Roadha Mihaaru

ކައުންސިލް ގޮނޑިއެއް ވެސް އެހެން ޕާޓީއަކަށް ދެން ދޫނުކުރާނަން: ޔާމީން

ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި ލޯކަލް ކައުންސިލް ގޮނޑިއެއް ވިޔަސް، އެހެން ޕާޓީއަކަށް ދޫކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް ގޮނޑިއެއް ވެސް އެހެން ޕާޓީއަކަށް ނުދޭނަން
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

27 އޮކްޓޯބަރ 2022

ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި ލޯކަލް ކައުންސިލް ގޮނޑިއެއް ވިޔަސް، އެހެން ޕާޓީއަކަށް ދޫކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫއަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ 2013 ވަނަ އަހަރު އެހެން ގޮތެއް ނެތިގެން އެހެން ޕާޓީތަކާ ކޯލިޝަން ހަދައިގެން ބައެއް އަތޮޅުތަކުގެ ގޮނޑިތައް އެހެން ޕާޓީތަކަށް ދޫކޮށްލި ކަމަށެވެ. އެކަމަކު އެހެން ޕާޓީތަކާ ކޯލިޝަން ހެދިޔަސް، ދެން އެއްވެސް ދާއިރާއެއްގެ އެއްވެސް ގޮނޑިއެއް އެހެން ޕާޓީއަކަށް ދޫކޮށްނުލާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކައުންސިލް އިންތިހާބުގެ ކައުންސިލް ގޮނޑިއެއްހާ ހިސާބު ވެސް ދެނެއް އަޅުގަނޑުމެންނެއް އިއްތިހާދުގެ ޕާޓީއަކަށް ދުލެއް ނުކުރާނަން. އެހެންވީމަ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަމަކީ އެއަށް ވުރެ މާ ސީނިއާ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް އެއްވެސް ދާއިރާއަކުން އަޅުގަނޑުމެން ދުލެއް ނުކުރާނަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބު އިދިކޮޅު ފަރާތްތަކަށް ނާކާމިޔާބުވީ ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕީޕީއެމްއަށް ވަރަށް ބޮޑަށް މަކަރު ހެދުމުގެ ސަބަބުން ކަމަށެވެ. އަދި އެ އިންތިހާބުގައި ޕީޕީއެމްއާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީން އޭރު ދިނުމުން ބައެއް ދާއިރާތައް އެ ޕާޓީއަށް ދޫކޮށްލީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ސަބަބުން ޕީޕީއެމްއަށް ވެސް ގޮނޑިތައް ނުލިބުނީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ދާއިރާތައް ދޫކޮށްލީމަ ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑިތައް ލިބުނީކީއެއް ނޫން. ޕީޕީއެމްއަށް ވެސް އެ ދާއިރާތަކަށް މީހުން ނުދެއްކުނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދ. އަތޮޅާއި ނ. އަތޮޅަކީ 2013 ވަނަ އަހަރު އެމްޑީއޭއަށް ދޫކޮށްލާފައި އޮތް ދެ އަތޮޅު ކަމަށެވެ. އެކަމަކު ދެން އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.