Roadha Mihaaru
އިންޑިއާ އައުޓެކޭ ނުކިޔޭނެ، ދާންޖެހޭނީ ޖަލަށް: ޝިފާޒް

އިންޑިއާ އައުޓެކޭ ނުކިޔޭނެ، ޔާމީން ދާންޖެހޭނީ ޖަލަށް: ޝިފާޒް

24 ޖެނުއަރީ 2022

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޭބުމަށް ގޮވާލައި، "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅަށް ކެމްޕެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޭބުމަށް ގޮވާލައި، "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅަށް ކެމްޕެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރޭ ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން އިދިކޮޅުން ފުޅާކުރީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެ، އެ ހަރަކާތް ފުޅާކުރަން އެންގެމުންނެވެ. އެ ހަރަކާތުގެ ދަށުން ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުން އަންނައިރު މޭމަތީގައި "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން، އެކި ރަށްރަށަށް ދަތުރުފުޅު ކުރައްވައި، ގޭގޭގެ ފާރުގައި ވެސް "އިންޑިއާ އައުޓް" ޖެހުމަށް ވެސް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، މުޅި ދުނިޔެއާ ޖެހިގަނެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓައިލުމުގެ ފުރުސަތު ޔާމީނަށް ދޭން ބޭނުންނުވާ ކަމަށެވެ. އެހެން ގައުމުތަކަށް ދަތުރުނުކުރެވި، ދިވެހިން ރާއްޖޭގައި ތާށިވެފައި ތިބެން ޖެހިދާނެ ފަދަ ހާލަތަކަށް ދާން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުން ތަހައްމަލު ކުރަނީ ބިރުވެރި ކަމެއް. ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން، ވަކިން ހާއްސަކޮށް އިންޑިއާ މީހުން ތިބީ ބިރުވެރި ކަމެއްގަައި. މި ރާއްޖޭގައި ވެރިކަން ކޮށްފައި ހުރި ފަރާތަކުން އާންމުކޮށް އިއުލާންކޮށް، ރަށްތަކުގައި ފާރުތަކުގައި އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ޝުއޫރުތައް ފާޅުކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް،" ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާ ޝިފާޒް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ބައިވެރިންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމްކުރައްވަނީ-- ފޮޓޯ: ޕީޕީއެމް

އިންޑިއާ އައުޓް ހަރަކާތުގެ ބައިވެރިންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމްކުރައްވަނީ-- ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވިގޮތުގައި، ދައުލަތުގެ މާލިއްޔަތުން ހަރަދުކުރާ ބޭފުޅަކު އެގޮތަށް އަމަލު ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެމްޑީޕީ ވެރިކަމުގައި އޮވެ، އެ ކަމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ މި ދަންނަވަނީ [އިންޑިއާ] އައުޓެއް ނުވެވޭނެ. ވާން ޖެހޭނީ އިން. ޔާމީން ޖެހޭނީ އަލުން އަނބުރާ އޮތް ތަނަށް [ޖަލަށް] ރުޖޫއަވާން. އެތެރެއަށް ދާން ޖެހޭނީ. ޖަލަށް ދާން ޖެހޭނީ. ޔާމީން އެ ކުރަނީ އަލުން އަނބުރާ ޖަލަށް ދާން ބޭނުންވެގެން ކުރާ މަސައްކަތެއް،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮންމެ ކެމްޕެއިނެއް ފަށާއިރަށް، އެމްޑީޕީއަކީ ކޮން ކަމެއް ކޮށްދިން ޕާޓީއެއްތޯ ސުވާލުކޮށް، އިދިކޮޅުން އެ ޕާޓީއާ ދިމާކޮށްލާ ކަމަށާއި އެކަމަކު "ލަދެއް ހަޔާތެއް ހުރި ނަމަ، އެ ޕާޓީއަށް އެއްޗެއް ނުބުނާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ، އެމްޑީޕީއަކީ ކިޔަވާ ކުދިންނަށް ހިލޭ ފޮތް ފަންސޫރު ލިބޭނެ އިންތިޒާމު ހަމަޖެއްސި ޕާޓީ ކަމަށާއި އަދި ބޭސް ފަރުވާ އަށް ސަލާން ޖެހުން ހުއްޓުވި ޕާޓީއަކީ ވެސް އެއީ ކަމަށެވެ.

"އޭރުގައި ތީމުގޭ ކައިރީގައި އޮންނަ ކިއު ގޮސް އަނެއް މަގާ ހިސާބަށް. ބަލާއިރުގައި ބޭސް ފަރުވާ އަށް ސަލަން ޖަހަން. ހަމަ މި ޕާޓީ އެ ހާލަތުން އަރައިގަތުމަށް ވީ ވައުދަކީ ހިލޭ ބޭސް ފަރުވާ ކޮށްދޭންޖެހޭ ކަން. ބޭސް ސިޓީ އަށް ސަލާން ޖެހުން ނައްތާލަންޖެހޭ ކަމަށް. މިއަދު ދިވެހި ރައްޔިތުން މި ކަންކަމުން ހަނދާން ނެތިގެން ދާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވިގޮތުގައި، ކޮންމެ ކެމްޕެއިނަކާ ދިމާކޮށް، އެމްޑީޕީ އަށް އެކި ކަހަލަ ތުހުމަތުތައް އިދިކޮޅުން ކުރަމުން ދިޔަ ނަމަވެސް ޕީޕީއެމަށް ތާއިދުކުރާ މީހުން ވެސް އެ މީހުންގެ ދަރިންނަށް ހިލޭ ކިޔަވައިދެނީ އެމްޑީޕީން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ބަލިވީމާ ފަރުވާ ހޯދަނީ ވެސް ހަމަ އެ ޕާޓީން ގެނައި ބަދަލުން ކަމަށް ވިދާޅުވި އެވެ.

"މިއީ އެހެން ބައެއް ގެނައި ބަދަލެއް ނޫން. އެ ވާހަކަ ވެސް ދެއްކީއެއް ނޫން. އެކަން ނުވާ ތަނުގައި އެންމެ ކުޑަމިނުން ވާހަކަ ވެސް ނުދައްކާ،" ޝިފާޒް ވިދާޅުވި އެވެ.

މި ސަރުކާރުން ރާއްޖޭގައި ހިލޭ ޑިގްރީ އަށް ކިޔެވުން ތައާރަފު ކޮށްފައިވާއިރު، އެކަމަށް އިޝާރާތްކުރައްވައި ޝިފާޒް ވިދާޅުވީ ހަމައެކަނި ކޮމަންޑޫގެ 48 ދަރިވަރަކު އެ ޕްރޮގްރާމްގެ ދަށުން ކިޔަވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން އެ ކުދިންނަށްޓަކައި އުފުލަމުން ދަނީ ކިހާ ބޮޑު ތަކުލީފެއްކަން އެނގެނީ ކޮން ބެލެނިވެރިއަކަށްތޯ ސުވާލުކުރެއްވި އެވެ.

"ސާޅީސް އަށް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހަރަދަކީ ކިތައް ރަށުގެ ބަނދަރުތޯ؟ ކިތައް ރަށުގެ ފެނާއި ނަރުދަމާތޯ އެއީ؟ އެހެންވީމާ އަޅުގަނޑުމެންނާ ދިމާލަށް އެއްޗެކޭ ކިޔައިގެން ނުވާނެ. ހެޔޮ ނުވާނެ، ލަދެއް ހަޔާތެއް ހުރިއްޔާ އަޅުގަނޑުމެންނާ ދިމާލަށް [އެމްޑީޕީ އަށް] އެއްޗެކޭ ބުނާކަށް ނުވާނެ. ހަމަ ވިސްނޭ ރައްޔިތަކު މި ޕާޓީއާ ދިމާލަށް އެއްޗެކޭ ނުބުނާނެ،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިންތިހާބެއްގައި އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކޮށް، އެ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ތިލަފަތެއް ޖަހާފައި ހުންނަހާ ހިނދަކު އެހެން ދިމާލެއްގައި ހެޔޮ ފާހަގަ ޖެހުމަކީ އޮތް ޗޮއިސްއެއް ނޫނެވެ. އެއީ އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ބަދަލެއް ގެނެސްދެވިފައި ނެތުމުން ކަމަށް ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި އެމްޑީޕީ ހަރަކާތްތެރިވަމުން އަންނަތާ މިހާރު 17 އަހަރު ވެފައިވާ ކަމަށާއި އެ ޕާޓީ ވުޖޫދުވިތާ ކައިރީގައި އެތައް ޕާޓީއެއް އުފެދިގެން އައި ނަމަވެސް އެ ޕާޓީތަކަށް ވި ގޮތް "ރަށެއްގައި ވިހާ މަރުވާ ރަޖިސްޓްރީ އަށް ވުރެ ނަންތައް،" ގިނަ ކަމަށް ޝިފާޒް ވިދާޅުވެ އެވެ. އޭގެ ތެރެއިން އޭނާ އިޝާރާތްކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އުފެއްދެވި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށެވެ.

ޝިފާޒް ވިދާޅުވީ ޕާޓީއެއް އުފެއްދުމުގައި ކާމިޔާބުވެ، އިންތިހާބަށް ކެންޑިޑޭޓެއް ނެރެވުމާއެކު، މި އިންތިހާބު އެ ޕާޓީ އަށް ނިމިފައިވާ ކަމަށެވެ.

"އެއީ ބޮޑުވަރު. ފަށައިގެން ބަޔަކަށް އެއީ ވަރަށް ބޮޑުވަރު. އެ ޕާޓީގެ ބޭފުޅުންނާ މަރޮށިން ދިމާވި. އެ ބޭފުޅުން ކެމްޕެއިން ނިންމާލައިފި. އެ ބޭފުޅުން ގަބޫލު ކުރެއްވި އަލަށް އުފެދުނު ޕާޓީއެއްގެ ގޮތުގައި ކާމިޔާބޭ،" އެމްއެންޕީ އަށް އިންތިހާބު ކާމިޔާބު ނުވާނެ ރާގަކަށް ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި އެމްޑީޕީ އާއި އެމްއެންޕީގެ އިތުރުން ދެން ވާދަކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕީއެމުންނެވެ.