Roadha Mihaaru
ސައޫދީން ރޯދަ އަށް ހަނގުރާމަ މެދުކަނޑާލައިފި

ސައޫދީން ރޯދަ އަށް ހަނގުރާމަ މެދުކަނޑާލައިފި

30 މާޗް 2022

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަކުރާ ހޫތީ ޖަމާއަތާ ދެކޮޅަށް، ސައޫދީ އަރަބިއްޔާ އިސްވެ އެކުލަވާލާފައި ގުޅިފައިވާ ލަޝްކަރުން ދެމުން އަންނަ ހަމަލާތައް، ކުރިއަށް އޮތް ރޯދަ މަހަށްޓަކައި މިއަދުން ފެށިގެން މެދުކަނޑައިލިކަން އެ ގައުމުން އިއްޔެ އިއުލާން ކޮށްފި އެވެ.

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަކުރާ ހޫތީ ޖަމާއަތާ ދެކޮޅަށް، ސައޫދީ އަރަބިއްޔާ އިސްވެ އެކުލަވާލާފައި ގުޅިފައިވާ ލަޝްކަރުން ދެމުން އަންނަ ހަމަލާތައް، ކުރިއަށް އޮތް ރޯދަ މަހަށްޓަކައި މިއަދުން ފެށިގެން މެދުކަނޑައިލިކަން އެ ގައުމުން އިއްޔެ އިއުލާން ކޮށްފި އެވެ.

ސައޫދީން ހަނގުރާމަ މެދުކަނޑައިލިކަން މި އިއުލާން ކުރީ، ރޯދަ މަހުގެ ތެރޭގައި ހަނގުރާމަ ނުކުރުމަށް އދ. މަޖިލީހުން ސައޫދީ އަށާއި ޔަމަންގެ ހޫތީ ހަނގުރާމަވެރިންނަށް ގޮވާލާފައި ވަނިކޮށެވެ. ސައޫދީގެ މި ނިންމުމާ ގުޅޭ ގޮތުން ހޫތީ ޖަމާއަތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ޔަމަންގައި ކުރަމުން އަންނަ ދާހިލީ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން، އދ. މަޖިލީހުން އަންނަނީ ސައޫދީ އަރަބިއްޔާ އާއި ހޫތީ ޖަމާއަތާ އެކުގައި މަޝްވަރާތަކެއް ކުރަމުންނެވެ. ޔަމަންގައި އޮތް ސަރުކާރާ ދެކޮޅަށް ހޫތީ ޖަމާއަތުން ޔަމަންގައި ހަނގުރާމަ ފެށީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އދ. މަޖިލީހުން ސައޫދީ އަށާއި ޔަމަންގެ ހޫތީންނަށް ހުށަހެޅީ، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަންގެ އާންމުންނަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ޔަމަނަށް އެތެރެކުރުމަށް މަގު ފަހިކުރުމުގެ ގޮތުންނެވެ. އެ ގޮތުން އެންމެ ބޮޑު އިސްކަމެއް މި ވަގުތު ދެނީ، ޔަމަނުގެ އިންޖީނުގެތައް ހިންގަން ބޭނުންވާ ތެޔޮ ޔަމަނަށް އެތެރެ ކުރުމަށެވެ.

ކަނޑުމަގުން ޔަމަނަށް ތެޔޮ އެތެރެކުރާ މައި ބަނދަރު ކަމަށްވާ ހުދައިދާ މިހާރު އޮތީ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. ޔަމަނަށް ތެޔޮ ހިފައިގެން ދިޔަ ހަތަރު ތެޔޮ ބޯޓެއް ހުދައިދާ އަށް ބަނދަރު ނުކުރެވި ބޭރުގައި އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އޭގެ އިތުރުން ޔަމަނަށް ތެޔޮ ހިފައިގެން ދިޔަ ބޮޑު ޓޭންކަރެއް، ގުޅިފައިވާ ލަޝްކަރުގެ ބާރުގެ ދަށުގައި އޮންނަތާ ވެސް ހަތަރު މަސްދުވަސް ވެއްޖެ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލުމުން، ޔަމްންގެ ވެރިރަށް ސަންއާގެ ވައިގެ ބަނދަރުން ބައިނަލްއަގުވާމީ އާންމު ދަތުރުތަކެއް ކުރުމަށް ވެސް އދ. މަޖިލީހުން ބޭނުންވެ އެވެ. ގުޅިފައިވާ ލަޝްކަރުން ޔަމަންގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަނުމާ ގުޅިގެން، 2015 ވަނަ އަހަރުން ފެށިގެން ސަންއާގެ ވައިގެ ބަނދަރު އޮންނަނީ ބަންދުކޮށްފަ އެވެ. ޔަމަންގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު މިހާރު އޮތީ ގުޅިފައިވާ ލަޝްކަރުގެ ބާރުގެ ދަށުގަ އެވެ.