Roadha Mihaaru
އަގްސާ ތޫފާން: ސަލާމަތީ މަޖިލީހަށް އެއްބަހެއް ނުވެވުނު

އަގްސާ ތޫފާން: ސަލާމަތީ މަޖިލީހަށް އެއްބަހެއް ނުވެވުނު

09 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ފެށި ވަރުގަދަ ހަނގުރާމަޔާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ކުއްލި ބައްދަލުވުމެއް އިއްޔެ ބާއްވައިފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ފެށި ވަރުގަދަ ހަނގުރާމަޔާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ކުއްލި ބައްދަލުވުމެއް އިއްޔެ ބާއްވައިފި އެވެ.

ދެ ފަރާތުގެ މެދުގައި ވަރުގަދަ އެއްގަމު ހަނގުރާމައެއް ފެށިގެން ކުރިއަށް ދާތާ 48 ގަޑިއިރު ވެގެން ދިޔަ އިރު، އިޒްރޭލުގެ 1000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ފަލަސްތީނުގެ 430 އަށް ވުރެ ގިނަ މުޖާހިދުން ޝަހީދުވެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަރުވި 436 މީހުންގެ ތެރޭގައި 81 ކުޑަކުދިންނާއި 61 އަންހެނުން ހިމެނެ އެވެ. މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 2200 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރޭގައި 244 ކުޑަކުދިންނާއި 151 އަންހެނުން ހިމެނެ އެވެ.

ނިއު ޔޯކްގައި އިއްޔެ ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އެމެރިކާ އިން ބާރު އެޅި ހުރިހާ ގައުމުތަކުން ފަލަސްތީނުގެ ހަމާސް ޖަމާއަތް ކުށްވެރި ކުރުމަށެވެ. އަދި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް، ހުރިހާ ގައުމުތަކުން އިއުތިރާފްވުމަށް ވެސް އެމެރިކާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ.

ނަމަވެސް ހަމައެކަނި ހަމާސް ކުށްވެރިކޮށް، އިޒްރޭލު ބަރީއަކުރުމުގެ މޭރުމަކުން ބަޔާނެއް ނެރުމަށް އެމެރިކާ ކުރި މަސައްކަތަށް ފުރިހަމަ އެއްބާރުލުމެއް ނުލިބުނެވެ. ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމަށް ފަހު އެމެރިކާގެ ޑިޕްލޮމޭޓް ރޮބަޓް ވުޑް ވިދާޅުވީ އެކަށީގެންވާ ގިނަ އަދަދެއްގެ ގައުމުތަކުން ހަމާސް ކުށްވެރި ކުރި ކަމަށާއި، ނަމަވެސް އެއީ ހުރިހާ ގައުމުތަކެއް ނޫން ކަމަށެވެ.

"އަހަރެން ނުބުންޏަސް، އެކަމަށް ދެކޮޅު ހަދާނީ ކޮން ބައެއްކަން އެންމެނަށް ވެސް އެނގޭނެ،" ފާޅުގައި ނަން ފާހަގަ ނުކުރައްވައި، ރަޝިޔާ އަށް އިޝާރާތް ކުރައްވައި ރޮބަޓް ވުޑް ވިދާޅުވި އެވެ.

ނުވަދިހަ މިނެޓް ވަންދެން މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު، އެ ބައްދަލުވުމުގެ ކުރު ޚުލާސާއެއް ނޫސްވެރިންނާ ހިއްސާ ކުރެއްވީ، އދ.ގެ ފަރާތުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސުލްހައިގެ މަންދޫބު ޓޯރް ވެނެސްލޭންޑް އެވެ.

އިއްޔެގެ ބައްދަލުވުމަށް ފަހު ޑިޕްލޮމޭޓުން ވިދާޅުވި ގޮތުގައި ހަމާސް ކުށްވެރިކޮށް ބަޔާނެއް ނެރެވޭ ގޮތް ނުވީ، ރަޝިޔާ އިން އެކަމަށް ދެކޮޅު ހެދުމުންނެވެ. ރަޝިޔާ ބޭނުންވީ އެފަދަ ބަޔާނެއް ނެރޭ އިރު، ހަމައެކަނި ހަމާސް ކުށްވެރި ކުރުމުގެ ބަދަލުގައި، މުޅި މައްސަލަ އަށް އެއަށް ވުރެ ފުން ވިސްނުމަކުން ބެލުމަށް ފަހު ޝާމިލު ބަޔާނެއް އެކުލަވައިލުމަށެވެ.

"އަހަރެންގެ މެސެޖަކީ ހަމަލާ ބަދަލުކުރުން ވަގުތުން ހުއްޓާލައި، އެންމެ ފުރިހަމަ މާނައިގައި ސުލްހައިގެ މަޝްވަރާތައް ފެށުން. އެތައް އަހަރެއް ކުރިން ފެށިގެން އަހަރެމެން ދައްކަމުން މިއަންނަނީ އެ ވާހަކަ. މިއަދު ހިނގަމުން އެދާ ކަންތަކަކީ، އެތައް އަހަރެއް ވަންދެން އެ މައްސަލަ ހައްލު ނުކޮށް އޮތުމުގެ ނަތީޖާ،" އދ. އަށް ކަނޑައަޅާފައި ހުންނަވާ ރަޝިޔާގެ ސަފީރު ވެސެލީ ނެބެންޒިއާ ވިދާޅުވި އެވެ.

އިޒްރޭލާ އެކުގައި އެންމެ ފަހުން ގުޅުން ގާއިމުކުރި އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އިން ދެކޭ ގޮތުގައި، ފަލަސްތީނު-އިޒްރޭލު މައްސަލައާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގެ އިތުރު ބައްދަލުވުންތަކެއް ބާއްވަންޖެހެ އެވެ.

"މިހާރު ފަލަސްތީނުގައި ހިނގަމުން އެދާ ކަންކަމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށް އެންމެން ވެސް އެއްބަސްވާނެ. މި މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރުމަށް އޮތް ހަމައެކަނި ސިޔާސީ ހައްލަކީ، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުންކަމަށް ސަލާމަތީ މަޖިލީހުގެ ގިނަ މެމްބަރުން ގަބޫލު ކުރޭ،" އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމިރޭޓްސްގެ ސަފީރު ލާނާ ޒަކީ ނުސައިބާ ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމާ ބެހޭ ގޮތުން، އދ. ގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވީ ހުރިހާ ގައުމުތައް ވެސް އަމާޒު ހިފަންވީ އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

"ނަމަވެސް ހިތާމައަކީ، ސިޔާސީ ބައެއް މީހުންނަށާއި ބައެއް މީޑިއާތަކަށް، ތާރީޚު ލިޔަން މި ފެށެނީ އިޒްރޭލުގެ މީހަކު މަރައިލީމާ ކަމަށްވާތީ. މިއީ އިޒްރޭލުން އެ ހިންގާ އަނިޔާވެރި އަމަލުތަކަށް އިތުރު ފުރުސަތު ދޭންވީ ވަގުތެއް ނޫން. މިއީ އިޒްރޭލު އެ ދަތުރުކުރާ މިސްރާބު ބަދަލުކުރުމުގެ ވަގުތު ޖެހިއްޖެކަން އިޒްރޭލަށް ބުނެދޭންވީ ވަގުތު. އިޒްރޭލަށް ބުނެދޭންވީ، ފަލަސްތީނުގެ މީހަކު ވެސް އަދި އިޒްރޭލުގެ މީހަކު ވެސް މަރައިނުލާނެ ފަދަ ސުލްހައިގެ މަގެއް ވެސް އެބަ އޮތްކަން،" މީޑިއާއާ ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަލަސްތީނުގެ ތިން ޖަމިއްޔާއަކުން، ސަލާމަތީ މަޖިލީހަށް ފޮނުވި، ހުޅުވާލާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ބިންތަކުގައި މިއަދު ހިނގަމުންދާ އަނިޔާވެރި އަމަލުތަކަކީ، ސަލާމަތީ މަޖިލީހުން ފިޔަވަޅު ނޭޅުމުގެ ނަތީޖާ ކަމަށެވެ. އެހެންކަމުން، ފަލަސްތީނުގެ ތިން ޖަމިއްޔާ ކަމަށްވާ އަލް ހައްގު، އަލް މީޒާން ސެންޓާ ފޯ ހިއުމަން ރައިޓްސް އަދި ޕަލެސްޓައިން ސެންޓަ ފޯ ހިއުމަން ރައިޓްސްގެ އެ ސިޓީގައި އދ.ގެ މެމްބަރު ގައުމުތަކަށް ގޮވާލާފައިވަނީ، އަސްލު މައްސަލަ ހައްލުކޮށް، އިޒްރޭލުގެ ހަމަލާތަކުން ފަލަސްތީނު ރައްޔިތުން ރައްކާތެރިކޮށްދިނުމަށެވެ.

ހަމާސް ޖަމާއަތުން ވެރިކަން ކުރަމުން އަންނަ ގާޒާއަކީ، 2006 ވަނަ އަހަރުން ފެށިގެން އިޒްރޭލުން އެއްގަމާއި ކަނޑާއި ވައިގެ މަގުން ހިސޯރުކޮށްފައި އޮންނަ ސަހަރެކެވެ. ބޮޑުމިނުގައި 365 އަކަ ކިލޯމީޓަރު ހުންނަ ގާޒާގައި ދެ މިލިއަނެއްހާ މީހުން ދިރިއުޅޭ އިރު، ބައިނަލްއަގުވާމީ އެއްވެސް އެހީތެރިކަމެއް ގާޒާގެ ރައްޔިތުންނަކަށް ނުލިބެ އެވެ.