20 ޖެނުއަރީ 2022
ވަޒީފާގެ ހަމަހަމަކަން ހޯދައިދިނުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަތް މުހިންމު އެއް ވައުދަކީ، މޫނު ބުރުގާ އެޅުން ފަދަ ކަންތައްތަކާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމުގެ ވައުދެވެ. ކޯލިޝަން ހެދިއިރު، އަދާލަތު ޕާޓީން ވެސް ނެގި އެއް މައްސަލައަކީ އެއީ އެވެ. އެކަން އޭރު ބޮޑު މައްސަލައަކަށް ވެފައި އޮތީ، މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަކީ ސިވިލް ސާވިސްގެ ގަވައިދުތަކާ ހިލާފުވުން ކަމަށް ބަލައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެ ޓީޗަރަކު ވަކިކުރި މައްސަލައާ ގުޅިގެންނެވެ.
ވަޒީފާގެ ހަމަހަމަކަން ހޯދައިދިނުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަތް މުހިންމު އެއް ވައުދަކީ، މޫނު ބުރުގާ އެޅުން ފަދަ ކަންތައްތަކާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމުގެ ވައުދެވެ. ކޯލިޝަން ހެދިއިރު، އަދާލަތު ޕާޓީން ވެސް ނެގި އެއް މައްސަލައަކީ އެއީ އެވެ. އެކަން އޭރު ބޮޑު މައްސަލައަކަށް ވެފައި އޮތީ، މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަކީ ސިވިލް ސާވިސްގެ ގަވައިދުތަކާ ހިލާފުވުން ކަމަށް ބަލައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެ ޓީޗަރަކު ވަކިކުރި މައްސަލައާ ގުޅިގެންނެވެ.
އެ ވައުދު ފުއްދުމުގެ ގޮތުން، ޔާމީންގެ ސަރުކާރުގައި ވަޒީފާއިން ވަކިކުރި ބައެއް ޓީޗަރުންނަށް 2019 ވަނަ އަހަރު އަނބުރާ މަގާމު އިއާދަކޮށްދިނެވެ. އަދި ގަވައިދަށް ބަދަލެއް ނުގެނަޔަސް، މޫނު ނިވާކޮށްގެން ވެސް ކިޔަވައިދެވޭ ގޮތް ހުއްދަ ވި އެވެ. އެއާއެކު، ބައެއް ޓީޗަރުން މޫނު ނިވާކޮށްގެން ވެސް ކިޔަވައިދިނެވެ.
މި މައްސަލަ އަނެއްކާ ވެސް ފެންމަތިވެއްޖެ އެވެ. އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި ކޮށްފައިވާ ޝަކުވާ އަށް ބަލާއިރު، މޫނު ބުރުގާ އަޅައިގެން މިހާރު ކިޔަވައެއް ނުދެ އެވެ. އަދި އެނގިފައިވާ ގޮތުގައި، މޫނުބުރާ ނަގައިގެން ނޫނީ ކިޔަވައިނުދެވޭ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ކްލާސްރޫމްގައި ކިޔަވައިދޭއިރު ޓީޗަރުގެ މޫނުމަތީގެ ހަރަކާތްތައް ދަރިވަރުންނަށް ފެންނަން ޖެހެ އެވެ. ނަމަވެސް އަނެއް ބަޔަކަށް މުހިއްމީ ދަރިވަރުންނަށް ކިޔަވައިދޭއިރު ޓީޗަރުން ގެންގުޅޭ އުކުޅުތަކެވެ.
އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް، އެ ސްކޫލްގެ ބޭރުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވި ގޮތުގައި މޫނު ބުރުގާ އަޅާފައި ތިބި މީހުން މިހާރު ވެސް ދަރިވަރުންނަށް ކިޔަވައިދެ އެވެ. އެކަމަކު، އެ ޓީޗަރުން ވަޒީފާގައި ތިބީ ކިޔަވައިދޭއިރު ދަރިވަރުންނަށް މޫނު ފެންނަ ގޮތަށް ކިޔަވައިދޭ ގޮތަށް އެއްބަސްވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ މީގެ ކުރިން ނިޒާމް ބައްޓަން ވެފައި ވަނީ މޫނު ބުރުގާ އަޅައިގެން ތިބޭ މުވައްޒަފުން، ހާއްސަކޮށް ޓީޗަރުންނަށް ވަޒީފާ ދޭ ގޮތަށް ނޫންކަން ކަމަށެވެ.
ސިވިލް ސާވިސް ގަވައިދުގައި ބުނަނީ މުވައްޒަފު ވަޒީފާގެ މާހައުލުގައި އުޅޭއިރު، އެ މުވައްޒަފަކީ ކާކުކަން އެނގޭ ގޮތަށް ހުންނަން ޖެހޭ ކަމަށެވެ. އެކަމަކު، އޭގެ ފަހުން ނެރުނު ސާކިއުލާގައި ބުނީ އެ އިދާރާއެއްގެ މަސައްކަތްތަކާ ގުޅޭގޮތުން އެ އިދާރާއެއްގެ މުވައްޒަފުން ހެދުން އަޅަންވީ ގޮތް ކަނޑައެޅުމުގެ އިހުތިޔާރު އެ އިދާރާއަކަށް އޮންނާނެ ކަމަށެވެ.
"ޓީޗަރުން ވީމަ، ކުދިންގެ ކުރިމަތީގައި އެ ޓީޗަރަކީ ކާކުކަން ނޭނގޭ ގޮތަށް ކުދިން ކުރިމަތީގައި ޓީޗަރު ކިޔަވައިދޭކަށް ނުބެހެއްޓޭނެ. ކުދިންނަށް ކިޔަވައިދޭއިރު އެ ޓީޗަރު ދައްކާ ވާހަކައާ އެ ޓީޗަރުގެ މޫނު މައްޗަށް އަންނަ ހިނިތުންވުމާއި ޓީޗަރުގެ ފޭޝަލް އެކްސްޕްރެޝަނާ މި ހުރިހާ ކަންތައްތަކަކީ ވެސް ކުދިންނަށް މުހިއްމު އެއްޗެއް. ފިލާވަޅެއް ބުނެދެމުންދާ ގަޑީގައި ވަކިން ހާއްސަކޮށް މުހިއްމު ކަންތައްތަކެއް،" އަހުމަދު ވިދާޅުވި އެވެ.
"މި ކަންތައްތައް މިހެން ހުރީމަ 2019 ވަނަ އަހަރުގެ ކުރިން މޫނު ބުރުގާ އަޅާފައި ތިބޭ މީހުންނަށް ވަޒީފާއެއް ނުވެސް ލިބޭނެ."
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ޑރ. އައިޝަތު އަލީ (މ)، ޑެޕިއުޓީ މިނިސްޓަރު އިހުސާން (ކ) އަދި ޑެޕިއުޓީ މިނިސްޓަރު މުޖާހިދު ބައިވެރިވެވަޑައިގަންނަވަނީ.-
އޭނާ ވިދާޅުވި ގޮތުގައި މޫނު ބުރުގާ އަޅައިގެން ތިބި މީހުންނަށް ވަޒީފާ ހަމަޖައްސާފައި އޭރު ކަނޑައެޅި ގައިޑްލައިންގައި، މޫނު ބުރުގާ އަޅައިގެން ތިއްބަސް ޓީޗަރުކަމުގެ ވަޒީފާ ލިބޭނެ ކަމާއި އެކަމަކު އިންޓަވިއު މަރުހަލާގައި އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވެން ވާނެ ކަމަށް ބަޔާންކުރާ ކަމަށެވެ.
އޭގެ ތެރޭގައި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާއިރު ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމްގައި ހޭދަކުރާ ވަގުތުގައި ނުވަތަ ޓީޗަރު ކިޔަވައިދޭ އިރު އޭނާ ހުންނަން ޖެހޭނީ ކާކުކަން އެނގޭ ގޮތަށް މޫނު ނަގައިގެންނެވެ.
"މާނައަކީ ސްޓާފްރޫމާއި ސްކޫލްތެރޭގައި އުޅޭއިރު މޫނު ނާޅާ އުޅޭށެކޭ ނޫން. މޫނު ބުރުގާ އެޅި ޓީޗަރުން ސްކޫލްގައި ކިޔަވައިދެމުން އައީ އެ ގޮތުގެ މަތިން އެކަމަށް އެއްބަސްވެގެން،" އަހުމަދު އަލީ ވިދާޅުވި އެވެ.
މި ފަހަރު އަނެއްކާ ވެސް މޫނު ބުރުގާގެ މައްސަލަ ބޮޑުވީ، މިދިޔަ އާދިއްތަ ދުވަހު ދެ ވަނަ ޓާމުގެ ކިޔެވުން ފެށިއިރު އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ސްކޫލްތަކުން އަމަލުކުރާކަން ޕްރިންސިޕަލުން ކަށަވަރުކުރުމަށް އެންގުމުންނެވެ. އެ ކަންތައްތަކުގެ ތެރޭގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާ ގުޅޭ އުސޫލު ވެސް ހިމެނެ އެވެ.
"އިތުރު ކަމެއް ވީއެއް ނޫން. ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލެއްގައި ކުއްލިއަކަށް މިދިޔަ ހަފްތާ ތެރޭގައި މީޑިއާގައި ކަންތައްތަކެއް ތިލަކޮށްގެން ބަޔަކު، އެ ބައެއްގެ އަމިއްލަ މަންފާއަކަށްޓަކައި ކުރާ މަސައްކަތެއް ތިޔަ މަސައްކަތަކީ،" މި މައްސަލަ އަނެއްކާ ވެސް ފެންމަތިވީ ކީއްވެތޯ ދެންނެވުމުން އަހުމަދު ވިދާޅުވި އެވެ.
މޫނު ބުރުގާ ނާޅާ ޓީޗަރުން މާސްކް އަޅައިގެން ކިޔަވައިދޭ ގޮތަށް، މޫނުބުރުގާ އެޅި ޓީޗަރުންނަށް ވެސް މާސްކާ އެކު ކިޔަވައިދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ މޫނު ބުރުގާގެ މައްސަލައިގައި އޭނައާ ހަމައަށް މިހާތަނަށް ޝަކުވާއެއް ނާންނަ ކަމަށެވެ. ނަމަވެސް ބަޔަކު އަމިއްލަ ފައިދާ އަށް ކަމެއް ނަގައިގެން މީޑިއާ އަށް ތިލަކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްކޫލްގައި ޅަ ދަރިންނަށް މި ފޯރުކޮށްދޭ ތައުލީމަށް އަސަރު ފޯރާ ގޮތަށް ނުވަތަ ނުރަނގަޅު އަސަރު ފޯރާ ގޮތަށް ކުރެވޭ ކަންކަން އެ ހުންނަނީ."
އެކަމަކު އެނގިފައިވާ ގޮތުގައި، މި ސަރުކާރު އައިސް މޫނު އަޅައިގެން ހުރެ ވެސް ކިޔަވައިދެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެކަން ތަންފީޒުކުރުމަށް ބައެއް ސްކޫލުތަކަށް އަންނަނީ އަންގަމުންނެވެ. އަދާލަތު ޕާޓީން އެޑިއުކޭޝަނަށް ސިޓީއެއް ފޮނުވީ ވެސް އެ މައްސަލައިގެ ޝަކުވާތައް ބޮޑުވުމާ ގުޅިގެންނެވެ.
"ބައެއް ޓީޗަރުންނަށް ވެސް އެބަ އަންގާ މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭނެ ކަމަށް،" މި މައްސަލަ ރަނގަޅަށް އެނގިހުރި މީހަކު ބުންޏެވެ.
އަދާލަތު ޕާޓީގެ ސިޓީގައި ބުނީ ޓީޗަރުންގެ ގޮތުގައި އަދި އެ ނޫން ހައިސިއްޔަތުން އާއްމުންނަށް ހިދުމަތްދިނުމަށް ބޭނުންވާ މޫނު ބުރުގާ އެޅި އަންހެނުންނަށް އެ ފުރުސަތު އޮންނަންވާނެ ކަމަށެވެ. އަދި ކުޑަކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫނު ދަރިވަރުންނަށް ފެނުން މުހިއްމު ކަމަށް ގަބޫލުކުރެވޭ ނަމަ، އެކަމަށް އެކަށީގެންވާ މާހައުލެއް ފަހިކޮށްދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް އަދާލަތުގެ ސިޓީގައި ބުންޏެވެ.
އަމީނިއްޔާ ސްކޫލުގައި މީގެ ކުރިން ބޭއްވި އެސެމްބްލީއެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ-- ފައިލް ފޮޓޯ: މިހާރު
"އެފަދަ މާހައުލެއް ތަނަވަސްކޮށް ނުދެވުމަކީ މޫނު ބުރުގާ އަޅުއްވާ އިލްމީ ގާބިލް ބޭފުޅުންގެ ހައްގު ހަނިކުރައްވައި ތައުލީމީ ދާއިރާއިން އެ ކަނބަލުން މަހްރޫމް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި ތަފާތު ނުކުރުމާއި އަންހެނުން ބާރުވެރި ކުރުމާއި ގައުމު ބިނާކުރުމުގައި އެކަނބަލުންގެ ހިއްސާ އިތުރު ކުރަންޖެހޭ ކަމަށް އަޅުގަނޑުމެން އެންމެން ގޮވާލާ ޒަމާނެއްގައި މި ފަދަ ސިޔާސަތެއް މިނިސްޓްރީން ގެންގުޅުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި މި ޕާޓީން ދެކެމެވެ،" ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވެ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އަދާލަތު ޕާޓީން ވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ކިޔަވައިދިނުމާއި އެނޫން ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރަސްއެޅޭގޮތަށް ގެންގުޅޭ ސިޔާސަތުތައް މުރާޖައާކޮށްދިނުމަށް އެދިފަ އެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާއި ކިޔެވުމުގެ މައްސަލަ ބޮޑުވެ، މީގެ ކުރިން ދެ ތިން ފަހަރަކު ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ ތަނުން އެއް މައްސަލައަކީ، ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އަދި މިހާރުގެ އިސްލާމިކް ޔުނިވާސިޓީ އަށް މޫނު ބުރުގާ އަޅައިގެން ކިޔަވަން ނުދެވޭތީ 2012 ވަނަ އަހަރު ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެވެ.
އެ މައްސަލައިގެ ވަގުތީ އަމުރު ނެރެދީފައިވަނީ މޫނު ބުރުގާ އަޅައިގެން އެ މަރުކަޒުން ކިޔެވުމުގެ ފުރުސަތު ދިނުމަށް އަންގައިފަ އެވެ. އެކަމަކު ކުއްލިއްޔާއިން އޭރު ބުނީ އެ އަމުރަށް ތަބާ ނުވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ކުއްލިއްޔާގެ އުސޫލުތައް ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ގޮތް ހެދި އެވެ. އެހެންވެ، އެ މައްސަލަ އަނބުރާ ކޯޓުން ނެގީ އެވެ.
އިދިކޮޅު އެއްވުމުގައި ބައިވެރިވި ދެ ޓީޗަރަކު ވަކިކުރަނީ
ބައެއް މީހުންނަށް ޖަމާކުރި މުސާރަތަކުގައި މައްސަލަ!
ރިޓަޔާކުރާ އުސޫލަށް ގެނައި ބަދަލާމެދު ހިތްހަމަނުޖެހުން
ސިވިލްސާވިސްގައި އިސްކޮށް އަންހެނުން މަދު ސަބަބު ބަލަނީ
މުސާރަ ނުލިބޭގޮތަށް ޓީޗަރު ސަސްޕެންޑްކުރީ އޮޅުމަކުން
ރައީސްގެ ގަރާރާ ދެކޮޅުވި ޓީޗަރަކު ސަސްޕެންޑްކޮށްފި
"ފިލާވަޅު ފަހުމްވުމުގައި މޫނުގެ އިޝާރާތް މުހިއްމު"
ލީޑިން ޓީޗަރުންގެ މަގާމު ސީއެސްސީން އުވާލައިފި
ސައީދުގެ ބަދަލުގައި އެޑިއުކޭޝަނަށް އާ ޕީއެސްއެއް
ވަޒީފާއިން ވަކިކުރި މައްސަލައިގައި ސައީދު ކޯޓަށް ދަނީ