Roadha Mihaaru
ޔާމީން މަރާލަން ރާވަމުން ދިޔަކަން ހެކިވެރިޔާއަށް އެނގޭ

ޔާމީންގެ މަރު: "ޔާމީން މަރާލަން ރާވަމުން ދިޔައިރު ވެސް ސިއްރު ހެކިވެރިޔާއަށް އެނގޭ"

19 ސެޕްޓެމްބަރ 2021

ބްލޮގަރު ޔާމީން ރަޝީދުގެ މަރާލަން ރާވަމުން ދިޔަކަން އެ މައްސަލާގައި ދައުލަތުގެ ފަރާތުން ހެކިބަސް ދިން ސިއްރު ހެކިވެރިޔާއަށް މާ ކުރިން އެނގޭ ކަމަށް އެ މައްސަލާގައި ދައުވާލިބޭ މީހުންގެ ދިފާއީ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދުގެ މަރާލަން ރާވަމުން ދިޔަކަން އެ މައްސަލާގައި ދައުލަތުގެ ފަރާތުން ހެކިބަސް ދިން ސިއްރު ހެކިވެރިޔާއަށް މާ ކުރިން އެނގޭ ކަމަށް އެ މައްސަލާގައި ދައުވާލިބޭ މީހުންގެ ދިފާއީ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުވާ ލިބޭ ހައިޝަމާއި ޒިހާން އަދި ޝިފާޒްގެ ވަކީލް އަހުމަދު ޔާމީން ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ޔާމީން މަރާލަން ނޮވެމްބަރު، 2016 އިން ފެށިގެން ރާވަމުން ދިޔަކަން ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއަކަށް އެނގޭ ކަމަށެވެ. އެކަމަކު އެކަން ކަމާބެހޭ ފަރާތްތަކަށް އޭނާ އަންގާފައިނުވާ ކަމަށާއި އަދި ޔާމީން މަރާލި ރޭ ވެސް އެ ސަރަހައްދުގައި އޭނާ އުޅުނު ކަން އޭނާގެ ހެކިބަހުން ހާމަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭނާއަކީ ކުށުގެ ބައިވެރިއެއް ކަން އެ ހެކިބަހުން ހާމަވާ ކަމަށާއި އެހެންވެ، އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ފާސިގުން ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ހެކިބަސް ދިނުމުގައި، ބައެއް ސުވާލުތަކަށް ޖަވާބު ދޭން އޭނާ ދެކޮޅު ހަދާފައި އޮތުމުން އެއީ ހެކިބަސް ފޮރުވުން ކަމަށާއި އެއީ އިސްލާމީ ޝަރީއަތުގައި މަނާ ކުރައްވާފައިވާ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ހެކިވެރިންގެ ހެކިބަސް ފުށުއަރާ ކަމަށާއި އަދި ބައެއް ހެކިވެރިން ބުނާ ބުނުމާ މެދު ސުވާލު އުފެދޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ޔާމީނަށް ހަމަލާދިން މީހުން ތިބީ މާސްކް އަޅައިގެން ކަމަށް ހެކިވެރިން ބުނާއިރު، މާސްކް އަޅައިގެން ތިބީ ދައުވާ ލިބޭ މީހުުންކަން ޔަގީންކަމާ އެކު ބުނުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހާދިސާގެ ކުރިން ދުވަހަކު ވެސް ފެނިފައިނުވާ ބަޔަކު އެގޮތަށް ދެނެގަނެވިދާނެތޯ ވެެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ދައުލަތުން ބައެއް ހެކިވެރިންނާ ބައްދަލު ކޮށްފައިވާތީ އެއީ ހެކިވެރިންނަށް ނުފޫޒު ފޯރުވުން ކަމަށާއި އަދި އެ މައްސަލާގައި ހެކި އުފައްދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދިި ވީޑިއޯތަކުން ފެންނަނީ ދައުވާލިބޭ މީހުން ކަމަށް ފުލުހުންގެ ތަހުލީލު ރިޕޯޓުތަކުގައި އޮތަސް، އެ މީހުންނާ ސިފަތައް ދިމާވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ތަހުގީގުގައި ޔާމީންގެ ހަށިގަނޑުގެ މުހިންމު ތަހުލީލުތަކެއް ފުލުހުން ނުކޮށް، ދޫކޮށްލާފައިވެ އެވެ. ދައުވާލިބޭ ހައިޝަމްގެ ކަރުގައި ހުރި ނިޝާންތަކަކީ ހަމަލާދިން ވަގުތު އޭނާއަށް ލިބުނު އަނިޔާތަކެއް ކަމަށް ދައުލަތުން ތުހުމަތު ކުރިޔަސް، އެކަން ބެލުމަށްޓަކައި ޔާމީންގެ ނިޔަފަތި ދަށުން ސާމްޕަލް ނަގާފައިނުވާ ކަމަށް ވަކީލް ޔާމީން ވިދާޅުވި އެވެ. ބޮޑު ތަހުގީގެއްގައި ފުލުހުން އެކަން ކަށަވަރު ކުރަން ތަހުލީލު ނުކުރީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ހައިޝަމަށް އަނިޔާ ކުރިކަމުގެ ތުހުމަތު

ދައުވާލިބޭ ހައިޝަމަށް ފުލުހުންގެ ތަހުގީގުގައި ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށް ވަކީލް ޔާމީން ވިދާޅުވި އެވެ. އެގޮތުން ދުނިޔޭގައި މިހާރު މަނާ ކޮށްފައިވާ ބާވަތުގެ އަދަބެއް ކަމަށްވާ ވޯޓާ ބޯޑިންގެ އަދަބު ވެސް ހައިޝަމަށް ފުލުހުން ދިން ކަމަށާ އަދި އޭނާގެ ކަރުގައި ހިފައި، އަނިިޔާ ކުރުމުން އޭނާއަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނު ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މައްސަލަ ހައިޝަމްގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ މިއަދު ވަނީ އެއްކޮށް ނިންމާލައިފަ އެވެ. ދެން އޮންނާނީ ޔާމީންގެ ވާރިސުންގެ ބަސް ހޯދުން ކަމަށާއި އެކަމަށްޓަކައި އަންނަ މަހު އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު އިއުލާން ކުރެއްވި އެވެ.