Roadha Mihaaru
ހުކުމާ އެކު ޔާމީންގެ މަރުގެ މައްސަލަ ބަލަން ފަށައިފި

ހުކުމް ކުރުމާ އެކު ޔާމީންގެ މަރުގެ މައްސަލަ ކޮމިޝަނުން ބަލަނީ

20 ޖެނުއަރީ 2022

ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގާތީ ނުބެލި މަޑުޖެހިފައި އޮތް ޔާމީން ރަޝީދު މަރާލި މައްސަލަ ރިޔާސީ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގާތީ ނުބެލި މަޑުޖެހިފައި އޮތް ޔާމީން ރަޝީދު މަރާލި މައްސަލަ ރިޔާސީ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް "މިހާރު"އަށް ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު އެ ކޮމިޝަނުން ބާރަށް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

ކުރިން ވެސް ބައެއް މަސައްކަތް އެ މައްސަލައިގައި ކޮމިޝަނުން ކުރި އެވެ. އެކަމަކު މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް އެކަނި ކުށް ސާބިތުވެ ގިނަ ބަޔަކު ދޫވި މައްސަލައިގައި ކޮމިޝަނުން ވާހަކައެއް ނުދެއްކި އެވެ.

ހުކުމް އައީ ކޮމިޝަނުން ހިންގި ތަހުގީގުގެ މައްޗަށް ކަަމަށް ނުވާތީ އޭގައި ކޮމިޝަނުން އެއްޗެއް ބުނަން ޖެހޭ ކަމަކަށް މިސްބާހް ދެކެވަޑައިނުގަންނަވަ އެވެ.

"ބާރަށް އެ ތަހުގީގު އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" މިސްބާހް ވިދާޅުވި އެވެ.

އަހަރެއްހާ ދުވަސް ކުރިން ފެށިގެން ރާވައި ފާރަލަމުން ގޮސް ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ހަތަރު މީހަކު މިނިވަންވުމުގައި ފުލުހުންގެ ތަހުގީގާއި ދައުވާގައި ހުރި ގޯސްތައް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ. ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ އިރު ހަތަރު މީހަކު ސަލާމަތްވުމުގައި، ޕީޖީ އޮފީހަށް ފުރުސަތު ދިނުމުން ވެސް އިތުރު ދައުވާއެއް އެ މީހުންގެ މައްޗަށް އުފުލާފައި ނުވުން ހުކުމުގައިވެ އެވެ.

އެންމެންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި އޮތުމުން ކޯޓުން ދިނީ އެކަން ބަދަލުކުރުމުގެ ފުރުސަތެވެ. އަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ނަމަ އެކަމަށް އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮތަސް ދައުލަތުން އެ ގޮތަށް ހުށަނޭޅީ ކަމަށް ކޯޓުން ބުންޏެވެ.

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދައިދޭން މި ސަރުކާރުގައި އުފެއްދި މަރު ކޮމިޝަނުން ޔާމީންގެ މަރުގެ މައްސަލަ ބަލަން ފެށިޔަސް ވަކި ހިސާބަކުން މަޑުޖައްސާލަން ޖެހުނީ، ކޯޓުގައި މައްސަލަ ހިނގަނިކޮށް ކޮމިޝަނަށް މީހުން ހާޒިރުކޮށް ސުވާލުކުރުމަކީ ޝަރީއަތުގައި އޮތް މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ވެދާނެތީ އެވެ.

ޔާމީންގެ މަރަށް އިންސާފު ހޯދަން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވެސް ކޮމިޝަނުން އޭރު ބުނެފައި ވަނީ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުންދާ އިރެއްގައި ތަހުގީގު ހިންގުމުން، ސުވާލު އުފައްދަފާނެތީ އެ މައްސަލައާ ގުޅިގެން ކުރަން ހުރި ކަންކަން މަޑުޖައްސާލާފައިވާ ކަމަށެވެ. އެ މައްސަލާގައި ކޯޓުން ގޮތެއް ނުނިމި ލަސްވާތީ އޭރު ކޮމިޝަނުގެ ކަންބޮޑުވުން އޮތެވެ.

އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މީގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

ޔާމީންގެ މަރާލި ކަން ދެ މީހެއްގެ މައްޗަށް ސާބިތުވިޔަސް ހުރިހާ ވާރިސުން ގިސޯސް ހިފަން ބޭނުން ނުވާތީ ކޯޓުން ހުކުމްކުރީ ގާތިލުން އުމުރަށް ޖަލަށް ލައި 1.3 މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ނަގައި ދިނުމަށެވެ.

ޔާމީން މަރާލި މައްސަލައިގެ ހުކުމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޔާމީން މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވެ، އެންމެ އިސްދައުރެއް އަދާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަކީ އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ނަމަވެސް ހަތަރު މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އެބައޮތް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ މައްސަލައިގެ ބަޔާންތަކާއެކު މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ދިރާސާކުރުމަށް ފަހު، އެ ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.