Roadha Mihaaru
ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ

ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ

18 ޖެނުއަރީ 2022

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދި ޔާމީންގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ ކުށް ސާބިތުވާ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ. އަދި އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފި ނަމަ އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލާގެ ހުކުމް މާދަމާ އިއްވަން ހަމަޖެއްސިއިރު، ކުރިން ނިންމާފައި އޮތީ އެ މައްސަލާގެ ހުކުމް މިދިޔަ މަހު އިއްވުމަށެވެ. އަދި މިދިޔަ އަހަރު ވެސް އެ މައްސަލަ ނިންމަން ކޯޓުން ތާވަލެއް ހެދި އެވެ. އެކަމަކު މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން ތާވަލާ އެއްގޮތަށް އޭރު އެ މައްސަލަ ކުރިއަށް ގޮސްފައެއް ނުވެ އެވެ.