Roadha Mihaaru
އަނެއްކާ ވެސް ނެޓްފްލިކްސްގެ އަގުތައް ބޮޑުކުރަނީ

އަނެއްކާ ވެސް ނެޓްފްލިކްސްގެ އަގުތައް ބޮޑުކުރަނީ

17 ޖެނުއަރީ 2022

ކޮންޓެންޓް ވަރުގަދަކޮށް މުއްސަނދިކުރަން މިހާރު ބޮޑު ހޭދައެއްކުރަމުން އަންނާތީ ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން އަނެއްކާ ވެސް އަގުތައް ބޮޑުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮންޓެންޓް ވަރުގަދަކޮށް މުއްސަނދިކުރަން މިހާރު ބޮޑު ހޭދައެއްކުރަމުން އަންނާތީ ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން އަނެއްކާ ވެސް އަގުތައް ބޮޑުކުރަން ފަށައިފި އެވެ.

މި ފަހަރު އަގަށް ގެނައި ބަދަލުތަކާ އެކު އެންމެ ފުރަތަމަ އަގުތައް ބޮޑުކުރީ، އެންމެ ބޮޑު އެންމެ މާކެޓެއް އޮތް އެމެރިކާ އާއި ކެނެޑާގަ އެވެ. އެ ސަރަހައްދުތަކުގައި ފީ ދައްކައިގެން ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު 74 މިލިއަނަށް އަރަ އެވެ.

އެ ދެ ގައުމުގެ ސަބްސްކްރައިބަރުންގެ އަތުން ނަގާ ފީތަކަށް ގެނައި ބަދަލާ އެކު އެމެރިކާގައި 15.49 ޑޮލަރުގެ ސްޓޭންޑާޑް ޕެކޭޖަށް 1.50 ޑޮލަރު އިތުރުކޮށް، 9.99 ޑޮލަރުގެ ބޭސިކް ޕެޖޭކަށް 1 ޑޮލަރުގެ އިތުރުކޮށް އަދި 19.99 ޑޮލަރުގެ ޕްރީމިއަމް ޕެކޭޖަށް ވަނީ 2 ޑޮލަރު އިތުރުކޮށްފަ އެވެ.

ކެނެޑާގެ އަގުތަކަށް ގެނައި ބަދަލަށް ބަލާ އިރު، 16.49 ޑޮލަރުގެ ސްޓޭންޑާޑް ޕެކޭޖަށް 1.50 ޑޮލަރު އިތުރުކޮށް، 20.99 ޑޮލަރުގެ ޕްރީމިއަމް ޕެކޭޖްގެ އަގަށް 2 ޑޮލަރު އިތުރުކޮށްފައިވެ އެވެ. އެކަމަކު ބޭސިކް ޕެކޭޖަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

އެމެރިކާ އާއި ކެނެޑާގެ ސަބްސްކްރިޕްޝަން ފީތައް ބޮޑުކުރި ނަމަވެސް ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ފީ ބޮޑުކުރާނެ އިރަކާއި އެކަމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ދީފައެއް ނުވެ އެވެ. ނެޓްފްލިކްސް އިން އެންމެ ފަހުން ޕެކޭޖްތަކުގެ އަގުތަކަށް ބަދަލު ގެނައި 2020 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އަގަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން ނެޓްފްލިކްސްގެ ތަރުޖަމާނު ވިދާޅުވީ ކޮންޓެންޓަށް ކުރާ ހޭދަ ބޮޑުވުމަކީ ސަބްކްރިޕްޝަން ފީ އަށް އޭގެ ޒާތުގައި ބަދަލު ގެންނަން ޖެހޭ ކަމެއް ކަމަށެވެ.

"އެކަމަކު އަގުތައް އަބަދު ވެސް ކަނޑައަޅާނީ އެ ބައެއްގެ ބަޖެޓަށް ފައްތާލައިގެން އަހަރެމެންގެ ކޮންޓެންޓް ބަލާލެވޭ ގޮތަށް. އަހަރެމެން އަބަދު ބެސް ބޭނުން ވަނީ ޝައުގުވެރި ވަރުގަދަ އުފެއްދުންތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ ތެރެއިން 214 މިލިއަން މީހުންނަކީ ސަބްސްކްރައިބްކޮށްގެން ހިދުމަތް ހޯދާ މީހުންނެވެ.