Roadha Mihaaru
ހޫތީން ހަމަލާދިން މައްސަލަ ސަލާމަތީ މަޖިލީހަށް

ހޫތީން ޔޫއޭއީ އަށް ހަމަލާ ދިން މައްސަލަ ސަލާމަތީ މަޖިލީހަށް

19 ޖެނުއަރީ 2022

މިދިޔަ ހޯމަ ދުވަހު ހޫތީ ހަނގުރާމަވެރިން އެމިރޭޓްސްގެ އަބޫ ދާބީ އަށާއި ދުބާއީގެ އެކި ތަންތަނަށް ދިން ޓެރަރިސްޓް ހަމަލާތަކާ ބެހޭ ގޮތުން، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ހޫތީންގެ ހަމަލާތައް ކުށްވެރިކުރުމަށް އެމިރޭޓްސް އިން ގޮވާލައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ހޫތީ ހަނގުރާމަވެރިން އެމިރޭޓްސްގެ އަބޫ ދާބީ އަށާއި ދުބާއީގެ އެކި ތަންތަނަށް ދިން ޓެރަރިސްޓް ހަމަލާތަކާ ބެހޭ ގޮތުން، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ހޫތީންގެ ހަމަލާތައް ކުށްވެރިކުރުމަށް އެމިރޭޓްސް އިން ގޮވާލައިފި އެވެ.

އެމިރޭޓްސް އިން މި ކަމަށް ގޮވައިލީ، އދ. މަޖިލީހަށް ކަނޑައަޅާފައި ހުންނަވާ އެމިރޭޓްސްގެ ސަފީރު ލާނާ ނުސައިބާ، ނޯވޭ އަށް ފޮނުއްވެވި ސިޓީއެއްގަ އެވެ. މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ސަލާމަތީ މަޖިލީހުގެ ރިއާސަތު ބަލަހައްޓަނީ ނޯވޭ އިންނެވެ.

"ބައިނަލްއަގުވާމީ ހުރިހާ ގާނޫނުތަކާ ހިލާފަށް ދީފައިވާ މި ޓެރަރިސްޓް ހަމަލާ ކުށްވެރިކުރުމުގައި އެއްބައިވަންތަވެ، އެކަމާ ދެކޮޅަށް އެއް އަޑަކުން ވާހަކަ ދެއްކުމަށް، އެމިރޭޓްސްގެ ފަރާތުން ސަލާމަތީ މަޖިލީހަށް ގޮވައިލަމެވެ." އެމިރޭޓްސްގެ ސަފީރު ނޯވޭ ސަރުކާރަށް ފޮނުވި ސިޓީގައިވެ އެވެ.

ސަފީރުގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ހޫތީންގެ އެ އަމަލަކީ މެދުއިރުމަތީ ސަރަހައްދުގައި ޓެރަރިޒަމްގެ ހަރަކާތްތައް އާންމުކުރުމަށް ހޫތީ ހަނގުރާމަވެރިން ފަށާފައިވާ މަސައްކަތަށް ލިބޭ ހިތްވަރަކަށް ވެގެން ނުވާނެ އެވެ. އަދި ހޫތީންގެ އެ ހަމަލާތަކަކީ، ހޫތީންނަށް ލިބިގެންވާ ގައިރު ގާނޫނީ ބާރުގެ ބޭނުންކޮށްގެން، އދ. މަޖިލީހުގެ ފިޔަވަޅުތަކަށް ގޮންޖަހައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ނަގައިލުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެކެވެ.

ހޫތީ ހަނގުރާމަވެރިންގެ ޑްރޯން އުޅަނދުތަކަކުން، އަބޫ ދާބީގެ ތެޔޮ އެކުވެންޏަކަށް ދިން ހަމަލާތަކުގައި ތެޔޮ އުފުލާ ލޮރީތަކެއްގައި ރޯވެ އެނދުމުގެ ތެރޭގައި ތިން މީހަކު މަރުވެ އިތުރު ހަ މީހަކު ޒަހަމްވި އެވެ.

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އަރަބިންގެ ގުޅިފައިވާ ލަޝްކަރުން ވައިގެ މަގުން ހޫތީންގެ އަމާޒުތަކަށް ދިން ހަމަލާތަކުގައި، 80 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ލަޝްކަރުން ބުނެ އެވެ. ޔަމަންގެ މެދުތެރޭގައި ހޫތީ ހަނގުރާމަވެރިން ގާއިމުވެ ތިބި ސަރަހައްދަކަށް ދިން ހަމަލާތަކުގައި އަސްކަރީ އުޅަނދުތަކާއި ބަރު ހަތިޔާރުތައް ހަލާކުކޮށްލެވުނު ކަމަށް ވެސް، ގުޅިފައިވާ ލަޝްކަރުން ބުނެ އެވެ.

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ހޫތީ ޖަމާއަތުގެ ހަނގުރާމަވެރިންނާއި ޔަމަން ސަރުކާރު ސިފައިންނާ ދެމެދު ދާހިލީ ހަނގުރާމައެއް ފެށުނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. ޔަމަންގެ ދާހިލީ ހަނގުރާމައިގައި މިހާތަނަށް 233،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިޔަން ބަޔަކު ގެދޮރު ވަނީ ގެއްލި ހާލުގައި ޖެހިފަ އެވެ.

ޔަމަންގެ އާބާދީގައި 30 މިލިއަނަށް ވުރެ ގިނަ މީހުން ހިމެނޭ އިރު، އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އދ. މަޖިލީހުންނާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމާއަތްތަކުން ބުނެ އެވެ.