Roadha Mihaaru
ގުރޫޕުގެ އެއްވަނަ ނައިޖީރިއާ އަށް، މިސްރަށް ދެވަނަ

އެފްރިކަން ކަޕް: ގުރޫޕުގެ އެއްވަނަ ނައިޖީރިއާ އަށް، މިސްރަށް ދެވަނަ

20 ޖެނުއަރީ 2022

ކެމަރޫން (ޖެނުއަރީ 20) - މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން އެއް ވަނަ ޓީމުގެ ގޮތުގައި ނައިޖީރިއާ ދެވަނަ ބުރަށް ދިޔައިރު،، ގުރޫޕުގެ ދެވަނަ މިސްރު ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެމަރޫން (ޖެނުއަރީ 20) - މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން އެއް ވަނަ ޓީމުގެ ގޮތުގައި ނައިޖީރިއާ ދެވަނަ ބުރަށް ދިޔައިރު،، ގުރޫޕުގެ ދެވަނަ މިސްރު ހޯދައިފި އެވެ.

ނައިޖީރިއާ އަކީ 100 ޕަސެންޓު މޮޅާ އެކު ދެވަނަ ބުރުން ޖާގަ ހޯދި ހަމައެކަނި ޓީމެވެ. ފުރަތަމަ ދެ މެޗުގައި މިސްރާއި ސޫދާން ބަލިކޮށް ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައިވާ ނައިޖީރިއާ ރޭގެ މެޗު ގިނީ-ބިސާއުއާ ވާދަކޮށް ކާމިޔާބު ކުރީ 2-0 އިންނެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި ނައިޖީރިއާ އަށް ލީޑު ނަގައިދިނީ ސްޕެއިންގެ ޔޫޑީ އަލްމެރިއާ އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އުމަރު ސޯދިގެވެ. މެޗުގެ 75 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހީ އިނގިރޭސި ކްލަބް ވަޓްފޯޑަށް ކުޅެމުން އަންނަ ޑިފެންޑަރު، ކެޕްޓަން ވިލިއަމް ޓްރޫސްޓް-އީކޮންގް އެވެ.

މީގެ ކުރިން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ނައިޖީރިއާ، ގަދަ 16 ޓީމު ވާދަކުރާ ދެވަނަ ބުރުގައި ނުކުންނާނީ ގުރޫޕްތަކުގެ ތިންވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ.

މިސްރުގެ ސަލާހު އަތުން ސޫދާން ކުޅުންތެރިޔަކު ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިސްރުގެ ސަލާހު އަތުން ސޫދާން ކުޅުންތެރިޔަކު ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިސްރު މި ގުރޫޕުގެ ދެވަނަ ހޯދީ ގުރޫޕުގެ ފަހު މެޗުގައި ރޭ ސޫދާނާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މިސްރުގެ ހަމައެކަނި ލަނޑު މެޗުގެ 35 ވަނަ މިނިޓުގައި ޖަހައިދިނީ ޒުވާޏްން ފޯވާޑް މުހައްމަދު އަބްދުލްމުންނިމެވެ. ސޫދާންގެ ކީޕަރު ވަނީ މިސްރު ޓީމުގެ ލިވަޕޫލް ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއު ކޮށްފަ އެވެ.

މިއީ 1970 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި އެފްރިކަން ކަޕް ކާމިޔާބުކުރި ސޫދާން 2012 ވަނަ އަހަރަށް ފަހު މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އެންމެ ޕޮއިންޓަކާ އެކު އެޓީމު ނިންމާލީ ގުރޫޕުގެ ތިންވަނައިގަ އެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މިސްރު ވާދަކުރަން ޖެހޭނީ ގުރޫޕް އީގެ އެއްވަނަ ހޯދާ ޓީމަކާ އެވެ. ގުރޫޕް އީގެ އެއްވަނައިގައި މި ވަގުތު އޮތް އައިވަރީ ކޯސްޓް މިރޭ ނުކުންނާނީ ގުރޫޕުގެ ފުލުގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާއާ ދެކޮޅަށެވެ. އަދި ދެވަނައިގައި އޮތް އިކުއެޓޯރިއަލް ގިނީ ނުކުންނާނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް އެއްވަރުކޮށްފައިވާ ސިއެރާ ލިއޯނާ ދެކޮޅަށެވެ.

ގުރޫޕް އެފްގެ ދެ މެޗު ވެސް މިރޭ ކުޅޭނެ އެވެ. އެއް މެޗުގައި ގެމްބިއާ އާއި ޓިއުނީޝިއާ ވާދަކުރާއިރު ދެން ކުޅޭނީ މާލީ އާއި މޮރިޓޭނިއާ އެވެ. މި ދެ މެޗަށް ފަހު މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމޭނެ އެވެ.