Roadha Mihaaru
މިއީ ގިނަ ޕާޓީގެ ނިޒާމަށް ލިބުނު ކާމިޔާބެއް: އެމްޑީޕީ

ކޮމަންޑޫގެ ގޮނޑި ލިބުމަކީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމަށް ލިބުނު ބޮޑު ކާމިޔާބީއެއް: އެމްޑީޕީ

05 ފެބުރުއަރީ 2022

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރެއްވުމަކީ، ގިނަ ޕާޓީތައް ގުޅިގެން އެކުގައި މަސައްކަތް ކުރާ ނިޒާމަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރެއްވުމަކީ، ގިނަ ޕާޓީތައް ގުޅިގެން އެކުގައި މަސައްކަތް ކުރާ ނިޒާމަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ރާޝިދަށް ލިބިވަޑައިގަތް ބޮޑު ކާމިޔާބީ އަށް ފަހު، އެމްޑީޕީގެ އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، އެމްޑީޕީ އުފެދިގެން މިއަދާ ހަމައަށް އައިރު، ގިނަ ޕާޓީތައް ހިމެނޭ ނިޒާމެއްގެ ތެރެއިން، އެކުވެރިކަމާއެކު މަސައްކަތް ކުރަން ވަރަށް ގިނަ ކަންކަން ކުރި ކަމަށާއި މިއަދުގެ ނަތީޖާއަކީ އޭގެ ކާމިޔާބީއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ހާއްސަކޮށް، ގިނަ ޕާޓީތައް އެކުލެވޭ ނިޒާމަކަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތުގައި، ސުލްހަވެރި ސިޔާސީ ހަރަކާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ ޝިފާޒު ވިދާޅުވި އެވެ.

"އެކުވެރިކަމާއި އެއްބައިވަންތަކަން ހުރިހާ ޕާޓީއެއްގެ ތެރޭގައި ވެސް އޮތް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމަކަށް އަޅުގަނޑުމެން ފަރިތަވަމުން އަންނަ މިންވަރު އިންތިހާ އަށް ބޮޑުވެއްޖެކަން."

މި އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ސަރުކާރުގެ ކޯލިޝަން ތެރޭގައި ހިމެނޭ ބައެއް ޕާޓީތަކުގެ އެހީތެރިކަމާއެކު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރާޝިދަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ތައީދުކޮށްފައިވެ އެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ތާއީދެއް ރާޝިދަކަށް ނުލިބުނެވެ. އޭގެ ބަދަލުގައި އެމްއާރުއެމުން ނުކުތީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރާއި އެމްޑީޕީން ނުފޫޒު ފޯރުވި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ޕީޕީއެމްގެ މޫސާ ފަތުހީ އާއި އެމްއެންޕީގެ އަބްދުލްހަންނާން އިދުރީސާ ވާދަކޮށް، ރާޝިދު އެ ގޮނޑި ކާމިޔާބުކުރީ 200 އެއްހާ ވޯޓުގެ ތަފާތުންނެވެ. ނަމަވެސް އެއީ ސަރުކާރުގެ ނުފޫޒާއި އާރާއިބާރުގެ ތެރެއިން ބާއްވާ އިންތިހާބެއް ކަމަށް ބުނެ އިދިކޮޅުން ގެންދިޔައީ ކެމްޕެއިން ފެށުނީއްސުރެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާ އަށް ސަރުކާރުން ބައެއް މަޝްރޫއުތައް ފެށުމާއި ފައިސާގެ ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ވަރަށް ބޮޑެވެ.