Roadha Mihaaru
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފައްދައިފި

މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްގެ ނަމުގައި އިދާރާއެއް

19 ޖެނުއަރީ 2022

"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" ގެ ނަމުގައި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހާއްސަ އިދާރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" ގެ ނަމުގައި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހާއްސަ އިދާރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އިދާރާ އުފައްދާފައި ވަނީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާ ނުވަތަ ވުޒާރާތައް އުފެއްދުމުގެ މާއްދާގެ ދަށުން ރައީސް އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށެވެ.

މި އިދާރާ އުފެއްދެވުމާ އެކު، ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީތަކުގައި ނަންބަރު ޖަހާއިރު، މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އަށް ލިޔާ ސިޓީގައި ޖަހަން ޖެހޭނީ 487 ކަމަށް ވަނީ އަންގައިފަ އެވެ.

ހައިޑްރޯގްރެފީގެ މަސައްކަތްތަކަށް ހާއްސަ އިދާރާއެއް ސަރުކާރުން އުފެއްދިއިރު، އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވަނީ ހައިޑްރޯގްރަފީ އެންޑް އޯޝަން އިކޮނޮމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އިދާރާގެ މަސައްކަތްތައް

މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޯގްރަފީގެ ސަވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ. ހައިޑްރޯގްރަފީއަކީ ކަނޑުތަކާއި ކޯރު ފަދަ ތަންތައް ދިރާސާކޮށް އެތަންތަނުގެ ޗާޓުތައް ތައްޔާރުކުރުން ފަދަ ކަންކަމުގައި ބޭނުންކުރާ ސައިންސްގެ ފަންނެކެވެ.

ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފީ ސަވޭތަކުގެ މައުލޫމާތު ހޯދައި، މައުލޫމާތު އެއްކޮށްފައި ބެލެހެއްޓުމާއި ފޯރުކޮށްދިނުމާއި އަދި އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާދިނުން ވެސް އެ އިދާރާގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.

- ރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަޕްޑޭޓްކޮށް އާންމުކުރުމާއި އަދި ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަޕްޑޭޓްކުރުން.

- ރާއްޖޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މައުލޫމާތު އާންމުކުރުން.

- ރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.

- ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމިއްޔާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރުމާއި ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކުރުން.

ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.

މީގެ އިތުރުން ހައިޑްރޯގްރަފީގެ ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި އަދި އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ވެސް އެ އިދާރާއިން ފޯރުކޮށްދޭން ޖެހެ އެވެ.