Roadha Mihaaru
ޔާމީންގެ މަރު: "ސިއްރު ހެއްކަކީ ކުށުގެ ބައިވެރިއެއް"

ޔާމީން ރަޝީދުގެ މަރު: "ސިއްރު ހެކިވެރިޔާ އަކީ ޔާމީން މެރުމުގައި ބައިވެރިވި މީހެއް"

16 ސެޕްޓެމްބަރ 2021

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި އެއް ހެކިވެރި އަކީ އޭނާ މެރުމުގައި ބައިވެރިވި މީހެއް ކަމަށާއި އެހެންވެ، އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް އެ މައްސަލާގައިި ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި އެއް ހެކިވެރި އަކީ އޭނާ މެރުމުގައި ބައިވެރިވި މީހެއް ކަމަށާއި އެހެންވެ، އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް އެ މައްސަލާގައިި ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މ. ތާއިފް، އިސްމާއިލް ރަޝީދުގެ އިތުރުން ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒް އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެއްކާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަކީލް މައުމޫން ވިދާޅުވީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރެއިން އެކަކުގެ ހެކިބަހަށް ބަލާއިރު، އޭނާއަކީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި މީހެއް ކަން އޭނާގެ އަމިއްލަ ބަހުން ވެސް އެނގޭ ކަމަށެވެ. އަދި ބައެއް ސުވާލުތަކަށް ޖަވާބު ނުދީ، ކަންކަން ސިއްރު ކުރަން އޭނާ މަސައްކަތް ކުރުމުން ވެސް އެކަން އެނގޭ ކަމަށް މަައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ މީހަކު މެރުމުގެ ބައިިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ދައުވާ ނުކޮށް އޭނާ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅުމުން ދޮގު ހެކިބަސް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރި ބައެއް މީހުންނަށް ދައުވާ ނުކުރާ ކަމަށާއި އެކަމާ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިއްރު އެހެން ހެކިވެރިއަކާ ދައުލަތުން ބައްދަލުކުރި ކަމަށް އޭނާ ކޯޓުގައި ބުނެފައިވާތީ އެކަމުން ވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ސިއްރު ހެކިވެރިންގެ ހެކިބަހާއި ވީޑިއޯ ފުޓޭޖްތަކުން ފެންނަ މަންޒަރުތަކާ ދިމާނުވާ ކަމަށެވެ. ޔާމީން މަރާލި ހާދިސާ ހިނގި ވަގުތު، އޭނާ ދިރިއުޅުނު ގެ ހުންނަ މަގާ ދިމާލަށް ޓެކްސީއެއް މަޑުކުރިކަން ވީޑިއޯތަކުން ފެންނަން އޮތަސް، ސިއްރު ހެކިވެރިންގެ ހެކިބަހުގައި އެއްވެސް އުޅަނދެއް އެ ސަރަހައްދަށް މަޑުނުކުރާ ކަމަށް ބުނާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެއް ހެކިވެރިއަކު ބުނާ ބުނުމާއި އަނެއް ހެކިވެރިޔާގެ ހެކިބަސް ފުށުއަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ހުރި ކެމެރާތަކުން ވީޑިއޯ ފުޓޭޖްތައް ފުލުހުން ނަގާފައި ވިޔަސް، އެ ވީޑިއޯތަކުގެ ޗެއިން އޮފް ކަސްޓަޑީ ވެސް ދިމައެއް ނުވެ އެވެ. އަދި ވީޑިއޯތަކުގެ ތަހުލީލު ރިޕޯޓް ހެދި ފުލުސް މީހާގެ ހެކިބަހަށް ބަލާއިރު، ތަހުލީލުތައް ހަދާފައިވަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށާއި ކޯޓަށް ހުށަހަޅާފައިވަނީ ވެސް އަސްލު ރިޕޯޓްގެ ބަދަލުގައި މުޅިން އެހެން ރިޕޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެއީ ދޮގު ހެކިބަހެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިސްމާއިލް ރަޝީދު ދިރިއުޅުނު ގެ ފާސްކުރުމަށް ފަހު އެ ގެއިން އަންނައުނާއި ފޯނާއި ލެޕްޓޮޕް ފުލުހުން ގެންދިޔަޔަސް، އެއިން އެއްވެސް އެއްޗަކުން އިސްމާއިލް ރަޝީދާ ދެކޮޅަށް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި އެ ތަކެތި އޭނާއާ އަނބުރާ ހަވާލު ކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެ ތަކެތިން އެއްވެސް ހެއްކެއް ނުފެނުމަކީ އިސްމާއިލް ރަޝީދާ އެއްކޮޅަށް ބޭނުން ކުރެވޭނެ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ޔާމީން މަރާލި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ސިޑި ކައިރީގައި ހަރަކާތްތެރިވާ ފޮޓޯއެއް

ޔާމީން މަރާލި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ސިޑި ކައިރީގައި ހަރަކާތްތެރިވާ ފޮޓޯއެއް

ދައުވާލިބޭ ޒިޔާދުގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ދައުލަތުން 60 އެތައް ހެއްކެއް ހުށަހެޅިއިރު ވެސް، ސިއްރު ހެކިވެރިޔާ ފިޔަވައި އިތުރު މީހެއްގެ ހެކިބަސް ޒިޔާދާ ދެކޮޅަށް ނުލިބޭ ކަމަށެވެ. ވީޑިއޯތަކުން ވެސް ޒިޔާދާ ދެކޮޅަށް އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށާއި އެހެންވެ، އިސްލާމީ ޝަރީއަތުގައި މަރުގެ މައްސަލައެއް ސާބިތު ކުރެވޭނެ ގޮތާއި އަދި ހެކިބަސް ބަލައިގަނެވޭ ގޮތްތަކާ ބެހޭގޮތުން ޚުލާސާ ބަޔާނުގައި ވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިފްރާންގެ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވީ ސިއްރު ހެކިވެރިއަކު ބުނާ ބުނުމެއް ފިޔަވައި އިތުރު ހެއްކެއް އެ މައްސަލާގައި ނެތް ކަމަށާއި ސިއްރު ހެކިވެރިިޔާގެ ހެކިބަހަށް ބާރު ދޭ އިތުރު އެއްވެސް ހެއްކެއް ނެތީސް، އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ވީޑިއޯ ފުޓޭޖްތަކެއް ދައުލަތުން ހުށަހެޅިޔަސް، ވީޑިއޯ އެނަލިސިސް ރިޕޯޓް ހަދާފައިވަނީ ހީވާ ހީވުމެއްގެ މައްޗަށް އެކަނި ބިނާކޮށްގެން ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.

މީގެ އިތުރުން ވީޑިއޯ ފުޓޭޖުން ވެސް ފެންނަނީ މީހަކު ހިނގާފައިވާ ދާ މަންޒަރެއް އެކަނި ކަމަށާއި އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް އެ ވީޑިއޯއިން ސާބިތު ނުކުރެވޭނެ ކަމަށް ވިޝާމް ވިދާޅުވި އެވެ. އަދި އެކަމާބެހޭ ތަފްސީލުތައް ޚުލާސާ ބަޔާނުގައި ހުށަހަޅާނެ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.

ދައުވާލިބޭ ހައިޝަމާއި ޝިފާޒްގެ އިތުރުން ޒިހާންގެ ވަކީލް ސިއްހީ ސަބަބާ ހެދި މިއަދުގެ އަޑުއެހުމަށް ހާޒިރު ނުވެވުމުން އެ ތިން މީހުުންގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ. އެކަމަކު އަންނަ އާދިއްތަ ދުވަހު އެކަމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު މިއަދު އިއުލާން ކުރެއްވި އެވެ. އަދި އެ އަޑުއެހުމުގައި އެ ތިން މީހުންގެ ފަރާތުން ހެއްކާ ބެހޭގޮތުން ވާހަކަ ނުދައްކައިފި ނަމަ، އިތުރު ފުރުސަތެއް އެކަމަށް ނުދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.