Roadha Mihaaru
ކޮވިޑުގައި މަރުވާ މީހުން ހިނަވާ ގޮތަށް ހަމަޖައްސައިފި

ކޮވިޑުގައި މަރުވާ މީހުން ހިނަވާ ގޮތަށް އުސޫލު ބަދަލުކޮށްފި

22 އޯގަސްޓް 2021

ކޮވިޑު-19 ގައި މަރުވާ މީހުން، ހިނެވުމަށް ފަހު ވަޅުލާ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ގައި މަރުވާ މީހުން، ހިނެވުމަށް ފަހު ވަޅުލާ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ރާއްޖެ އިން އެ ބަލީގައި މަރުވި މީހުން މިހާތަނަށް ވަޅުލަމުން އައީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރުމަށް ފަހު އެވެ. އަދި މައްޔިތާގެ މޫނެއް ވެސް އޭރު ނުދައްކަ އެވެ.

ނަމަވެސް ކޮވިޑްގެ ކޭސްތައް ދަށަށް ދާން ފެށުމުން ލުއިތަކެއް ގެނެސް، އުސޫލަށް ބަދަލުތައް ގެންނަން ފެށުމާއެކު، ކޮވިޑުގައި މަރުވާ މީހުންގެ މޫނު ދައްކަން ވެސް ފަހުން ފެށި އެވެ.

އެގޮތުން، ކޮވިޑުގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތަކަށް ގެނައި ބަދަލާއެކު، މިއަދު ވަނީ ހިނެވުމަށް ފަހު ފުރަތަމަ މައްޔިތާ ވަޅުލައިފަ އެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މަރުވި އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.

ކަށުކަމާކެމީގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު މުނައްވަރު "މިހާރު" އަށް ބުނީ ކޮވިޑުގައި މަރުވާ މީހުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހިނަވާނެ ގޮތްތައް ކިޔައިދިނުމަށް އިސްލާމިކް މިނިސްޓްރީން މީގެ ފަސް ވަރަކަށް ދުވަސް ކުރިން ބޮޑު ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ޖަމާއަތްތެރިން ބައިވެރިވި އެވެ.

"މިހާރު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ވެސް ދޭން ފެށުމުން، ގައިންގަޔަށް ބަލި އެރުމުގެ ފުރުސަތު ދަށް ކުރެވުމުގެ ކަންތައްތަކާ ހެދި ކަމަށް ބެލެވެނީ ހިނެވުމުގެ އުސޫލު ބަދަލުކުރީ. ދެން ވެސް ޕީޕީއޭ ލައިގެން އުޅެން ޖެހޭނީ،" މުނައްވަރު ބުންޏެވެ.

އޭނާ ބުނިގޮތުގައި، ކޮވިޑުގައި މަރުވާ މީހުން ވަޅުލާ އުސޫލު ބަދަލުކޮށްދިނުމަށް ދީނީ އިލްމުވެރިންނާއި އާއްމުންގެ ގިނަ ބަޔަކު ވެސް ދިޔައީ އެދެމުންނެވެ. އެ ކަންކަމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން މަޝްވަރާކޮށް، ނިންމީ ކޮވިޑުގައި މަރުވާ މީހުން ހިނެވުމަށް ފަހު ވަޅުލާށެވެ.

އަލަށް ގެނައި ބަދަލާއެކު ކޮވިޑުގައި މަރުވާ މީހުން ހިނަވާނީ މޫނު ދެއްކުމަށް ފަހުގަ އެވެ. ހިނެވުމަށް ފަހު ސަންދޯކަށް ލައި ވަގުތުން ކަށުނަމާދު ކުރާނެ އެވެ.

ރާއްޖޭގައި ކޮވިޑުގައި މިހާތަނަށް 223 މީހަކު މަރުވެފައި ވެ އެވެ.