Roadha Mihaaru
ޔާމީން ރަޝީދުގެ މަރު: ދެ މީހަކު އުމުރަށް ޖަލަށް

ޔާމީން ރަޝީދުގެ މަރު: ދެ މީހަކު އުމުރަށް ޖަލަށްލައި، މަރުގެ ދިޔަ އަށް 1.3 މިލިއަން ދައްކަން ހުކުމްކޮށްފި

20 ޖެނުއަރީ 2022

ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލާގައި ދައުވާ ލިބުނު ދެ މީހަކު އުމުރަށް ޖަލަށްލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން އަންގައި އަދި އެ މައްސަލައިގައި ދައުވާ ލިބުނު ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ރޭ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލާގައި ދައުވާ ލިބުނު ދެ މީހަކު އުމުރަށް ޖަލަށްލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން އަންގައި އަދި އެ މައްސަލައިގައި ދައުވާ ލިބުނު ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ރޭ ހުކުމްކޮށްފި އެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭޕްރީލް 2017 ގައި އޭނާ އަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، އެ ހާދިސާ ހިނގި ރޭ ހައިޝަމާއި ޒިހާން އެ ސަރަހައްދުގައި އުޅުނު ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. މީހެއްގެ ހަޅޭކުގެ އަޑު އިވުނު ފަހުން، އެ ދެ މީހުން ޔާމީން ދިރިއުޅުނު ގެއިން ނުކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށް ހެކިން ބުނެފައިވާ ކަމަށާއި އެހެންވެ، އެ ދެ މީހުން އެ ގެއަށް ވަން ކަމުގެ ހެކި އެބަހުރި ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްގެ އެނަލިސިސް ރިޕޯޓަށް ބަލާއިރު، ވީޑިއޯ އިން ފެންނަ ދެ މީހުންނާއި ދައުވާ ލިބޭ ހައިޝަމާއި ޒިހާންގެ ސިފަތައް ދިމާވާ ކަމަށް ރިޕޯޓުގައި ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ހުރި ކެމެރާގެ އިން ނެގި ފިންގަޕްރިންޓާއި ހައިޝަމްގެ ފިންގަޕްރިންޓް ދިމާވާއިރު، އެ ކެމެރާގައި ހައިޝަމްގެ ފިންގަޕްރިންޓް ހުންނަންޖެހޭ ސަބަބެއް އޭނާ އަށް ދެއްކިފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ހައިޝަމްއާ ބެހޭގޮތުން ތައްޔާރުކުރި ވީޑިއޯ އެނަލިސިސް ރިޕޯޓާ މެދު އޭނާގެ ފަރާތުން ވެސް ސުވާލު އުފައްދާފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ޔާމީން ދިރިއުޅުނު ގެއަކީ ހައިޝަމް ގޮސް އުޅުނު ގެއެއް ކަމަށް އޭނާގެ ފަރާތުން ބުނެފައި ނުވާތީ، އެ ގޭގެ ސިޑި ގޮޅީގައި ހުރި ކެމެރާގައި އޭނާގެ ފިންގަޕްރިންޓް ހުންނަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ. ގާޒީ ވިދާޅުވިގޮތުގައި، ހެކިވެރިންގެ ތަހުގީގު ބަޔާންތަކާއި އެ މީހުންގެ ހެކިބަހުގައި އެއްވެސް ފުށުއެރުމެއް ވެސް ނެތެވެ.

ގާޒީ ވިދާޅުވީ އެ މައްސަލައިގައި ހެކިބަސް ދިން ބައެއް ހެކިވެރިންނަކީ ކުށުގެ ބައިވެރިން ކަމަށް ބުނެ އެ މީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ދައުވާ ލިބޭ މީހުންގެ ފަރާތުން ބުނެފައި ވިޔަސް، އެއީ ހަމައެކަނި ގަބޫލުކުރާ ގަބޫލު ކުރުމުގެ މައްޗަށް ބުނެފައިވާ ބުނުމެއް ކަމަށެވެ. ހެކިވެރިންނަކީ ކުށުގެ ބައިވެރިން ކަމަށް ވިޔަސް، އެ މީހުންގެ ބަހަށް ބާރުދޭ އިތުރު ހެކި ހުރެއްޖެ ނަމަ އެފަދަ މީހުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ އާދަމް ވިދާޅުވިގޮތުގައި ޔާމީނަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ކަން ދައުލަތުން ހުށަހެޅި ހެކިތަކުން އެނގޭތީ އެއީ އޭނާ މެރުމުގެ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ބަލަން ޖެހެ އެވެ. އެފަދަ މައްސަލަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހޭ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ ޔާމީން މަރައިލިކަން ދައުވާ ލިބޭ ހައިޝަމާއި ޒިހާންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ބާކީ ހަތަރު މީހުންގެ ބައިވެރިވުމެއް އޮތްކަން އެނގޭކަށް ނެތް

ގާޒީ ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށް ވާއިރު، ދައުވާ ލިބޭ ދެން ތިބި ހަތަރު މީހުން ކަމަށްވާ ދިފްރާނާއި ޝިފާޒާއި އިސްމާއިލް ރަޝީދުގެ އިތުރުން ޒިޔާދު އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށެވެ. ދިފްރާނާއި ޝިފާޒަކީ ޔާމީނަށް ފާރަލި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވާއިރު، ހަމަލާދިން ވަގުތު އެ ތަނުގައި އެ މީހުން އުޅުނު ކަމުގެ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

އިސްމާއިލް ރަޝީދަކީ ޔާމީން ދިރިއުޅުނު ގޭގެ ބޭރުގައި މަޑުކޮށްގެން ހުރުމަށް ފަހު، އެ ހަމަލާ ދިން ފަހުން، ހައިޝަމް ގޮވައިގެން ސައިކަލުގައި ދިޔަ ކަމަށް ތުހުމަތު ކުރެވުނު މީހާ ކަމަށް ވިޔަސް، އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ވީޑިއޯ އެނަލިސިސް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ އެ ރިޕޯޓް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، ޔާމީނަށް ހަމަލާދިން ވަގުތު އިސްމާއިލް ރަޝީދު އެ ސަރަހައްދުގައި އުޅުނު ކަމުގެ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވިގޮތުގައި، ޔާމީން މަރައިލަން ރޭވި މަޝްވަރާތަކުގައި ޒިޔާދު ބައިވެރިވި ކަމަށް ހެކިން ބުންޏަސް، އޭނާ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެއްކެއް ނެތެވެ. ޒިޔާދުގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން، ޔާމީނަށް ހަމަލާ ދިނުމުގައި އޭނާ ބައިވެރިވެފައިނުވާ ކަމަށް ހެކިން ބުނެފައިވާ ކަމަށާއި އަދި އެ ހާދިސާގެ ކުރިން އޭނާގެ ފަޔަށް އަނިޔާއެއް ލިބިގެން އޭނާ ފަރުވާ ހޯދާފައިވާ ކަމުގެ ލިޔުންތަކެއް ފެނިފައިވާތީ، އެކަމަށް އިތުރަށް ބާރު ލިބޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ އާދަމް ވިދާޅުވި ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން މީހަކު މަރައިލާ ހާލަތުގައި އެކަމުގައި ބައިވެރިވާ އެންމެން ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އިސްލާމީ ޝަރީއަތުގައި އޮތަސް، އެ ހާލަތުގައި ގަސްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވުމުން ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށެވެ. އެހެންވެ، އަމަލީ ގޮތުން ބައިވެރިނުވާ ނަމަ، ގަސްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިނުވާނެ ކަމަށް ވިދާޅުވި އެވެ.

ދައުވާ އިސްލާހު ކުރާކަށް ދައުލަތުން ބޭނުމެއް ނުވި

ގާޒީ ވިދާޅުވީ އެ މައްސަލައިގައި އެންމެންގެ މައްޗަށް ވެސް އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށް ވާއިރު، އެ ދައުވާ އިސްލާހު ކުރުމުގެ ފުރުސަތެއް ބޭނުންވޭތޯ ދައުލަތާ ކޯޓުން ކުރިން ސުވާލު ކުރުމުން ވެސް ދައުވާ އަށް ބަދަލު ގެންނަން ބޭނުންނުވާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ނަމަ އެކަމަށް އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮތަސް، ދައުލަތުން އެފަދަ ހުށަހެޅުމެއް ވެސް ހުށަހަޅާފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ، ދައުލަތުން އެގޮތަށް ނޭދެނީސް، ދައުވާ ލިބޭ ދެން ތިބި މީހުންގެ މައްޗަށް އެހެން ކުށެއްގެ އަދަބެއް ކަނޑަނޭޅޭނެ ކަމަށާއި އެހެންވެ، އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޔާމީންގެ މަންމަ ބޭނުންވީ މަރުގެ ދިޔަ، މަރަށް މަރު ފިޔަވައި އެހެން އަދަބެއް ބައްޕަ ބޭނުމެއް ނުވޭ

ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމުމަށް ފަހު، ޔާމީންގެ ވާރިސުން ސާބިތު ކުރުމަށްޓަކައި ޔާމީންގެ އާއިލާގެ ދެ މީހެއްގެ ހެކިބަސް ނެގި އިއްޔެ ނެގި އެވެ. އެ މީހުންގެ ހެކިބަހަށް ބިނާކޮށް، ޔާމީންގެ ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ މަންމަ އާއި ބައްޕަ ކަމަށް ގާޒީ ނިންމެވުމަށް ފަހު، ޔާމީންގެ ގާތިލުންނަށް އަދަބު ކަނޑައެޅުމުގައި އެ ދެ މީހުން ބޭނުންވަނީ ކޮން ގޮތެއްތޯ ބެލުމަށް އެ ދެ މީހުންގެ ބަސް ވެސް ރޭގެ އަޑުއެހުމުގައި ނެގި އެވެ.

ގަސްދު މަރުގެ މައްސަލަތަކުގައި މަރަށް މަރު ހިފުން ނުވަތަ މަރުގެ ދިޔަ އަތުލުން ނުވަތަ މާފު ދިނުމުގެ ބާރު މަރުވި މީހާގެ ވާރިސުންނަށް އޮންނަ ކަން ފާހަގަކުރައްވައި، ޔާމީންގެ މަރުގެ މައްސަލައިގައި ބޭނުންވަނީ ކޮޮން ގޮތެއްތޯ ޔާމީންގެ މަންމައާ، އެ އަޑުއެހުމުގައި ގާޒީ ސުވާލު ކުރެއްވި އެވެ. މަރަށް މަރު ހިފަން ވާރިސުން ބޭނުން ނުވިޔަސް، ގާނޫނީ އަދަބެއް ގާތިލުންގެ މައްޗަށް ކަނޑައެޅޭނެ ކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

ވަރަށް އަސަރާއެކު ވާހަކަ ދައްކަމުން ޔާމީންގެ މަންމަ ބުނީ، ޔާމީން ދުނިޔޭގައި ހުރިއިރު އޭނާ އަބަދުވެސް ވަކާލާތުކުރީ އެންމެންނަށް ދިރިހުރުމުގެ ހައްގު ދިނުމަށް ކަމަށެވެ. އެހެންވެ، ޔާމީންގެ ގާތިލުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށާއި އެކަމަކު މަރުގެ ދިޔަ ހޯދަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

އޮންލައިންކޮށް އަޑުއެހުމުގައި ބައިވެރިވި، ޔާމީންގެ ބައްޕައާ ސުވާލު ކުރުމުން އޭނާ ބުނީ ޔާމީންގެ މަރުގެ ދައުވާ ލިބޭ އެއްވެސް މީހަކު އޭނާގެ ކިބައިން މާފަށް އެދިފައިނުވާ ކަމަށެވެ. އެކަމަކު، އިސްލާމީ ޝަރީއަތުގައި މާފު ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށާއި އެކަމުގައި ގޮތެއް ނިންމަން އޭނާ ހަވާލުކުރީ އޭނާގެ ދެން ތިބި ދަރިންނާ ކަމަށް ބުންޏެވެ. އަދި ދެން ތިބި ދަރިން ބޭނުންވަނީ މަރަށް މަރު ނުހިފަން ކަމަށް ވެސް ޔާމީންގެ ބައްޕަ ބުންޏެވެ.

ހައިޝަމާއި ޒިހާން އުމުރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ހުކުމުގެ ކުރިން ބަންދުގައި ހޭދަކުރި ހަތަރު އަހަރު ހުކުމުގެ މުއްދަތުން އުނި ކުރުމުން އެ މީހުން ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ ވިދާޅުވި.

އެހެން މީހުންގެ ލަފާ އެކަމުގައި ހޯދިޔަސް، ޔާމީންގެ ބައްޕަ ބޭނުންވަނީ ކޮން ގޮތެއްތޯ ވިދާޅުވެ، ގާޒީ އަނެއްކާވެސް ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޔާމީންގެ ބައްޕަ ބުނީ އޭނާ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ. އެ ނޫން ގޮތެއް ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔާމީންގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު، އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަޖިލީހުގައި ދައުލަތުން ބުނީ ޔާމީންގެ އެއް ވާރިސަކު މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށް ބުނެފައިވާތީ އިސްލާމީ ޝަރީއަތުގެ ދަށުން ހައިޝަމާއި ޒިހާންގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށެވެ. އެހެންވެ، އެ މީހުންގެ މައްޗަށް ކަނޑައެޅޭނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި ވާރިސުން މަރުގެ ދިޔަ ހޯދަން ބޭނުންވާ ކަމަށް ބުނެފައިވާތީ މަރުގެ ދިޔަ ނަގައިދޭން ޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ނެރުނު ގަވާއިދުގެ ދަށުން މަރުގެ ދިޔައިގެ ގޮތުގައި ނަގައިދެވެނީ އެއް މިލިއަން ރުފިޔާ ކަމަށް ވިޔަސް، ޔާމީން މަރާލާފައިވަނީ މާތްވެގެންވާ މަހެއްގައި ކަމަށް ވާތީ މަރުގެ ދިޔައިގެ މިންވަރު އިތުރު ކުރަންޖެހެ އެވެ. މަރުގެ ދިޔައިގެ ވަރު 1.3 މިލިއަން ރުފިޔާ އަށް މަތި ކުރަންޖެހޭ ކަމަށާއި ކައްފާރާގެ ގޮތުގައި ރޯދަ ހިފަން ވެސް ދައުވާ ލިބޭ ދެ މީހުންނަށް އަންގަން ޖެހޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަދަބާ ބެހޭގޮތުން ވާހަކަ ދައްކައި، ނިމުމުން ހުކުމް އިއްވަން ރޭ ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން ގާޒީ އާދަމް ވިދާޅުވީ ދައުވާ ލިބޭ ދިފްރާނާއި ޝިފާޒާއި އިސްމާއިލް ރަޝީދުގެ އިތުރުން ޒިޔާދުގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށެވެ. ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި އެކަމަކު ޔާމީންގެ ވާރިސުންގެ ތެރެއިން އެކަކު މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށް ބުނެފައިވާތީ މަރުގެ އަދަބު އެ ދެ މީހުންނަށް ކަނޑަނޭޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ، ހައިޝަމާއި ޒިހާން އުމުރަށް ޖަލަށްލުމާ އެކު މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން އަންގާ ކަމަށާއި ކައްފާރާގެ ގޮތުން ދެ މަސް ދުވަހުގެ ރޯދަ ހިފަން ވެސް އެ ދެ މީހުންނަށް އަންގާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ދެ މީހުން އުމުރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ހުކުމުގެ ކުރިން ބަންދުގައި ހޭދަކުރި ހަތަރު އަހަރު ހުކުމުގެ މުއްދަތުން އުނި ކުރުމުން އެ މީހުން ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.