Roadha Mihaaru

މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު އުމުރަށް ޖަލަށް

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށް، ދައުވާކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު އުމުރަށް ޖަލަށް

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށް، ދައުވާކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ މި ހުކުމް އިއްވީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދުގެ މައްޗަށެވެ. އެ މައްސަލާގައި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފުގެ މައްޗަށް ވެސް ދައުވާކުރި އެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ މީހުން. ބައިވެރިވެގެން ގެއެއްގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ އެވެ.

އެ ތަން ފާސްކޮށްފައިވަނީ ތިން މީހުން ހައްޔަރުކުރުމަށް ފަހު، އެ މީހުންގެ ހާޒިރުގަ އެވެ. އެ ގޭ ތެރެެއިން 265 ގްރާމްގެ ކެނެބިސް ފެނިފައިވެ އެވެ. ތިން މީހުންގެ މައްޗަށް ވެސް އުފުލީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ލޫތާއި ހަސަން ރަޝީދުގެ މައްޗަށް ކުށުގެ ރުކުންތައް ސާބިތު ކޮށްދެވިފައިވާ ކަމަށެވެ. ނަމަވެސް، އެ ގޭ ތެރެއިން ފެނުނު މަސްތުވާތަކެތި އެ ތަނުގައި ހުރިކަން އިސްމާއިލް ޝަރީފަށް އެނގޭ ކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ކަނޑައެޅި އެވެ.

ލޫތު އަދި ހަސަން ރަޝީދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމާ އެކު 100،000ރ. ގެ ޖޫރިމަނާއެއް ވެސް ކޮށްފައިވެ އެވެ. އެ ޖޫރިމަނާ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.