16 ޖެނުއަރީ 2022
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހެއް ކަމަށްވާ މުހައްމަދު ވަހީދުގެ ނަމުގައި، ބިދޭސީން ގެންނަ ޕޯޓަލް ބަލަހައްޓަމުން އައީ އެހެން މީހެއް ކަމަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހެއް ކަމަށްވާ މުހައްމަދު ވަހީދުގެ ނަމުގައި، ބިދޭސީން ގެންނަ ޕޯޓަލް ބަލަހައްޓަމުން އައީ އެހެން މީހެއް ކަމަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލައިގައި މި މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކުރި މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ ވަހީދު، 65، އާއި ސ. ހިތަދޫ، މޫސާ ފަތުހީ، 55، ގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 10 ދުވަސް ހަމަވާތީ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަސް ދެ މީހުންގެ ބަންދަށް ވެސް ދީފަ އެވެ.
ބަންދާ މެދު ގޮތެއް ނިންމައި ނެރުނު އަމުރުގައި ވަނީ މި މައްސަލައިގައި އަނިޔާ ލިބުނު މީހުން ދައުލަތުގެ ހިމަޔާތުގެ ދަށުގައި ތިއްބާ އެ މީހުންނާ މުއާމަލާތުކުރަން މި ދެ މީހުން ވެސް މަސައްކަތް ކުރި ކަމަށް ބެލެވޭ ހެކި ކޯޓަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
ތުހުމަތުކުރެވޭ ވަހީދު ކޯޓުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރަނީ ތިން ވަނަ ފަރާތަކާއި އޭނާއާ އޮންނަ ގުޅުމެއްގެ ސަބަބުން ކަަމަށާއި، އޭނާ އަކީ އިނގިރޭސި ބަހުން މުއާމަލާތު ކުރަން އެނގޭ މީހެއް ނޫން ކަމަށެވެ. އަދި އޭނާގެ ފަރާތުން ބިދޭސީން ގެނެސްފައިވާ ޕޯޓަލް ބަލަހައްޓަމުން ދިޔައީ އެހެން މީހެއް ކަމަށް ބުންޏެވެ.
އޭނާ ބުނާ ގޮތުގައި އުމުރުން ދުވަސްވުމުގެ ސަބަބުން ގިނަ ބަލިތަކަކަށް އޭނާ އަންނަނީ ފަރުވާ ހޯދަމުންނެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ބައްޔަށް ބޭސްކުރާތީ، ކޮވިޑްގެ ތެރޭގައި ޖަލުގައި ހުންނަން ޖެހިއްޖެ ނަމަ، އޭނާ އިތުރަށް ބަލިވުމުގެ ރިސްކް އެބަ އޮތް ކަމަށް ބުންޏެވެ. އަދި ގަވާއިދުން ބޭސް ކާން ޖެހޭއިރު ފުލުހުން ގަވާއިދުން ބޭސް ނުދޭ ކަމަށާއި ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނަކަށް ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުން އޭގެ ނަތީޖާ ވެސް ފުލުހުން ހިއްސާ ނުކުރާ ކަމަށް ބުންޏެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް އޭނާގެ ބަންދަށް ލުޔެއް ދިނުމަށް ދިފާއުން އެދުނަސް ކޯޓުން މައްސަލަ ބެއްލެވި ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވެފައި ވަނީ އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާ ކުރެވޭ ކަމަށާއި ބޭސް ދީފައިވާ ގޮތުގެ ލޮގްތައް ވެސް ފުލުހުންގެ ލިޔެކިޔުމުން އެނގެން އެބަ އޮތް ކަމަށެވެ. އަދި ވަހީދަކީ އުމުރުން ދުވަސްވީ މީހެއް ނަމަވެސް ކުށުގެ ތުހުމަތުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފައިވެ އެވެ.
ވަހީދަކީ މި ބާވަތުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާ ޝަރުތުތަކަކާ އެކު ވެސް ދޫކޮށްލުމަށް ފުލުހުން އިއުތިރާޒުކުރާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
މި މައްސަލައިގައި ދެން ހައްޔަރުކުރި ފަތުހީގެ ކުށުގެ ރެކޯޑެއް ނެތް ކަމަށާއި އޭނާގެ މައްޗަށް ކުރަނީ ޓްރެފިކްކުރުމުގެ އަމަލެއްގައި ބައިވެރިވުން ކަމަށްވާތީ އެއީ ޖިނާއީ ބޮޑު ކުށެއް ކަމަށް ނުބެލެވޭނެ ކަމަށް ދިފާއުނުން ބުންޏެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދިފާއީ ވަކީލުން އެދުނީ ބަންދަށް ލުޔެއް ދޭށެވެ. އެކަމަކު ފުލުހުން އެކަމަށް އިއުތިރާޒުކުރެ އެވެ.
އެހެންވެ، މި ދެ މީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުުރުކުރީ އެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ، ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވައި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެތީ އެވެ.
މި ދެ މީހުންގެ އިތުރުން މި މައްސަލައިގައި ފުލުހަކާއި ބިދޭސީއަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. ފުލުހާއި ބިދޭސީ މީހާ ވެސް 15 ދުވަހުގެ ބަންދެއްގައި ހުރިއިރު ޖިނާއީ ތަހުގީގު ކުރިއަށްދާތީ، މި މައްސަލާގައި ހިމެނޭ ފުލުސް ހުރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
ހިއުމަން ޓްރެފިކިން: ދުވަސްވީ މީހާއާ ދެކޮޅަށް ހެކި
ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޝާދިޔާ އާއި ޝަޒްރާގެ މައްޗަށް ދައުވާކޮށްފި
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
އޮފިސަރުންގެ މައްސަލަ: އެއްބަސްވުން އަނބުރާ ގެންގޮސްފި
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި