Roadha Mihaaru
ވިސްނުމަކީ ކޮވިޑާއެކު އުޅެން ދަސްކުރުން:ޑރ.އަފްޒަލް

ހަރުކަށި ފިޔަވަޅުތަކުގެ ބަދަލުގައި ވިސްނުމަކީ ކޮވިޑާއެކު އުޅެން ދަސްކުރުން: ޑރ. އަފްޒަލް

23 ޖެނުއަރީ 2022

ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި މިހާރުގެ ވިސްނުމަކީ ކޮވިޑާއެކު އުޅެން ދަސްކުރުން ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި މިހާރުގެ ވިސްނުމަކީ ކޮވިޑާއެކު އުޅެން ދަސްކުރުން ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ތަނުގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް ފެތުރުނު ފުރަތަމަ ދުވަސްވަރު ހަރުކަށި ފިޔަވަޅުތައް އެޅީ އޭރު އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތުތަކެއް ނޭނގޭތީ ކަމަށެވެ.

އެފަދަ ބަލިމަޑުކަމަކަށް އޭރު އެއްވެސް ގައުމެއް ތައްޔާރު ވެފައި ނެތުމުން ބޯޑަރުތައް ބަންދުކުރުން ފަދަ އެންމެ ހަރުކަށި ފިޔަވަޅުތައް ނަގަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޕްރީލް 15، 2020 ގައި މާލެ އިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމުން، ހަމަ އެ ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކޮށް، ހަރުކަށި ފިޔަވަޅުތައް އަޅައި ރާއްޖޭގެ ބޯޑަރު ބަންދުކުރި އެވެ. ދެ މަސް ދުވަހުގެ ލޮކްޑައުނަކަށް ފަހު ލުއިތައް ދޭން ފެށީ ޖޫން 15، 2020 ގަ އެވެ.

އޭގެ ފަހުން، ޑެލްޓާ ވޭރިއެންޓާއެކު ކޭސްތައް އިތުރުވާން ފެށުމުން ވެސް މިދިޔަ އަހަރު ކާފިއު އިއުލާންކޮށް، ފިޔަވަޅުތައް ހަރުކަށި ކުރި އެވެ.

"އޮމިކްރޮން" ވޭރިއެންޓާއެކު ރާއްޖޭގެ ކޭސްތައް ރިކޯޑު އަދަދަކަށް މި ދުވަސްވަރު އިތުރުވި ނަމަވެސް، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުން ނޫނީ އިތުރު ކަމެއްގައި ފިޔަވަޅެއް ނާޅަ އެވެ. އެހެންވެ، މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވެސް އެކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އެޗްޕީއޭ އަށް އަމާޒުވި އެވެ.

މިހާރު އަޅުގަނޑުމެންގެ ހިޔާލުތައް މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް. ކޮންމެ ގޮތެއް ވިޔަސް 3-4 އަހަރަށް ދިގުދެމިގެން ދިޔަސް އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ ހުރިހާ ވަގުތެއްގައި އިމަޖެންސީ ހާލަތެއްގައި. ގައުމުގެ އިގުތިސޯދު ވެސް އަނބުރާ ގެންދަންޖެހޭ، އާމްދަނީ ހޯދާ މީހާއަށް އޭނާ މަސައްކަތަށް ނުކުންނަންޖެހޭ. ކިޔަވާ ކުދިން ވެސް ކިޔަވަންޖެހޭ،"--- ޑރ. އަފްޒަލް

އޭގެ ޖަވާބުގައި ޑރ. އަފްޒަލް ވިދާޅުވީ، ހަރުކަށި ފިޔަވަޅުތަކުގެ ބަދަލުގައި މިހާރު ވިސްނުން ގެންގުޅެނީ ކޮވިޑާއެކު ދިރިއުޅުން ކުރިއަށް ގެންދާށެވެ. ބަލީގެ ކުރީކޮޅު އެޅި ހަރުކަށި ފިޔަވަޅުގެ ސަބަބުން އާއްމުން އުޅުނު ހާލު ހަނދާން ނެތޭހާ ދުވަހެއް އަދި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވިގޮތުގައި، އެންމެ ބޮޑު ފިޔަވަޅަކީ އާއްމު މީހާގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުކުރުމެވެ. ނަމަވެސް ހާލަތަށް އަންނަ ބަދަލުތަކުން ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތުމުން، މިހާރު ދީފައިވާ ލުއިތަކާއެކު، ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.

"މިހާރު އަޅުގަނޑުމެންގެ ހިޔާލުތައް މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް. ކޮންމެ ގޮތެއް ވިޔަސް 3-4 އަހަރަށް ދިގުދެމިގެން ދިޔަސް އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ ހުރިހާ ވަގުތެއްގައި އިމަޖެންސީ ހާލަތެއްގައި،"ޑރ. އަފްޒަލް ވިދާޅުވި އެވެ.

"ގައުމުގެ އިގުތިސޯދު ވެސް އަނބުރާ ގެންދަންޖެހޭ، އާމްދަނީ ހޯދާ މީހާ އަށް އޭނާ މަސައްކަތަށް ނުކުންނަންޖެހޭ. ކިޔަވާ ކުދިން ވެސް ކިޔަވަންޖެހޭ."

އެހެންވެ، ޑރ. އަފްޒަލް ވިދާޅުވީ މިހާރު ބަލަނީ އާއްމު ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް ނުގެނެސް ވީހާ ވެސް ބޮޑަށް ރައްކާތެރި ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ.