Roadha Mihaaru
އިނގިރޭސިވިލާތުގައި ކޮވިޑްގެ އިތުރު ވެކްސިނަކަށް ހުއްދަ

އިނގިރޭސިވިލާތުގައި ކޮވިޑްގެ އިތުރު ވެކްސިނަކަށް ހުއްދަދީފި

16 އެޕްރީލް 2022

އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ އިތުރު ވެކްސިނެއް ބޭނުންކުރަން ހުއްދަދީފި އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ އިތުރު ވެކްސިނެއް ބޭނުންކުރަން ހުއްދަދީފި އެވެ.

އެ ވެކްސިން އުފެއްދީ ފްރާންސްގެ ވެކްސިން އުފައްދާ ކުންފުންޏެއް ކަމަށްވާ "ވެލްނެވާ" އިންނެވެ. އަދި އެ ވެކްސިން ތައްޔާރުކުރީ، ޕޯލިއޯ އާއި ފްލޫ ވެކްސިން ވެސް ހަދަން ވެސް ބޭނުންކުރާ ޓެކްނޮލޮޖީގެ އެހީގަ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އެ ވެކްސިންގެ 100 މިލިއަން ޑޯޒް ގަންނަން ކުރިން އެއްބަސްވިޔަސް، އެ ކުންފުނިން ސަޕްލައި އެގްރީމެންޓާ ހިލާފުވި ބުނެ، އެ އެއްބަސްވުން ބާތިލުކުރި އެވެ. އެކަމަކު، އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކޮވިޑް-19 އަށް ދޭ އެހެން ވެކްސިންތައް ކަމަށްވާ އެސްޓްރަޒެނެކާ އާއި ފައިޒާ ގޮތަށް، ވެލްނޭވާ ވެކްސިންގައި ވެސް ދޭން ޖެހެނީ ދެ ޑޯޒެވެ. އެ ވެކްސިން ދެނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ދެ ޑޯޒްގެ ދެމެދުގައި 28 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ.

ވެލްނޭވާ ވެކްސިނަކީ އިނގިރޭސިވިލާތުގައި ބޭނުންކުރަން ހުއްދަ ދިން ހަ ވަނަ ވެކްސިނެވެ. އިނގިރޭސިވިލާތުގައި އުމުރުން ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް މޮޑާނާގެ ކޮވިޑް ވެކްސިން ދޭން ވެސް ވަނީ ފަށައިފަ އެވެ.