެރިވުމާ އެކު އަންނަ ހުކުރުދުވަހު ބޮޑު އެއްވުމެއް ބާއްވަން ވެސް މިހާރު ވަނީ ރާވައިފަ އެވެ. ޕީޕީއެމްގެ އޮފީސް ކުރިމަތިން ފަށާ "ބުންވަރު" ހިނގާލުމަށް ފަހު "ދުއްޕާން" ނަމުގައި ބޮޑު ޖަލްސާއެއް ވެސް ހޮނިހިރުދުވަހުގެ ރޭ އޮންނާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ދޮރު ވަނީ ބަންދުވެފަ އެވެ. އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނެވެ. ހުކުމް އިސްތިއުނާފްކޮށް، ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ޕާޓީގެ ލީޑަޝިޕުން ޔަގީންކުރެ އެވެ.

ޕީޕީއެމްގެ ކޮންފަރެންސާ ގުޅޭ ގޮތުން އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެއީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަނަށް ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. ޔާމީން މިނިވަންކުރުމާއި ޕާޓީ ބަދަހިކަމާ އެކު ނުކުތުމާ ގުޅިފައި އޮތް ކޮންފަރެންސެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މި ސަރުކާރުން ދުވަނީ ހަމައެކަނި ޔާމީންގެ ފަހަތުން ކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެ މަނިކުފާނު ޖަލަށް ލީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ބިރު މި ސަރުކާރަށް އޮތުމުން ކަމަށާއި ޕީޕީއެމްގެ އަމާޒަކީ ޔާމީން މިނިވަންކޮށް އެ ބިރު ހަގީގަތަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރަން ކުރާ މަސައްކަތާއި ޕާޓީގެ ހަރަކާތްތަކާ ގުޅޭ ގޮތުން ރައްޔިތުން ވެސް ސުވާލުކުރަމުން އަންނަ ކަމަށާއި ކޮންފަރެންސްގައި އެ ކަންކަމާ ވާހަކަ ދެކެވޭނެ ކަމަށް ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރަން ޕީޕީއެމްގެ ސެނެޓުން ގަރާރެއް ފާސްކުރަނީ: އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަަމަށް ދެ ޕާޓީން އަންނަނީ ބުނަމުން. -- ފޮޓޯ | ޕީޕީއެމް

ޔާމީން މިނިވަންކުރަން ޕީޕީއެމްގެ ސެނެޓުން ގަރާރެއް ފާސްކުރަނީ: އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަަމަށް ދެ ޕާޓީން އަންނަނީ ބުނަމުން. -- ފޮޓޯ | ޕީޕީއެމް

ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު އޮތް ހާލަތުން ވެސް އުއްމީދަކީ ޔާމީންގެ ފިކުރެވެ.

"މި ކޮންފަރެންސަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އުއްމީދެއް. ރައީސް ޔާމީން މިނިވަންކުރަން ކުރަން ކުރަންޖެހޭ މަސައްކަތްތަކާއި އަދި ރައީސް ޔާމީން 2023ގައި ވެރިކަމަށް ގެނައުމަށްޓަކައި އަޅުގަނޑުމެން ދާއިރާތަކުގައި ކުރަން ޖެހޭ މަސައްކަތްތައް އަޅުގަނޑުމެން އެންމެ ފުރަތަމަ މި ކުރަނީ," ޝިޔާމް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ނެތް މާގިނަ ވަގުތެއް, އަޅުގަނޑުމެންގެ ރިސޯސަސް ހުރީ ދައުލަތުން ހިފަހައްޓާފައި."

ޝިޔާމް ވިދާޅުވީ ޔާމީންގެ ބިނާކުރަނިވި ފިކުރު ދިރިއޮތް ކަމާއި އެ ފިކުރުގެ ބޮޑުކަން ވެސް ކޮންފަރެންސަށް ފަހު ދިވެހި ސަރުކާރަށް އެނގޭނެ ކަމަށެވެ. "މި މަސައްކަތް ހުއްޓާނީ ރައީސް ޔާމީން މިނިވަންކޮށް 2023 ގައި މާތްﷲގެ އިރާދަފުޅުން އެ މަނިކުފާނު ވެރިކަމަށް ގެނެސްފައި،" ޝިޔާމް ވިދާޅުވި އެވެ.